ލައިފްސްޓައިލް

އަންހެން ކުދިން ފަހަތު ޖީބަށް ފޯނުޖެހުން، ކޮންކަމެއް؟

Oct 10, 2017
15

ފަހަތު ޖީބަށް ވޮލެޓު ޖަހާލައިގެން އުޅުމަކީ ފިރިހެނުންގެ އާދަ އެކެވެ. ނޫނީ އެމީހުންގެ ޓްރެންޑިން ގޮތެކެވެ. ބަދަލުވެސް ނުވެ އޮތް އާދަ އެކެވެ. ބަދަލެއް އައީވިއްޔާ އައީ ވޮލެޓް ސައިޒަށާއި ބޯމިނަށެވެ. ފަހަތު ޖީބަށް ހާއްސަކޮށް ތުނި އަދި ދިގު ވޮލެޓެއް ވެސް ތައާރަފް ވެގެން ދިޔަ އެވެ.

ފިރިހެނުންގެ އެ ޓްރެންޑް ވައްތަރެއްމިހާރު ފޮލޯ ކުރާތަން ފެންނަނީ ވަރަށް ޒުވާން އަންހެން ކުދިންނެވެ. އެކުދިން ވެސް މިހާރު ޖީންސުގެ ފަހަތު ޖީބު ވަރަށް ބޮޑަށް ބޭނުން ކުރަން ފަށައިފި އެވެ. އެކަމަކު ވޮލެޓެއް ލާކަށް ނޫނެވެ. މިހާރުގެ ބޮޑެތި ސްމާޓް ފޯނު ތަކެވެ. ދުވަހެއް ދުވަހަކަށް ސައިޒުން ބޮޑުވަމުން އަންނަ ފޯނުތައް މިހާރުގެ ޒުވާން އަންހެން ކުދިން ހާއްސަ ކުރަނީ އެކުދިންގެ ފަހަތު ޖީބަށް ކޮށްޕާލާށެވެ.

އަންހެން ކުދިންގެ އާދަޔާ ހިލާފު ފެޝަން ޓްރެންޑަށް މިކަންވެސް ވެގެން ދިޔައީ އެވެ. އަންހެނުންގެ ފެޝަން ޓްރެންޑަކީ ކައިރިކައިރިން އަބަދުވެސް ބަދަލުވަމުން އަންނަ ޓްރެންޑެކެވެ. މާދަމާގެ ޓްރެންޑަކީ ނުބައި ފުށުން ހެދުން ލުން ކަމަށް ވެސް ވެގެން ހިނގައިދާނެ އެވެ. މިހާރު މިއޮތީ ބޮޑެތި ފޯނުތައް އަންހެން ކުދިންގެ ޖީންސްުގެ ފަހަތުގައި ހުންނަ ކުޑަކުޑަ ޖީބަށް ކޮއްޕާލައިގެން ހިނގާ ޒަމާނަކާ ލައްވާލާފަ އެވެ.

"އަންހެން ކުދިން ލާ ޖިންސުގައި ފިރިހެނުން ލާ ޖީންސުގެ ހުންނަ ކަހަލަ ބޮޑެތި ޖީބެއް ނުހުރޭ. އެހެންވެ ފަހަތުގައި އިންނަ ޕޮކެޓަށް ފޯނު ލާން ޖެހެނީ. މިހާރު ފޯނުތައް ބޮޑުވީމަ ސައިޑު ޖީބަކުން ފޯނަށް ފޖާގައެއް ނުލިބޭ،" އުމުރުން 20 އަހަރުގެ ޒީނާ ބުންޏެވެ.

އެއީ ތެދެކެވެ. އަންހެން ކުދިންނަށް ހާއްސަކޮށް ފަހާފައި މި ހުންނަ ޖީންސުތަކުގެ ޖީބުތައް ކުޑަ އެވެ. ކުރީގައި ގެންގުޅުނު ނޮކިއާ ބައްތި ފޯނު ލެވުނަސް މި ފަހުގެ ފޯނުތައް ޖިންސުގެ ކުރިމަތީގައި މިހުންނަ ޖީބަށް ވައްދާލާކަށް އެހާ ފަސޭހައެއް ނޫނެވެ.

އަނެއްކޮޅުން މިހާރު މި ލާ ޖިންސުތަކަކީ ފަލަ މަސްގަނޑަށް ހިފާލާ ގޮތަށް ވަރަށް ބާރުކޮށް ފިއްތާފައި ހުންނަ ޖީންސެވެ. ކުޑަކުޑަ ފޯނެއް ޖިންސުގެ ކުރިމަތީ ޖީބަށް ލައިގެން ހިނގުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ކުރިމަތީ ޖީބަށް ލެވޭ ކަރުދާސްކޮޅެއް ނުވަތަ ރުފިޔާ ނޫޓެއް ނެގުމަކީވެސް ފަސޭހަ ކަމަކަށް ނުވެއެވެ. މީހުން ގިނަ ތާކު ހުރެ އެކަން ކުރަން ކެރޭނެ ހެނެއް ވެސް ހީއެއް ނުވެއެވެ ޖިންސު ބާރުވެފައި ޖީބު ކުޑަ ވުމުން ފާޑެއްގެ ގޮތެއް ހުންނަނީ އެވެ.

ފަހަތު ޖީބަށް ފޯނު ލާ އިތުރު ސަބަބެއްވެސް އޮންނަ ކަމަށް އެއް އަންހެން ކުއްޖަކު ބުންޏެވެ. ގިނަ އަންހެން ކުދިން އެކަމަކާ އެއްބަހެއް ނުވެ އެވެ. އެހެން ނަމަވެސް މި ވާހަކައަށް ތާއީދުކުރާ ދެ ތިން އަންހެން ކުދިންނާވެސް ދިމާވެ އެވެ. އެކުދިން ބުނާ ގޮތުގައި އެއީ ބައްޓަން ރީތިކޮށްލުމުގެ ބައެކެވެ. ފަހަތު ޖީބަށް ފޯނު ކޮއްޕާލުމުން ބައްޓަމުގައި ގޮތެއް ހުރެ އެވެ.

ފަހަތު ޖީބަށް ބޮޑެތި ފޯނު ޖަހައިގެން އުޅޭ ކުދިންގެ ވެސް އަތް ދަބަސް ގެންގުޅެ އެވެ. އެ ދަބަހުގެ ތެރެއަށް ވެސް ލެވިދާނެ އެވެ. އެކަމަކު އެހެން ވެސް ނުވެއެވެ. އެހެންވީމާ މީގައި ކޮންމެވެސް ސިއްރެއް އޮންނަނީ އެވެ.

ދަބަހަށް ފޯނު ލާނަމަ އެއް ގޮތުން އެގޮތް މާ ރައްކާތެރިވެސްމެ އެވެ. އެތައް ހާސް ރުފިޔާއެއް ހަރަދުކޮށްގެން ގަންނަ ފޯނު ފޭރިގަތުމުގެ ފުރުސަތު ވެސް ކުޑަވާނެ އެވެ. ފޯނު ކަންފަތުގައި ޖަހައިގެން ހުއްޓާވެސް ފޭރިގަނެގެން ގޮސްފައިވެސް އެބަހުއްޓެވެ. އެހެން ކަމުން ފަހަތު ޖީބަށް ލާފައި އޮންނަ ފޯނެއް ދަމައިގަނެގެން ދުވެފައި ގޮސް ފިލުމަކީ ފޭރޭ މީހުންނަށް މާ އުނދަގޫ ކަމަކަށް ނުވާނެ އެވެ. އިތުރަށް ފޯނު ޖީބަށް ލައިގެން ހުރެ ތަނެއްގާ އިށީނދެވިއްޖެނަމަ ފޯނު ބިންދައިގެން ގޮސް ހަލާކުވުމުގެ ފުރުސަތުވެސް އެބައޮތެވެ. ފަހުގެ ފޯނު ތަކަކީ ނުލާހިކު ތުނިކޮށް ހުންނަ ފޯނު ތަކެކެވެ.

އެހެންވީމާ ފަހަތު ޖީބަށް ފޯނު ޖަހައިގެން އަންހެން ކުދިން މި ހިނގަނީ ކޮންމެވެސްކަމެއް އޭގައި އޮންނާތީ އެވެ. މިހާރު މިވަނީ އެކަން ސްޓައިލަކަށް ވެފަ އެވެ. މިގޮތް ދުވަސްގަނޑަކަށް ދެމިގެންދާނެ އެވެ.