ބޮލީވުޑް

އުދޭ ޗޯޕްރާ ކާކުކަން ނޭނގޭ ވަރަށް ބަދަލުވެފައި

Oct 7, 2017

އިންޑިއާގެ އެންމެ ބޮޑު ފިލްމު އުފައްދާ ކުންފުނި، ޔާޝް ރާޖް ފިލްމްސްގެ ބާނީ ޔާޝް ޗޯޕްރާގެ ހަނގު ފިރިހެން ދަރިފުޅު އުދޭ ޗޯޕްޅާ ބޮލީވުޑަށް ނިކުމެފައިވަނީ އެ ކުންފުނީގެ ކުޑައިގެ ދަށުންނެވެ. ބޮލީވުޑްގައި މިހާރު އެންމެ ގަދަޔަށް ފިޔަޖަހަމުން އަންނަ ގިނަ ތަރިންނަކީ ޔާޝް ރާޖްސްއިން ފިލްމީ ދާއިރާ އަށް ނެރެދީފައިވާ ގިނަ ތަރިންނެވެ. އެ ކުޑައިގެ ދަށުން ނުކުތް ގިނަ ތަރިން ވަރަށް ކާމިޔާބު ތަރިންނަށް ވެފައިވާއިރު، އުދޭގެ ތަރި ވެސް މެދު އުޑުގައި ފިޔަޖަހާލާނެ ކަމަށް ބެލެވުނެވެ.

ހާއްސަކޮށް އޭނާ އަކީ އިންޑިއާގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒު ގަދަ ޕްރޮޑިއުސަރުގެ ދަރިޔަށް ވުމުން އޭނާ އަށް ގިނަ ފިލްމުތަކުން ފުރުސަތު ލިބޭނެ ކަމަށް ބެލެވުނެވެ.

ބައްޕަ އާއި ބޭބެ އަދިތްޔަ ޗޯޕްރާ އާއެކު ގިނަ ފިލްމުތަކެއްގައި، ކެމެރާގެ ފަހަތުގައި މަސައްކަތް ކުރުމަށްފަހު ފިލްމެއްގައި ފުރަތަމަ ފަހަރަށް އޭނާ ފެނިގެން ގޮސްފައިވަނީ 2000 ވަނަ އަހަރު ނިކުތް "މޮހައްބަތޭން" އިންނެވެ.

މުޅިން ވެސް ޔާޝް ރާޖްސްއިން އުފެއްދި ފިލްމުތަައް ކުޅެފައިވާ އުދޭގެ ކުރު ފިލްމީ ކެރިއަރުގައި އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ މެދުގައި މަގުބޫލުވެފައިވަނީ "މޮހައްބަތޭން" އާއި "މެރި ޔާރް ކި ޝާދީ" އަދި "ދޫމް" ސިލްސިލާގެ ތިން ފިލްމެވެ.

މާ ކާމިޔާބު އަދި ގިނަ ފިލްމުތަކެއް އުދޭ އަށް ކުޅެވިފައި ނެތަސް އޭނާގެ ރީތި ހަށިގަނޑާއި ހެދުން އެޅުމުގެ ސްޓައިލް ވަނީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވެގެން ގޮސްފަ އެވެ. ހާއްސަކޮށް އޭނާ "ދޫމް" ސިލްސިލާގެ ފިލްމުތަކުގެ ފެނިގެންދިޔަ ލުކް އަކީ ގިނަ ޒުވާނުންތަކެއްގެ ކޮޕީކުރި ސްޓައިލެކެވެ.

ދެހާސް ތޭރަ ވަނަ އަހަރު ނުކުތް "ދޫމް 3" އަށް ފަހު އުދޭ ފިލްމަކުން ނުފެންނަތާ ހަތަރު އަހަރުވީ އެވެ. ފިލްމަކުން ނުފެނުނުތާ މީޑިއާގެ ލޯތަކަށް ވެސް އޭނާ ގެއްލުނީ އެވެ.

ގާތްގަނޑަކަށް ހަތަރު އަހަރުފަހުން އުދޭ ޕަޕަރާޒީންގެ ލޯތަކަށް ފެނުނުއިރު އޭނާ ވަނީ ކާކުކަން ނޭނގޭ ވަރަށް ބަދަލުވެފަ އެވެ. ކުރީގެ ރީތިކޮށް ބައްޓަންކޮށްފައި ހުރި ހަށިގަނޑު ގެއްލި އުދޭ ވަނީ ވަރަށް ބޮޑަށް ފަލަވެފަ އެވެ.

މިހާރު އުމުރުން 44 އަހަރުގެ އުދޭ މުމްބައިގެ ރެސްޓޯރަންޓަކުން ނިކުންނަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އޭނާގެ ސިފަޔާއި ހަށިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ކުރީގެ ރީތި ހަށިގަނޑު ފަލަވެ ކުރިން ހުރި ވަރަށް ވުރެން ދެތިން ގުނަ ބޮޑުކޮށް ވަނީ ފަލަވެފަ އެވެ.

ބައެއް ފަރާތްތަކުން ވަނީ އެއީ އުދޭ ކަން ފާހަގަކުރަން ވެސް ދަތި ވަރަށް ހަށިގަނޑަށް ބަދަލު އައިސްފައިވާ ކަމަށް ބުނެފަ އެވެ.

މީގެ ގާތްގަނޑަކަށް ފަސް މަސް ދުވަސް ކުރިން އުދޭ ވަނީ އޭނާ ލޯބީގެ ގޮތުން އޭރު ގުޅިގެން އުޅުނު ކަމަށް ބުނާ ބަތަލާ ނަރްގިސް ފަކްރީ އާއެކު މުމްބައި އެއާޕޯޓަށް ވަންނަނިކޮށް ނަފާފައިވާ ފޮޓޯތަކެއް އާންމުވެފަ އެވެ. އޭރު ވެސް އުދޭގެ ހަށިގަނޑު ހުރީ ކުރިޔެކޭ އެއްގޮތަށް ވަރަށް ފިޓުކޮށެވެ.

އުދޭ ފަލަވެފައިވާ ފޮޓޯތައް އާންމުވުމާ އެކު ގިނަބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އޭނާ އަށް މަލާމާތްކުރަމުންނެވެ. އެއް ބަޔަކު ވަނީ ފިލްމީ ކެރިއަރު ކޮޅަށް ނުޖެހުމުން ފިޓްކޮށް ހުރުމުގެ ބޭނުން ނުވުމުން ބަލަންވާ ވަރަށް ހަށިގަނޑަށް ނުބެލުމުން ވީ ގޮތް ކަމަށް ބުނެފަ އެވެ. އަދި މިހާރު އޭނާ އުމުރުން 44 އަހަރުގެ އާންމު މީހަކާ އެއްވަރުވީ ކަމަށާއި "ދޫމް 4" އިން ރޯލެއް ނުލިބޭނެކަން އެނގުމުން އޭނާ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސް ފަލަވީ ކަމަށް ބުނެފަ އެވެ.

މީގެއިތުރުން ވެސް ގިނަބަޔަކު ވަނީ އުދޭ އާއި ބަތަލާ ނަރްގިސް ފަކްރީ އާ ދެމެދު އޮތް ގުޅުން ނިމުމަކަށް އައުމުން އެކަމުގެ ހިތާމައިގައި އޭނާ އަށް އައިސްފައިވާ ބަދަލުތައް ކަމަށް ބުނެފަ އެވެ.

ކުރީގެ މަޝްހޫރު އެކްޓަރު ފަރްދީން ޚާންގެ ވެސް ފޮޓޯތަކެއް މިފަހުން އާންމުވިއިރު އޭނާ ވެސް ވަނީ ފަލަވެ ކުރީގެ ރީތި ހަށިގަނޑު ގެއްލިފަ އެވެ.