ހަބަރު

މެންބަރު ތޯރިގް އަލުން ސަރުކާރު ކޮޅަށް

Oct 5, 2017
22

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް، (ޓޮމް) އަނެއްކާ ވެސް ސަރުކާރާ ގުޅިވަޑައިގެން މަސައްކަތް ކުރައްވަން ނިންމަވައި ރައީސް އަބްދުﷲ ޔާމީންއަށް ތައުރީފްކޮށް މިއަދު ވާހަކަފުޅު ދައްކަވައިފި އެވެ. ތޯރިގަކީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރެއްވި ޕީޕީއެމްގެ މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ.

ހަންޏާމީދޫ އާއި އޮމަދޫގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރުމަށް އެންވަޔަރުމަންޓް މިނިސްޓްރީގެ މިއަދު ބޭއްވީ ހަފްލާގައި މެންބަރު ތޯރިގް ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ވިދާޅުވީ، މިއީ އޭނާގެ ދާއިރާގެ ރައްޔިތުން ވަރަށް ބޭނުންވެފައިވާ މަޝްރޫއެއް ކަމަށާއި މި މަޝްރޫއު މަޑުޖެހިފައި އޮންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި ރައްޔިތުން އެދިއެދި ތިބި މިފަދަ މަޝްރޫއެއް ފައްޓަވައި ދެއްވީތީ ރައީސް އަބްދުﷲ ޔާމީންއަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.

މަސީހުގެ މައްސަލައިގައި ސޮއި ކުރެއްވުމަށް ފަހު ތޯރިގް މީގެ ކުރިން ވަނީ، ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ވެސް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. މިއަދުގެ ހަފްލާގައި ތޯރިގް އިންނެވުމުން އަލުން ސަރުކާރާއެކު މަސައްކަތް ފެއްޓެވީތޯ ހަފްލާގައި ކަވަރުކުރި ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އޭނާ ވިދާޅުވީ އެކަމާ މެދު އެއްޗެއް ބުނަން ބޭނުން ނޫން ކަމަށެވެ.

އެ ހަފްލާގައި ހުންނެވި، ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ނައިބު ލީޑަރެއް ކަމަށްވާ، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ "ޓޮމް މިއަދު އެ ހުންނެވީ އަޅުގަނޑުމެންނާ އެކުގައި" ކަމަށެވެ. އެކަމާ މެދު އިތުރު އެއްޗެއް ފަލާހު ވެސް ވިދާޅެއް ނުވި އެވެ.

މަސީހުގެ މައްސަލައިގައި ޕީޕީއެމް އިން ސޮއި ކުރި ގިނަ މެންބަރުންތަކެއް އެ ޕާޓީ އިން ވަކިކޮށްފައިވާ ކަމަށް ބުނެ އެ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައި ބައި-އިލެކްޝަނެއް އިއުލާންކޮށްފަ އެވެ. އެ މައްސަލައިގައި ސޮއި ކުރި ޕީޕީއެމްގެ މަޖިލިސް މެންބަރުން، ސޮއި އަނބުރާ ގެނެސް ސަރުކާރަށް ތާއީދު ކުރަން ފުރުސަތު ދިން ނަމަވެސް ތޯރިގް ފިޔަވާ އެހެން މެންބަރުން ވަނީ ގޮތް ދޫނުކޮށް އެ މެންބަރުންގެ ސްޓޭންޑް ހިފަހައްޓައިފަ އެވެ.