ރޭސިން ޓްރެކެއް އަޅައި، ރާއްޖޭގެ މޮޓޯ ރޭސިން ކޮމިއުނިޓީ އަށް އެތަން ބޭނުންކުރަން ފެށުމުން ރާއްޖޭގައި މޮޓޯ ރޭސިން މިހާރަށްވުރެ އޯގަނައިޒްކޮށް ކުރިއަށް ގެންދެވި، ޓްރެފިކް ގަވައިދުތަކާ ހިލާފުމުގެ މައްސަލަތައް މަދުކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް މިއަދު ވިދާޅުވެއްޖެ އެވެ.
ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި އަލަށް ހިއްކި ރޭސިން ޓްރެކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމައިފި އެވެ. ރާއްޖޭގައި މި ވަގުތު ރޭސިން ޓްރެކެއް ނެތުމުން މޮޓޯ ރޭސްތައް ކުރިއަށް ގެންދަނީ ހުޅުމާލޭގެ މަގުމަތީގަ އެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ ޕިސްޓަން މޮޓޯ ރޭހުގެ ސްޕޮންސަރުންނާއެކު ސޮއިކުރުމަށް މިއަދު ހަވީރު ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާންގެ ގޮތުގައި ބައިވެރިވެ، ދެއްކެވި ވާހަކަފުޅުގައި އަދީބު ވިދާޅުވީ ރޭސިން ޓްރެކެއް ރާއްޖޭގައި އެޅި، އެ ޓްރެކް ބޭނުންކުރެވުމަކީ ދިވެހި ޒުވާނުން އެންމެ ރަނގަޅު ގޮތުގައި ވަގުތު ހޭދަކުރުން ކަމަށެވެ.
"ސަރުކާރުން މި ދަނީ ރޭސިން ކޮމިއުނިޓީއާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. އިރާދަކުރެއްވިއްޔާ ހުޅުމާލޭގެ ފޭސް ޓޫގައި ހިއްކާފާއި އޮތް ތަނުގައި ޓްރެކެއް އެޅުމުގެ މަސައްކަތް އަޅުގަނޑުމެން މި ދަނީ ކުރަމުން،" އަދީބު ވިދާޅުވި އެވެ. "މި ކަހަލަ އެކްސްޓްރީމް ސްޕޯޓްސްތަކަކީ މަސްތުވާތަކެތި، ނުވަތަ އެކަހަލަ އެއްވެސް ކަހަލަ ކަޑަކަމެއް ނުކޮށް ވަރަށް ރަނގަޅަށް ޑިސިޕްލިން ހިފަހައްޓައިގެން. ފޯމަލީ ރޭސިން ކޮމިއުނިޓީން މި ކުރާ މަސައްކަތުން ޓްރެފިކް ވަޔަލޭޝަންތައް ހުއްޓި، ޓްރެފިކް އެވެއާނަސްތައް ލިބި ރޭސިން ރޭސިންގެ ގޮތުގައި ރޭސިން ޓްރެކެއްގައި ނުވަތަ އޯގަނައިޒް ގޮތަކަށް ކުރެވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ޒުވާނުން އެންމެ ރަނގަޅު ގޮތުގައި އެބޭފުޅުންގެ ވަގުތު ހޭދަކުރުން."
އަދީބު ވިދާޅުވީ ދިވެހި ޒުވާނުންނަކީ "ވަރަށް ކެރޭ، ވަރަށް ގަޓުހުރި، ރިސްނަގަން ކެރޭ ބައެއް" ކަމަށާއި ޒުވާނުންނަށް މޮޓޯ ރޭސިން ކަހަލަ އެކްސްޓްރީމް ސްޕޯޓްސްތަކުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ދިނުން މުހިންމު ކަމަށެވެ.
އެގްރީމަންޓްގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތަށް ފަހު، މޮޓޯ ރޭހާ ދިމާކޮށް ރެޑްބުލް އާއި ރާއްޖޭގައި ރެޑްބުލް އެނާޖީ ޑްރިންކް މާކެޓްކުރާ ޔޫރޯ މާކެޓިން ގުޅިގެން ރާއްޖެ ގެނެސްފައިވާ ޔޫކްރޭންގެ ޑްރިފްޓް ރޭސިން ޗެމްޕިއަން އަދި ރެޑްބުލްގެ އެތުލީޓު އެލެކްސަންޑާ ގްރިންޗުން (ގްރިންޔާ) ވަނީ އޭނާގެ ޑްރިފްޓް ހުނަރުތައް ރާޅުގަނޑު ސަރަހައްދުގައި ދައްކާލައިފަ އެވެ. ގްރިންޔާގެ ހަރަކާތްތައް ބަލާލުމަށް ގިނަ އަދަދެއްގެ މީހުން ރާޅުގަނޑު ސަރަހައްދަށް ޖަމާވި އެވެ.
އަދީބު ވިދާޅުވީ ޕިސްޓަން އާއި ރެޑްބުލް އަދި ޔޫރޯ މާކެޓިން އިން ރާއްޖޭގެ ޒުވާނުންނަށް ޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.