ބޮލީވުޑް

ސަންޖޭގެ ފިލްމަށް ކިޔަނީ "ސަންޖޫ"؟

Oct 8, 2017

ބެލުންތެރިން އެންމެ އިންތިޒާރުކުރަމުން އަންނަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމަކީ އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރާ މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެވެ.

އެ ފިލްމުގެ ޝޫޓިން މިހާރު ގާތްގަނޑަކަށް ނިމިފައިވާއިރު، މިހާތަނަށް ވެސް ފިލްމުގެ މާ ބޮޑު މައުލޫމާތުތަކެއް ހިއްސާކޮށްފައެއް ނުވެ އެވެ. ތުންތުން މަތިން ދެކެވޭ ވާހަކަތަކުގެ އިތުރުން އިތުރު ސައްހަ ހަބަރެއް މި ފިލްމާ ގުޅޭގޮތުން އާންމުނުކުރާއިރު ފިލްމުގެ ޝޫޓިން ނިމުމާ ގާތްވިއިރު ވެސް ފިލްމުގެ ނަން ވެސް އޮތީ ހާމަނުކޮށެވެ.

ސަންޖޭ ދަތުގެ ހަޔާތުގެ މުހިންމު ތިން ދުވަސްވަރެއްގެ ކަންތައްތަކެއް ފެނިގެންދާ މި ފިލްމުގައި އޭނާގެ ރޯލުން ފެނިގެންދާނީ ޒުވާން އެކްޓަރު ރަންބީރު ކަޕޫރެވެ. ކާމިޔާބު ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ޑައިރެކްޓްކުރާ މި ފިލްމަށް އެންމެ ފަހުން ނަމެެއްދީފައިވާ ކަމުގެ އަޑުތައް ވަނީ އަރާފަ އެވެ.

ހަބަރުތައް ބުނާގޮތުން މި ފިލްމަށް ދޭން ނިންމާފައިވާ ނަމަކީ "ސަންޖޫ" އެވެ. ސަންޖޫ އަކީ ސަންޖޭ ދަތުގެ އާއިލާ މެމްބަރުންނާއި ގާތް އެކވެރިން އޭނާ އަށް ލޯބިން މުހާތަބުކުރާ ނަމެވެ. މި ފިލްމަށް ދީފައިވާ ނަމަކީ މިއީ ކަން އަދި ފިލްމު އުފައްދާ ފަރާތަކުން ޔަގީންކޮށެއްނުދެ އެވެ.

މި ފިލްމުގައި އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ ނުވަ ދިހައިގެ ކުރީކޮޅު ސަންޖޭ ތަރިއެއްގެ ގޮތުގައި ވިދާލި ގޮތާއި މަސްތުވާތަކެތީގެ ވަބާގައި ޖެހި އޭނާގެ ދިރިއުޅުމަށް އައި ބަދަލުތަކުގެ އިތުރުން އަތުގައި މަނާ ހަތިޔާރެއް ބާއްވައިގެން އޭނާގެ ހައްޔަރުކުރި ދުވަސްވަރަަށެވެ.

އެ ދުވަސްވަރު ސަންޖޭ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަަލާއިން ގެ ވާހަކަ މި ފިލްމުގައި ފެނިގެންދާނެ އެވެ. އެ މަންޒަރުތައް ވަނީ ބަތަލާ ސޯނަމް ކަޕޫރާއި އަނުޝްކާ ޝަރްމާ އަދި ޓީވީ ތަރި ކަރިޝްމާ ތަންނާ ނަގާފަ އެވެ.

ރަންބީރު މި ފިލްމަށް ނަގަން ޖެހޭ ހުރިހާ މަންޒަރުތައް ނަގައި ނިމިފައިވާއިރު ބާކީ އޮތީ އެންމެ ލަވައެއް ޝޫޓްކުރުމުގެ މަސައްކަތް ކަމަށްވެ އެވެ. އަދި ފިލްމުގެ ހުރިހާ މަންޒަރެއް ވެސް ވަރަށް އަވަހަށް ނިމޭނެ ކަމަށްވެ އެވެ.

ސަންޖޭގެ މިހާރުގެ އަންހެނުން މާނިޔަތާ ދަތްގެ ރޯލުން ފެނިގެންދަނީ ދީއާ މިރްޒާ އެވެ. އަދި މަަންމަގެ ރޯލުން މަނީޝާ ކޮއިރަލާ ފެނިގެންދާއިރ ބައްޕަ ސުނިލް ދަތްގެ ރޯލުން ފެނިގެންދަނީ ޕަރޭޝް ރާވަލް އެވެ.

ސަންޖޭގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ރަންބީރު ވަނީ ބަރުދަން އިތުރުކޮށް ގައިގެ މަސްތައް ވެސް ވަރުގަދަކޮށްލާފަ އެވެ. އަދި ސަންޖޭގެ ޒުވާން ދުވަސްވަރުގެ ރޯލު ކުޅުމަށް ބަރުދަން ލުއިކޮށް ހިއްކާލާފަ އެވެ.