ހަބަރު

އީޔޫ ޓޫރިސްޓުން ރާއްޖެއަށް ދަތުރުކުރުން މަނާކުރަން ގޮވާލައިފި

Oct 5, 2017
15

އިންސާނީ ހައްގުތަކަށް ރާއްޖޭން އިހުތިރާމް ނުކުރާ ކަމަށް ބުނެ، ޔޫރަޕިއަން ޔޫނިއަން ( އީޔޫ)ގެ ގައުމުތަކުން ރާއްޖެއަށް ޓޫރިސްޓުން ދަތުރު ކުރުން މަނާކުރަން ޔޫރަޕިއަން ޕާލަމެންޓްގެ ބައެއް މެމްބަރުން ގޮވާލައިފިއެވެ.

ޔޫރަޕިއަން ޕާލަމެންޓްގައި ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ކުރި ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ ދިވެހި ސަރުކާރަށް އެންމެ ބޮޑަށް އަސަރުކުރާނެ އެއް ހަތިޔާރަކީ ދަތުރުކުރުން މަނާކުރުން ކަމަށެވެ.

ރާއްޖެއާ ބެހޭ ގޮތުން މިއަދު ކުރި ބަހުސްގައި މެމްބަރުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރެއްވީ ސިޔާސީ ބައެއް ފަރާތްތަކާ ދެކޮޅަށް ދައުވާތައް ކޮށް ހުކުމްތައް ކޮށއް ޖަލުގަައި ބަންދުކޮށްފައި ވުމެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމުގައި އިންސާފުވެރިކަން ނެތް ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ޓަކައި މިހާރު ފިޔަވަޅު އެޅުން މުހިއްމު ކަމަށެވެ.

ރާއްޖެއަށް ދަތުރުކުރުން މަނާކުރަން ބައެއް މެމްބަރުން ގޮވައިލެއްވިޔަސް އަނެއްބައި މެމްބަރުން ވިދާޅުވީ ރާއްޖެއާ އެކު މަޝްވަރާ ކުރުން މުހިއްމު ކަމަށެވެ. އެމޭރުމުން ވާހަކަފުޅު ދެއްކެވި އެއް ބޭފުޅަކީ ޔޫކޭ ގްރީން ޕާޓީއަށް ނިސްބަތްވާ ޖީން ލަމްބާޓް އެވެ. އޭނާ ވިދާޅުވީ ރާއްޖެއަކީ ބައެއް ދާއިރާތަކުން އީޔޫއަށް އެއްބާރުލުންދޭ ގައުމެއް ކަމަށެވެ.

" ... އެހެންވީމާ އަހަރެމެން ބޭނުން ވަނީ ބިނާކުރަނިވި ސިޔާސީ މަޝްވަރާތައް. ބޭނުން ވަނީ އެތަނުގެ ހިއުމަން ރައިޓްސް ކޮމިޝަން ފަދަ މިނިވަން މުއައްސަސާތައް ވަރުގަދަ ކުރަން. އޭރުން އަހަރެމެންނަށް ފެންނާނެ ދިވެހި ރާއްޖޭގެ ޑިމޮކްރަސީ ކުރިއަށް ދާތަން،" އޭނާ ވިދާޅުވިއެބވެ.