ކުޅިވަރު

ކޭއެޗް އެކެޑެމީގެ 'އިކެޑިން' ރޯޑް ރިލޭ ރޭސް އަންނަ މަހު

Oct 5, 2017

ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން) ކޭއެޗް އެކެޑެމީން އިންތިޒާމު ކޮށްގެން ބާއްވާ 'އިކެޑިން' ރޯޑް ރިލޭ ރޭސް އަންނަ މަހު ތިނެއްގައި ބޭއްވުމަށް އިއުލާން ކޮށްފި އެވެ.

އިކެޑިން އަކީ ޖަޕާން ލަފުޒެކެވެ. މަގު މަތީގައި ބާއްވާ ދިގު ރިލޭ ރޭހަށް ނިސްބަތް ކުރާ ލަފުޒެކެވެ. އިކެޑިން ހާއްސަ ވަނީ ޓީމު އިވެންޓްގެ ރިލޭ ރޭހެއްގެ ގޮތުގަ އެވެ. ކޮންމެ ޓީމެއްގައި ވެސް ހިމެނެނީ ހަތެއް ނުވަތަ ފަސް ދުވުންތެރިންނެވެ. ކޮންމެ ޓީމެއްގައި ހިމެނޭ ކޮންމެ ދުވުންތެރިޔަކުވެސް ކަޑަތު ކުރާނީ ވަކި ހިސާބަކަށެވެ. ރިލޭ ފަށާ ދުވުންތެރިޔާ އަތުގައި އޮންނަ ފޮތިކޮޅު އޭނާ ނިމޭ ހިސާބަށް ދިއުމުން ދެން ހުންނަ ދުވުންތެރިޔާ އަތަށް ފޮތިކޮޅު ދޭން ޖެހެ އެވެ.

ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޭއެޗް 'އިކެޑިން' ރޯޑް ރިލޭ ރޭސް ކުޑަ ކުދިންނަށްވެސް އޮތީ ހުޅުވާލެވިފަ އެވެ. އިންޓަ ސްކޫލާއި އިންޓަ ކޮލެޖާއި އިންޓަ އޮފީސް އަދި ކުލަބު ތަކަށާއި ޓީމުތައް، އެކެޑެމީގެ ކެޓަގަރީވެސް މި ރިލޭގައި ހިމެނޭ ކަމަށް ކޭއެޗް އެކެޑެމީން ބުންޏެވެ.

ހަތަރު އަހަރާއި ހަތް އަހަރާ ދެމެދުގެ ކުދިން ހިމެނޭ ޓީމު 400 މީޓަރުގެ ރޭސް ފުރިހަމަ ކުރާނެ އެވެ. އަށް އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންގެ ޓީމު ދުވާނީ 800 މީޓަރުގެ ރިލޭގަ އެވެ.

ކޭއެޗް އެކެޑެމީގެ އިކެޑިން ރޯޑް ރިލޭ ރޭސް ---

ދެ ވަނަ ކެޓަގަރީ އަކީ އިންޓަ ސްކޫލްގެ 10 ކީލޯމީޓަރެވެ. 16 އަހަރުން ދަށުގެ އުމުރު ފުރާގެ މި ކެޓަގަރީގައި ކޮންމެ ޓީމެއްގައިވެސް ހިމެނޭނީ ފަސް ދުވުންތެރިންނެވެ. ކޮންމެ ދުވުންތެރިޔަކުވެސް ކަޑަތު ކުރާނީ ދެ ކިލޯ މީޓަރެވެ. އިންޓަ ކޮލެޖް ކެޓަގަރީވެސް ކުރިއަށް ދާނީ ހަމަ މިގޮތަށެވެ.

އިންޓަ އޮފީސް ކެޓަގަރީއަކީ ކުރިން ބުނި ކެޓަގަރީއަށް ވުރެ އުނދަގޫ ޗެލެންޖެކެވެ. މިކެޓަގަރީގައި 21.1 ކިލޯ މީޓަރު ކަޑަތު ކުރަން ޖެހެއެވެ. ކޮންމެ ޓީމެއްގެ ވެސް ފުރަތަމަ ހަތަރު ދުވުންތެރިންނަށް އޮތީ ފަސް ވަނަ ދުވުންތެރިޔާ އަށް ވުރެ ކުޑަ ޗެލެންޖެކެވެ. ފުރަތަމަ ހަތަރު ދުވުންތެރިންގެ ތެރެއިން ކޮންމެ ދުވުންތެރިޔަކުވެސް ދުވާނީ ހަތަރު ކީލޯ މީޓަރުގެ ރޭހެކެވެ އެވެ. ފަސް ވަނަ ދުވުންތެރިޔާ ނުވަތަ ރިލޭ ނިންމާ ދުވުންތެރިޔާ، 5.1 ކިލޯމީޓަރު ކަޑަތުކޮށް ރޭސް ނިންމަން ޖެހެ އެވެ.

ކުލަބުތަކާއި ޓީމުތައް އަދި އެކެޑެމީ ތަކުގެ ކެޓަގަރީގައިވެސް އޮތީ ހަމަ އިންޓަ އޮފީސް ކެޓަގަރީގައި އޮތް ގޮތަށެވެ. ކުރިންވެސް ބުނިހެން އެކެޑިން އަކީ މަގަުމަތީގައި ބާއްވާ ދިގު ދުވުމުގެ ރިލޭ އެކެވެ.

ރާއްޖޭގައި އިކެޑިން ރޯޑް ރޭސް އެންމެ ފުރަތަމަ ބޭއްވީ 90 ގެ ކުރީކޮޅުގެ އަހަރުތަކުގަ އެވެ. ނަވާރަސްތޭކަ ނުވަދިހަ ތިން ވަނަަ އަހަރު ބޭއްވި އިކެޑިން ރޭހުގައި ކުޑަ ހުސައިން އަކީ މުހިންމު ތަރި އެކެވެ. އެފަހަރު އެއް ވަނަ ހޯދި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޓީމުގައި އެންމެ މުހިންމު ދުވުންތެރިޔަކީ ހުސައިން އެވެ.