ބޮލީވުޑް

ހެދުމުގެ މައްސަލައިގައި އައިޝްވާރިޔާ ޝޫޓިން ކެންސަލްކޮށްފި

Oct 7, 2017

ބަތަލާ އައިޝްވާރިޔާ ރާއީ އާއި އެކްޓަރު އަނިލް ކަޕޫރާ އެކު ފިލްމެއް ކުޅެން ފުރުސަތު ލިބުމުން ޒުވާން އެކްޓަރު ރާޖް ކުމާރު ރާއޯގެ އުފާވެރިކަން ބަޔާންކޮށްދޭން ވެސް އޭނާ އަށް ދަތިވި އެވެ.

އޯމްޕްރަކާޝް މެހެރާ ޑައިރެކްޓްކުރާ "ފަންނޭ ޚާން" ގެ ޝޫޓިން މިދިޔަ ހޯމަ ދުވަހު ފަށާފައިވާއިރު އައިޝްވާރިޔާގެ ސަބަބުން ފިލްމުގެ ޝޫޓިން ވަނީ ކެންސަލްކޮށްފަ އެވެ.

ހަބަރުތައް ބުނާގޮތުން ކަރަން ޖޯހަރުގެ މިދިޔަ އަހަރު ނިކުތް "އޭ ދިލްހޭ މުޝްކިލް" އަށް ފަހު އައިޝްވާރިޔާ ކުޅޭ "ފަންނޭ ޚާން" ގައި ވެސް އޭނާ ފެނިގެންދާނީ ވަރަށް ޒަމާނީ އަންހެނެއްގެ ރޯލަކުންނެވެ. ވަރަށް ގްލެމަރަސް ލަވަކިޔުންތެރިއެއްގެ ރޯލުން އައިޝްވާރިޔާ މި ފިލްމުގައި ފެނިގެންދާއިރު، ފިލްމުގައި އޭނާ ބޭނުންކުރާ ކޮސްޓިއުމްތައް ބޭނުންވަނީ އެންމެ މަޝްހޫރު ލަވަކިޔުންތެރިން ހެދުން އަޅާ ގޮތަށް ބަހައްޓާށެވެ.

މި ފިލްމުގައި އައިޝްވާރިޔާ ސްޓައިލް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މަޝްހޫރު ޑިޒައިނަރު މަނީޝް މަލްހޯތުރާ އާ އެވެ. ނަމަވެސް މަނީޝް ހޮވާފައިވާ ހެދުންތަކާ މެދު ހިތްހަމަނުޖެހިގެން އައިޝްވާރިޔާ ވަނީ ފުރަތަމަ ދުވަހުގެ ޝޫޓިން ކެންސަލްކޮށްފަ އެވެ.

މިކަން ވީ ޑައިރެކްޓަރު މެހެރާ އާއި ޕްރޮޑިއުސަރު ޕްރޭނާ އަރޯރާ އަށް ލިބުނު ބޮޑު ޝޮކަކަށެވެ.

ފިލްމުގައި ބޭނުންކުރާ ހެދުންތައް ކަމުނުގޮސްގެން އައިޝްވާރިޔާ ޝޫޓިން ކެންސަލްކޮށް ބޮޑު ކަންތައް ގަނޑެއް ހިންގައިގެން އުޅޭ ކަމަށް އަޑުތައް ވަނީ އަރާފަ އެވެ.

ބުނެވޭ ގޮތުގައި މަނީޝް އަށް މި ފިލްމުގައި އައިޝްވާރިޔާ ސްޓައިލް ކުރަން ލިބުނީ ވަރަށް ކުޑަ ދުވަސްކޮޅެކެވެ. ފުލުފުލުގައި ދެ ފެޝަން ޝޯއެއް އޮތުމުން އޭނާ އަށް ލިބުނު ވަގުތުގައި ތައްޔާރުކުރެވުނު ހެދުންތަކަށް އައިޝްވާރިޔާ ހިތާ ނުވީ އެވެ.

މަނީޝް އަށް ވަގުތު ވެގެން އައިޝްވާރިޔާ އަށް ހެދުން ތައްޔާރުވަންދެން ފިލްމުގެ ޝޫޓިން މަޑުޖައްސާފައި ބޭއްވެން ޕްރޮޑަކްޝަން ޓީމަށް ނެތުމުން އަވަސް ކުރަން އުޅުނު ނަމަވެސް އައިޝްވާރިޔާގެ ހައިބަތު ނުދެއްކޭނެ ހެދުންތަކެއް ފަރުމާ ނުކުރެވި ފިލްމުގެ މަސައްކަތް މިވަނީ އިހުނަށް ވުރެން ލަސްވެފަ އެވެ.

އައިޝްވާރިޔާ ދެން މި ފިލްމުގެ ޝޫޓިން ފަށާނީ ބަފައިބެ އަމީތާބް ބައްޗަންގެ 75 ވަނަ އުފަންދުވަސް ފާހަގަކުރުމަށް އާއިލާ އާއެކު ރާއްޖެ އައުމަށްފަހު އެވެ.