މިއީ ހަމަ ޔަގީނުން ވެސް ޒުވާން ތަރި ސުޝާންތް ސިންގް ރާޖްޕުތްގެ ފޭނުންނަށް އުފާވެރި ހަބަރެކެވެ. ބޮލީވުޑަށް މުޅިން އަލަށް ނިކުންނަ ސާރާ އަލީ ޚާން އާއެކު ސުޝާންތް "ކެދާރްނަތް" ގެ މަންޒަރުތައް ނަގަމުން އަންނައިރު އޭނާ އަށް މިވަނީ ކާމިޔާބު ހޮލީވުޑް ފިލްމު، "ދަ ފޯލްޓް އިން އަވާ ސްޓާސް" ގެ ހިންދީ ރިމޭކްގެ ލީޑްރޯލު ކުޅެން ލިބިފަ އެވެ.
ހޮލީވުޑް ފިލްމު އުފެއްދުންތެރިޔާ ޖޯޝް ބޫންގެ ރޮމޭންޓިކް ފިލްމު، "ދަ ފޯލްޓް އިން އަވާ ސްޓާސް" ގެ ހިންދީ ރިމޭކުން ސުޝާންތް ފެނިގެންދާނެކަން އެ ފިލްމު ޑައިރެކްޓްކުރާ މުކޭޝް ޗަބްރާ ވަނީ ޔަގީނކޮށްދީފަ އެވެ.
"މިހާރު އެ ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރިއަށް ދަނީ، ސުޝާންތް ލީޑްރޯލު ކުޅެން ހަމަޖައްސާފައިވާއިރު ބަތަލާގެ ރޯލު ކުޅޭނެ ތަރިއެއް ހޯދަމުން މިދަނީ،" ޗަބްރާ ބުނެފައިވެ އެވެ.
އަދި ނަމެއް ދީފައިނުވާ މި ފިލްމަކީ ޗަބްރާ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ. އޭނާ ވަނީ ގިނަ ފިލްމުތަކެއްގައި ކާސްޓިން ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
"ދަ ފޯލްޓް އިން އަވާ ސްޓާޒް" އަކީ ޖޯން ގްރީން ހަމަ އެނަމުގައި ލިޔެފައިވާ ވާހަކައިގެ މައްޗަށް، ޖޯޝް ބޫން ޑައިރެކްޓުކޮށް 2014 ވަނަ އަހަރު ނެރުނު ފިލްމެކެވެ. މި ފިލްމަކީ ކެންސަރު ޖެހިފައިވާ ދެ ޒުވާނުންގެ ދެމެދުގައި އުފެދޭ ލޯބީގެ މައްޗަށް އުފައްދާފައިވާ އަސަރުގަދަ ފިލްމެކެވެ.
އެ ފިލްމުގެ ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޝެއިލީން ވޫޑްލޭ އާއި އެންސެލް އެލްގޯޓް އެވެ.
ފޮކްސް ސްޓާ ސްޓޫޑިއޯސްއިން ޕްރޮޑިއުސްކުރާ ހިންދީ ރީމޭކުގައި ސުޝާންތް ފެނިގެންދާނީ އެންސެލް ކުޅެފައިވާ އޮގަސްޓަސް ވޯޓާސްގެ ރޯލުންނެވެ.
އަންނަ އަހަރުގެ ތެރޭގައި މިފިލްމު ޝޫޓިް ފެށުމަށް ހަމަޖެހިފައިވާއިރު، އަންނަ އަހަރަކީ ސުޝާންތް އަށް ވަރަށް ބުރަ އަހަރެކެވެ. މިހާރު ކުޅެމުން އަންނަ "ކެދާރްނަތް" އާ ނުލާ ވެސް އޭނާގެ އަތުގައި ކުޅެން ހަމަޖެހިފައި އޮތް ދެ ފިލްމެއް އެބަ އޮތެވެ.
ޓީވީ ތަރިއެއްގެ ގޮތިުގައި ފިލްމީ ކެރިއަރު ފެށި ސުޝާންތް ބޮލީވުޑަށް ނިކުތް ފަހުން އޭނާ ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ ކްރިކެޓް ކުޅުންތެރިޔާ މަހެންދްރަ ސިންގް ދޯނީގެ ހާޔާތުގެ މައްޗަށް އުފައްދައި ނެރުނު ފިލްމު "އެމް.އެސް ދޯނީ" އެވެ.