ހަބަރު

ޓީޗަރުން މަސައްކަތް ކުރަނީ ބިރުވެރި މާހައުލެއްގަ: އެމްޑީޕީ

މިއަދު ރާއްޖޭގެ މުދައްރިސުން މަސައްކަތް ކުރަނީ ބިރުވެރި މާހައުލެއްގައި، ފަންނީ ހިޔާލު ފާޅުކުރުމެއް ނެތި ކަމަށް ބުނެ ތައުލީމީ ސިޔާސަތަށް އިދިކޮޅު އެމްޑީޕީއިން ފާޑު ކިޔައިފި އެވެ.

މުދައްރިސުންގެ ދުވަހާ ގުޅިގެން އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުދައްރިސުން މަސައްކަތް ކުރަމުން ދަނީ މަޖުބޫރުކުރުން ތަކެއްގެ ތެރޭގަ ކަމަށާއި ވެރިން ނުރުހިދާނެތީ، ނުވަތަ ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ބިރަށްޓަކައި ފަންނީ ގޮތުން ފާޅުކުރަން ޖެހޭ ހިޔާލާއި ފިކުރު ފާޅުނުކުރާ ކަމަށެވެ. މުދައްރިސުން މިހާރު މަސައްކަތް ކުރަނީ އިލްމީ ގޮތުން ދަރިވަރުންގެ ކަންކަން ގެންދާން ވާނެ ކަމަށް ޓީޗަރުންނަށް ފެންނަ ގޮތް ހާމަ ނުކޮށް "ބަސް އަހައިގެން" ކަމަށެވެ.

"މިއަދު، ސްކޫލްތަކުގެ ފަންނީ ކަންކަން ވެސް ހިންގަނީ ސީދާ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނެވެ. ސާނަވީ މަރުހަލާގައި ތިބޭ ކުދިންގެ ތެރެއިން ކިޔެވޭނެ ކުދިންނާއި ނުކިޔެވޭނެ ކުދިން، ގްރޭޑް 8 ގެ ފުރަތަމަ ޓާމްގެ ޓެސްޓަށް ބަލައި ކަނޑައަޅައި ސްކޫލުތަކަށް އަންގަނީ ސީދާ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ތިއްބަވާ ސިޔާސީ ބޭފުޅުންނެވެ. ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުގައި ބައިވެރިވާން ޖެހޭ ކުދިންނާއި ބައިވަރި ނުކުރަންވީ ކުދިން އަންގަނީ ވެސް މިދެންނެވި ސިޔާސީ ބޭފުޅުންނެވެ. ދިވެހިބަހާއި އިސްލާމް ކިޔަވައިދެއްވާ މުދައްރިސުންގެ ލަފައެއް ނުހޯދައި، އެތައް ކުދިބަޔަކު އިސްލާމް އަދި ދިވެހި އިމްތިހާނު ހެދުމުން މަހުރޫމްކޮށް ބާކީކޮށްލައެވެ." އެމްޑީޕީއިން ބުންޏެވެ.

ސްކޫލްތަކަށް ވެސް އަދި މުދައްރިސުންނަކަށް ވެސް މިނިވަންކަމާއެކު ފަންނީ ކަންކަން ކުރުމުގެ މާހައުލެއް މިއަދު ރާއްޖެއަކު ނެތް ކަމަށާއި މި ހާލަތުގައި މުދައްރިސުން ބާރުވެރިވަމުން ދިއުމުގެ ބަދަލުގައި މުދައްރިސުންގެ ފަންނުވެރިކަމާއި އަމިއްލަ އުފެއްދުންތެރިކަން ދާނީ އެއް ދުވަހުން އަނެއް ދުވަހަށް ދަށް ވަމުން ކަމަށް އެމްޑީޕީއިން ބުންޏެވެ.

"އޭގެ ނޭދެވާ އަސަރު ކުރާނީ އަޅުގަނޑުމެންގެ ދަރީންނަށެވެ. އެންމެ ފަހުން މުޅި މުޖުތަމައަށެވެ." އެމްޑީޕީއިން ބުންޏެވެ.

އެމްޑީޕީން ވަނީ ތައުލީމީ މުއައްސަސާތަކަށާއި އެތަންތަނުގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންނަށް ބިރެއް ނެތި މިނިވަންކަމާއެކު މަސައްކަތް ކުރެއްވުމުގެ ފުރުސަތު ދިނުމަށް ސަރުކާރަށް ގޮވާލާފަ އެވެ.