ބޮލީވުޑް

"ޖުޅްވާ 2" ގެ ކާމިޔާބީ އާއެކު ވަރުން ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފި

Oct 8, 2017

މި އަހަރަކީ ޒުވާން އެކްޓަރު ވަރުން ދަވަން އަށް ވަރަށް ކާމިޔާބު އަހަރެކެވެ. މި އަހަރު ނިކުތް އޭނާގެ ދެ ފިލްމަށް ވެސް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ.

ވަރުންގެ އެންމެ ފަހުން ރިލީޒްވި ފިލްމު "ޖުޅްވާ 2" އަށް ބޮކްސް އޮފީހުގައި ލިބެމުން އަންނަ ބޮޑު ކާމިޔާބީ އާއެކު އޭނާގެ ފިލްމީ ކެރިއަރުގައި މި އަހަރަކީ ވަރަށް ފާހަގަކޮށްލެވޭ ކާމިޔާބު އަހަރަކަށް ވުމުން ވަނީ ފިލްމު ކުޅެދޭ އަގު ބޮޑުކުރަން ނިންމާފަ އެވެ.

ވަރުން ދެން ފިލްމެއް ކުޅެދޭނީ 25 ކްރޯޑް (250 މިލިއަން) ރުޕީޒް އަށެވެ. ފަން ސަވީސް ކްރޯޑަށް އޭނާ ފިލްމު ކުޅެދޭ އަގު ބޮޑު ކުރުމާ އެކު އޭނާ ވެގެން ގޮސްފައިވަނީ ބޮލީވުޑްގެ އެންމެ އަގު ބޮޑު ހަތް ވަނަ ތަރި އަށެވެ. އޭނާ އަށް ވުރެން އަގު ބޮޑުކޮށް ފިލްމު ކުޅެދެމުން އަންނަ ތަރިންނަކީ ޝާހްރުކް ޚާން، އާމިރް ޚާން، ސަލްމާން ޚާން، ރިތިކް ރޯޝަން އާއި އަކްޝޭ ކުމާރު އަދި އަޖޭ ދޭވްގަން އެވެ.

ފިލްމު ކުޅެދޭ އަގު ވަރުން ބޮޑު ކުރުމާ ގުޅިގެން ޓްރޭޑް އެނަލިސްޓް އަތުލް މޯހަން ބުނެފައިވަނީ ވަރުން އަކީ އޭނާގެ ގާބިލިއްޔަތަށް ވުރެން މަތިން ކަންކަން އުޅޭ ތަރިއެއް ނޫންކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ އަށް އެހާ ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ ވެސް އޭނާ ކުރި ބުރަ މަސައްކަތުން ކަމަށް ބުނެފަ އެވެ.

ދެހާސް ބާރަ ވަނަ އަހަރު ނިކުތް "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ނިކުތް ވަރުން މިހާތަނަށް ކުޅުނު ފިލްމުތަކުގެ ތެރެއިން "ބަދްލާޕޫރް" ފިޔަވައި އޭނާ ދެން މުޅިން ވެސް ކުޅެފައިވަނީ ހެއްވާ މަޖާ ލޯބީގެ ފިލްމުތަކެވެ.

ކުރިއަށް ކުޅެން ހަމަޖެހިފައިވާ ތިން ފިލްމެއް ވަރުން އަތުގައި އެބަ އޮތެވެ. އޭގެ ތެރޭގައި ހިމެނެނީ ތްރިލާ ފިލްމު "އޮކްޓޯބާ" އާއި ބަތަލާ އަނުޝްކާ ޝަރްމާ އާއެކު ކުޅޭ ފުރަތަމަ ފިލްމު، "ސުއި ދާގާ" އާއި ވަރުން އެންމެ ގިނަ ފިލްމުތައް ކުޅެފައިވާ ބަތަލާ އާލިއާ ބަޓް އާ އެކު ކުޅޭ "ޝިއްދަތް" އެވެ.