ކުޅިވަރު

ރާއްޖޭގެ މެޗަށް އޮމާން ގެންނަނީ ތަޖުރިބާ ބޮޑު ޓީމެއް

Oct 8, 2017
1

އޭޝިއަން ކަޕް ކޮލިފައިންގައި، އަންނަ އަންގާރަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް، އޮމާން އިން ގެންނަ ޓީމުގައި، އެގައުމުގެ ތަޖުރިބާ ކާރު ކުޅުންތެރިން ހިމެނޭ ކަމަށް އޮމާންގެ މީޑިއާތަކުން ބުނެފި އެވެ.

އޮމާންއިން ރާއްޖެއާ ދެކޮޅަށް ކުޅެން އަންނަނީ އަރަބި އެމރޭޓްސްގެ ދުބާއީގައި، އުރުދުންއާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗަށް ފަހު އެވެ. އެ މެޗު ނިމުނީ 1-1 އެއްވަރު ވެގެން ނެވެ.

އޮމާންގެ ކޯޗް، ޕިމް ވާބެކް ވަނީ، އޮމާންގައި 5-0 ން ރާއްޖެ ބަލި ކުރި ޓީމުގައި ނުހިމެނުނު އޮމާންގެ މުހިންމު ކުޅުންތެރިންނަށް، ރާއްޖޭގައި ކުޅޭ މެޗަށް އެކުލަވާލި ސްކޮޑުން ފުރުސަތު ދީފަ އެވެ. އެ ތިން ކުޅުންތެރިންނަކީވެސް ގައުމުން ބޭރުގައި ވަރުގަދަ ލީގްތަކުގައި ކުޅެމުންދާ ތިން ކުޅުންތެރިންނެވެ.

އެގޮތުން ރާއްޖޭގެ މެޗަށް އޭރު އެކުލަވާލި ސްކޮޑްގައި ނުހިމެނުނު ވިގަން އެތުލެޓިކްގެ ކުރީގެ ގޯލް ކީޕަރު މިހާރު ސައުދީ ހިލާޅް އެފްސީ އަށް މިހާރު ކުޅެމުންދާ އަލީ އަލް ހަބްސީ އަށް ވަނީ ފުރުސަތު ދީފަ އެވެ.

ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުގައި، ވާބެކް ވަނީ އަލް ހަބްސީ އަށް ފުރުސަތު ދީފަ އެވެ. ނަމަވެސް އޭގެ ފަހުން، ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުން އޭނާ އަށް ފުރުސަތު ނުދިނީ ރާއްޖޭގެ ފަރާތުން އުނދަގޫ ކުރިމަތި ނުވާނެކަން ދެނެގަން ނެވެ. އެމެޗުގައި ގޯލް ބަލަހައްޓަފައި ވަނީ ދެ ވަނަ ކީޕަރު ފާއިޒް އަލް ރުޝައިދީ އެވެ.

އަލުން ސްކޮޑުން ފުރުސަތު ދީފައިވާ އަނެއް ކުޅުންތެރިޔަކީ ކުވައިތުގެ ކުވައިތު އެސްސީ އަށް ކުޅެމުންދާ ތަޖުރިބާކާރު ސްޓައިކަރު، އަބްދުލް އަޒީޒް އަލް މުގްބަލީ އަށެވެ. އޮމާންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު ޓީމުން އޭނާ އަށް ވެސް ފުރުސަތު ދީފަ އެއް ނުވެ އެވެ. މިފަހަރުގެ ސްކޮޑުން އަލުން ފުރުސަތު ދީފައި ވަނީ، އިބްރާހިމް ރައިދު އަށެވެ. އޭނާ އަކީ މާލްޓާގެ ލީގްގެ ވެލައްޓަ އެފްސީ އަށް ކުޅެމުންދާ ކުޅުންތެރިޔެކެވެ.

ކޮލިފައިންގައި ގުރޫޕްގެ އެއް ވަނައިގައި އޮތީ ތިން ޕޮއިންޓްގެ ލީޑަކާއެކު އޮތް ފަލަސްތީނެވެ. އަދި ފަލަސްތީނުންވެސް ބޫޓާން ކޮޅަށް ގިނަ ގޯލް ތަކެއް ޖަހާނެ ކަމަށް ބެލެވޭތީ، އޮމާންގެ ކޯޗްގެ ވާބެކްވެސް ހުރީ އެކަމަށް ވިސްނައިގެންނެވެ. މިހާރުވެސް އެ ޓީމަށް 18 ގޯލްގެ ފައިދާ އެބައޮތެވެ.

އެހެން ކަމުން ފަލަސްތީނާ ދެކޮޅަށް، އަމިއްލަ ގައުމުގައި ކުޅޭ މެޗުން މޮޅުވެގެން، ފަލަސްތީނާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށް، ލަނޑުގެ ތަފާތުން އޮމާން އަށް ގޫރޫޕްގެ އެއް ވަނަ ލިބޭނެ ކަމުގެ އުންމިދު ވާބެކް އަށް އޮތުމުން އޭނާގެ ޓާގެޓަކީ އަންގާރަ ދުވަހު ކުޅޭ މެޗުގައިވެސް ރާއްޖެ ކޮޅަށް ގިނަ ގޯލް ތަކެއް ޖެހުމެވެ.

މެޗަށް އޮމާން ޓީމު މާލެ އަންނަނީ، މިއަދު ހަވީރު 3:30 ގަ އެވެ.