އަންނަ މަހުގެ އެއްވަަނަ ދުވަހު ފަށާ ޕިސްޓަން މޮޓޯ ރޭހުގެ ސްޕޮންސާޝިޕް އެގްރީމަންޓްތަކުގައި ސޮއިކޮށް، އެ ރަސްމިއްޔާތުގެ ތެރެއިން ޔޫކްރޭންގެ ޑްރިފްޓް ރޭސިން ޗެމްޕިއަން އަދި ރެޑްބުލްގެ މަޝްހޫރު އެތުލީޓް އެލެކްސަންޑާ ގްރިންޗުކް (ގްރިންޔާ) ގެ ޑްރިފްޓް ހުނަރުތައް މިއަދު ހަވީރު ރާޅުގަނޑު ސަރަހައްދުގައި ދައްކާލައިފި އެވެ.
ރާޅުގަނޑު ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އަންނަ މަހުގެ 1 އިން 2 އަށް ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ ޕިސްޓަން މޮޓޯ ރޭހުގެ ސްޕޮންސަރުން ކަމަށްވާ ހަސަން މެރީން އާއި ޑީއެޗްއެލް އާއި ފާލިމް އާއި ޒެރޮކްސް އާއިި ދިރާގާއި ރެފް ކޫލް އަދި އެސްޓީއޯ ކޮންްސްޓްރަކްޝަނާއެކު ވަނީ ސްޕޮންސާޝިޕް އެގްރީމަންޓްގައި ވަނީ ސޮއިކޮށްފަ އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.
އެގްރީމަންޓްގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތަށް ފަހު، މޮޓޯ ރޭހާ ދިމާކޮށް ރެޑްބުލް އާއި ރާއްޖޭގައި ރެޑްބުލް އެނާޖީ ޑްރިންކް މާކެޓްކުރާ ޔޫރޯ މާކެޓިން ގުޅިގެން ރާއްޖެ ގެނެސްފައިވާ ގްރިންޔާ ވަނީ އޭނާގެ ޑްރިފްޓް ހުނަރުތައް ރާޅުގަނޑު ސަރަހައްދުގައި ދައްކާލައިފަ އެވެ. ގްރިންޔާގެ ހަރަކާތްތައް ބަލާލުމަށް ގިނަ އަދަދެއްގެ މީހުން ރާޅުގަނޑު ސަރަހައްދަށް ޖަމާވި އެވެ.
ގްރިންޔާގެ ހުނަރު ދައްކާލުން މިރޭ 2000 އިން 2200 އަށް ވެސް ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ދާނެ އެވެ.
ޑްރިފްޓް ރޭސިން އަށް ގްރިންޗުކް ހިތްޖެހުނީ ފާސްޓް އެންޑް ފިއުރިއަސް ފިލްމުންނާއި ނީޑް ފޯ ސްޕީޑް ވީޑީއޯ ގޭމްތަކުންނެވެ. ޑްރިފްޓް ރޭސިން އަށް ޖެހުނު ލޯތްބާއެކު، 2006 ވަނަ އަހަރު އާ ކާރެއް ގަތުމަށް ފަހު، 2007 ވަނަ އަހަރު އޭނާ ވަނީ މުބާރާތްތަކަށް ނިކުމެފަ އެވެ. އެ ހިސާބުން ފެށިގެން އޭނާ ވަނީ ޔޫކްރޭނާއި ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި އޮންނަ ޑްރިފްޓް ރޭސްތަކުގައި ބައިވެރިވާން ފަށައިފަ އެވެ.
ގްރިންޗުކް އެންމެ ފުރަތަމަ ކާމިޔާބު ލިބުނީ 2008 ވަނަ އަހަރެވެ. ދެހާސް އެގާރަ ވަނަ އަހަރު ނިމުނުއިރު، އޭނާ ވަނީ ތިން ފަހަރު ޔޫކްރޭންގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ދެހާސް ތޭރަ ވަނަ އަހަރު ބާއްވަން ފެށި ޕިސްޓަން މޮޓޯ ރޭހަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މޮޓޯ ރޭސް މުބާރާތެވެ. އެ މުބާރާތް މި އަހަރު ހާއްސަވެގެންދާނީ ގްރިންޗުކްގެ ހުނަރު ދައްކާލަން ބާއްވާ ޝޯތަކުންނެވެ.