ހަބަރު

ސްޓޭޝަން ރޯކޮށްލި މީހުން އިންސާފުގެ ކުރި މައްޗަށް ނުގެންދޭ: ރާއްޖެޓީވީ

ރާއްޖެޓީވީ ސްޓޭޝަންގައި ރޯކޮށްލައި އެތައް ގެއްލުންތަކެއް ދިންތާ މިއަދަށް ހަތަރު އަހަރު ފުރުނުއިރު އެ ޖަރީމާ ހިންގި މުޖުރިމުން އިންސާފުގެ ކުރި މައްޗަށް ގެނެސްފައިނުވާ ކަމަށް ބުނެ ރާއްޖެޓީވީން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފި އެވެ.

ރާއްޖެޓީވީއަށް ދިން ޓެރަރިސްޓް ހަމަލާއަށް ހަތަރު އަހަރު ފުރުމުން އެ ސްޓޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ރާއްޖެޓީވީގައި ރޯކޮށްލުމުގައި ބައެއް މުއައްސަސާތަކާއި ބައެއް އިސް ވެރިންގެ ދައުރު އޮތް ކަމަށް ތުހުމަތު ކުރެވޭއިރު މައްސަލާގައި އިންސާފު ލިބުން ހުއްޓިފައި އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

"ރާއްޖެޓީވީ ރޯކޮށް އަނދާ އަޅިއަށް ހަދާލި ހާދިސާއާއެކު އޭރުގެ ސަރުކާރުން މި ކަމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރި މައްޗަށް ގެނައުމަށް "ނުފޮރުޅާ އެންމެ ގަލެއް ވެސް ނުބާއްވާނަން" ކަމަށް ވިދާޅުވެ ބަޔާނެއް އާންމުކުރިކަން ފާހަގަކުރަމެވެ. ނަމަވެސް ހަތަރު އަހަރު ފާއިތުވެގެން ދިޔަ އިރުވެސް އިންސާފު އޮތް ތަނެއް ނޭނގެ އެވެ. މިކަމުން ދޭހަވަނީ މައްސަލަ ބަލާ އިންސާފު ހޯދައިދިނުމުގައި ދައުލަތެއްގެ ގޮތުގައި ރާއްޖެ ފެއިލްވެފައިވާ ކަމެވެ،" ރާއްޖެޓީވީިއިން ބުންޏެވެ.

ރާއްޖެޓީވީއިން ބުނީ، އެ ޖަރީމާ ހިންގީ އާންމު ޒުވާނެއް ކަމަށް ހަދާ އޭނާގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގަމުންދާ ދިއުން މާނަކުރަނީ ބޮޑު ޖޯކެއްގެ ގޮތުގައި ކަމަށެވެ. ދައުލަތުގެ ވެރިންގެ ހިތްވަރާއެކު އެ ޖަރީމާ ހިންގި ކަމަށް ތުހުމަތުކުރެވޭއިރު ޒުވާނެއްގެ މައްޗަށް ފިނިހަކަ ދުވެލީގައި ހިންގާ ޝަރީއަތަކީ އެއްވެސް މާނައެއްގައި އިންސާފު ހޯދައިދިނުމަށް ކުރަމުންދާ ކަމެއް ނޫން ކަމަށެވެ.

ރާއްޖެޓީވީ ރޯކޮށްލި މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އެންމެ މީހެއްގެ މައްޗަށެވެ. އެއީ، ހ. ގަސްވާ، މުހައްމަދު މީއާދުގެ މައްޗަށެވެ. އޭނާގެ ޝަރީއަތް ފެށިތާ އެތައް ދުވަހެއްވެފައިވާއިރު އެ މައްސަލާގެ ހުކުމް އިއްވުމާާ ހަމައަށް ނުދެ އެވެ.

"ރާއްޖެޓީވީގެ އުއްމީދަކީ މިފަދަ ދަށު ދަރަޖައިގެ އަނިޔާވެރިކަން ދުވަހަކު ވެސް ރާއްޖޭގެ އެހެން މީޑިއާއަކަށް ތަޖުރިބާކުރަން ނުޖެހުމެވެ. ބިރުވެރިކަމާއި ނަމާންކަމާ ނާއިންސާފުގެ އަނިޔާވެރިކަމުން މިންޖުވެގެން ތިބެ ނޫސްވެރިކަން މިނިވަންކަމާއެކު އަދާ ކުރެވޭނެ ވެއްޓެއް ރާއްޖޭގައި ގާއިމުވެގެން ދިއުމެވެ." ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވެ އެވެ.