ގައުމީ ޓީމުގެ އެޓޭކިން މިޑްފީލްޑާ އިސްމާއިލް އީސާ (މެސީ) ގައުމީ ޓީމާ ވަކިވެ، އޭނާގެ ކުލަބު މާޒިޔާގެ ޕްރެކްޓިހަށް ނިކުންނަން ފަށައިފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި މިއަންނަ އަންގާރަ ދުވަހުގެ ރޭ، އޮމާންއާ ދެކޮޅަށް ކުޅޭ މެޗަށް އެކުލަވާލި ޓީމުގެ ޕްރެކްޓިހަށްވެސް، އީސަ ނިކުތެވެ. ގައުމީ ޓީމު ވަކިވި ސަބަބާ ބެހޭގޮތުން އީސަ ބުނީ، މިވަގުތަށް އޭނާ އަށް އެންމެ ރަނގަޅު ގޮތަކީ ގައުމީ ޓީމާ ދުރަށް ޖެހިލުން ކަމަށެވެ.
"ބައެއް ސަބަބުތައް ހުރީމަ ގައުމީ ޓީމާ ދުރައް ޖެހިލީ،" މިދިޔަ ތިން އަހަރުން ފެށިގެން ގަވާއިދުން ގައުމީ ޓީމުން ޖާގަ ހޯދަމުން އަންނަ އީސަ ބުންޏެވެ. "މި ވަގުތު އަޅުގަނޑަށްވެސް އެންމެ ރަނގަޅު ގޮތަކަށް ވާނީ ގައުމީ ޓީމާ ދުރައް ޖެހިލުން ކަމަށް އަޅުގަނޑަށް ފެންނަނީ، އެހެންވެ ޓީމު ދޫ ކޮށްލީ."
އޭނާ ބުނީ ކުރިއަށް އޮތް މެޗުގައި، ޓީމަށް ކާމިޔާބަށް އެދޭ ކަމަށެވެ.
ގައުމީ ޓީމުގެ ކޯޗް ޑަރެން ސްޓްވާޓް ބުނީ އީސަ ޓީމު ދޫކޮށްލުން އެއީ އޭނާ [އީސަ] އަމިއްލަ އަށް ނިންމި ނިންމުމެއް ކަމަށެވެ. އީސަ، އަލުން ޓީމަށް އަންނަން ބޭނުން ވެއްޖެނަމަ އޭނާ އަށް މަރުހަބާ ކިޔާނެތޯ ސްޓްވާޓްއާ ސުވާލު ކުރުމުން އޭނާ ބުނީ، އޭނާ ކޯޗަކަށް ހުރެގެން އީސަ އަށް އަލުން ޓީމުން ފުރުސަތެއް ނުދޭނެ ކަމަށެވެ.
އީސަ އަށް އަލުން މަރުހަބާ ނުކިޔަން ނިންމީ ކީއްވެގެންތޯ ސުވާލު ކުރުމުން ކޯޗް ބުނީ އޭގެ ސަބަބު އީސަ އަށް އެނގޭނެ ކަމަށެވެ.
"ޓީމަށް ނަގާނީ ކޮން ކުޅުންތެރިންނެއް ކަން އެނގެނީ އަހަންނަށް، އެފްއޭއެމްގެ ރައީސް އަށްވެސް، އަދި ނެޝަނަލް ޓީމުތަކުގެ ކޮމިޓީގެ ޗެއާމަނަކަށް ވެސް ނޭންގޭނެ މިވެނި ކުޅުންތެރިޔެއް ޓީމަށް ނަގާށެކޭ، ވަކި ކުޅުންތެރިޔަކު ނަގަން އެންގި ނަމަވެސް އަހަރެން އެކަމެއް ނުކުރާނަން،" ކޯޗް ބުންޏެވެ. "ޓީމުގެ ނަތީޖާ ދަށް ވެގެން ވަޒީފާ ގެއްލޭނެ މީހަކީ އަހަރެން އެހެންވީމަ އެހެން މީހަކު ބޭނުންވާ ކުޅުންތެރިޔެއް އަހަންނެއް އަހަރެން ކޯޗު ކޮށްދޭ ޓީމަކަށް ނުނަގާނަން."
އޭނާ ބުނީ އެހެން ކޯޗަކު އައިސް އީސަ އަށް ފުރުސަތު ދޭނަމަ އެ ކޯޗާއެކު އީސަ އަށް ކާމިޔާބަށް އެދޭ ކަމަށެވެ.
އޮސްޓްރޭލިއާ އަށް ނިސްބަތްވާ ސްޓްވާޓް ބުނީ، ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަކީ، ދެކުނު އިރުމަތީ އޭޝިއާއިން އޭނާ އަށް ފެނުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި ނަމަވެސް އަޝްފާގް ވިޔަސް އެއްވެސް ކުޅުންތެރިޔަކު ގައުމީ ޓީމަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ.
"ދަގޭ އަކީ ދެކުނު އަދި އިރުމަތީ އޭޝިއާއިން ވެސް އަހަންނަށް ފެނުނު އެންމެ މޮޅު ކުޅުންތެރިޔާ، އަދި އޭނަ އަކީ ޓީމުގެ ކެޕްޓަން ނަމަވެސް އޭނާ ވެސް ގައުމީ ޓީމަށް ވުރެ ބޮޑު ނުވާނެ އެއީ އަހަރެން ވިޔަސް، ޓީމުގެ އެސިސްޓެންޓް ކޯޗް އިންމަ [އިސްމާއީލް މަހްފޫޒް]، ގޯލްކީޕަރު ޓްރެއިނާ އަސްލަމް [އަބްދުރަހީމް] ވިޔަސް ކިޓް މެނޭޖަރު ސައްތާރު ވިޔަސް ގައުމީ ޓީމަށްވުރެ ބޮޑު ހަމަ އެކަކުވެސް ނުހުންނާނެ."