ކުޅިވަރު

Oct 8, 2017

ޝްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި މިހާރު ކުރިއަށްދާ ކޮލަމްބޯ މެރަތޮންގެ 10 ކީލޯ މީޓަރުގައި ވާދަ ކޮށް، ރާއްޖޭގެ މަރްޔަމް އަބްދުލް ކަރީމް (މަރީ) ދެ ވަނަ ހޯދައިފި އެވެ.

ކުޑަ ހުސައިން (ކޭއެޗް) އެކެޑެމީގެ ޓީމުގައި ލަންކާގެ މެރަތޮންގައި ވާދަ ކުރަން މަރީ ދިޔައީވެސް ވަނަ ހޯދުމުގެ އަމާޒުގައެވެ. ދިހަ ކީލޯމީޓަރުގެ ރޭހުގެ ދެ ވަނަ މަރީ ހޯދީ 45:42 (ސާޅިފަސް މިނެޓް 42 ސިކުންތުން) ރޭސް ނިންމައިގެން ނެވެ.

މިއީ މިއަހަރުގެ ޖުލައި މަހު އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް މެރޮތޮންގެ ހާފު މެރޮތިންގައި ދުވެ، މަރީ 10 ކިލޯ މީޓަރު ފުރިހަމަ ކުރި ވަރަށް ވުރެ ލަސް މިނެކެވެ. ގޯލްޑްކޯސްޓްގެ ހާފު މެރަތަންގައި ދުވެ 10 ކިލޯމީޓަރު މަރީ ނިންމީ 44:07 (ސާޅީސް ހަތަރު މިނެޓް ހަތް ސިކުންތު) ން ނެވެ. އެއީ އޭރު މަރީ ހެދި ގައުމީ ރެކޯޑެކެވެ.

މަރީގެ ކޯޗް ކޭއެޗް އެކެޑެމީގެ ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން ) ބުނީ ގޯލްޑްކޯސްޓްގައި މަރީ ވާދަ ކުރި އިރު އެތަނުގެ މޫސުމާއި ކޮލަމްބޯގެ މޫސުން ތަފާތު ކަމަށާއި ކޮލަމްބޯގެ ރޭހުގައި ވާދަ ކުރީ ވަނަ އަކަށް ކަމަށެވެ. އަދި ދެ ވަނައިގައި ރޭސް ނިންމައި ރިހި މެޑަލް ހޯދުމުން ހިތްހަމަ ޖެހޭ ކަމަށެވެ.

މަރީއާ ވާދަ ކޮށް އެއް ވަނަ ހޯދީ އެފްރިކާ އަށް ނިސްބަތްވާ ދުވުންތެރިޔެކެވެ.

ރާއްޖޭގެ ހާފު މެރަތޮންގެ ރެކޯޑްވެސް އޮތީ މަރީ41 އަތުގަ އެވެ. ގޯލްޑްކޯސްޓްގައި ދުވެ ހާފު މެރޮތޮންގެ ރެކޯޑް މަރީ ހެދީ، 1:34.48 (އެއް ގަޑި 34 މިނެޓު 48 ސިކުންތުންނެވެ.

އޭގެ ކުރިން، މި ރެކޯޑް އޮންނާނީ، އެއް ވަނަ އަންހެން ދުވުންތެރިޔާ ޝަމްހާ އަހްމަދު އަތުގަ އެވެ. ޝަމްހާ މި ރެކޯޑް ހެދީ 30 މާޗިޗް 2014 ގައި ބައިނަލްއަގްވާމީ އެތުލެޓިކްސް ފެޑްރޭޝަންގެ ހާފް މެރަތޮންގައި ދުވެ، އެއް ގަޑި 42 މިނެޓުން ރޭސް ނިންމައިގެން ނެވެ.

މަރީ ވަނީ މިދިޔަ އަހަރު ބޭއްވި ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އަންހެން އެތުލީޓްގެ މަގާމު ހޯދާފަ އެވެ. ކުޑަ ހުސައިންގެ ކޯ ކަމުގެ ދަށުން މަރީ ތަމްރީންތައް ފެށީ މިއަހަރު އޭޕްރީލް މަހު އެވެ.

"ކޭއެޗް އެކަޑަމީން މި އުފައްދަނީ ބޭރުގެ މުބާރާތްކުގައި ގައުމީ ފެންވަރުގެ އެތުލީޓުން މިއީ އެކެޑެމީ އަށް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަ ވަރަށް ބޮޑު އުފުލެއް،" މީގެ ކުރިން ކުޑަ ހުސައިން ބުނެފައި ވެއެވެ. "މިހާރު ގިނަ ގައުމީ ރެކޯޑްތަކެއް ހަދަނީ ރާއްޖެއިން ބޭރުގައި ތަމްރީން ހަދައިގެން އަންނަ ކުދިން، އެކަމަކު ކޭއެޗް އެކެޑެމީން ސާބިތުކޮށް ދޭން ބޭނުންވަނީ ރާއްޖޭގައި ޓްރެއިނިން ހަދައިގެންވެސް ގައުމީ ފެންވަރުގެ އެތުލީޓުން އުފެއްދިދާނެކަން."

މިއަދު ކުޑަހުސައިން ވަނީ 42.1 ކިލޯމީޓަރުގައި ޗެރިޓީ ރޭހުގައި ދުވެފަ އެވެ. އެއީ ހަނގުރާމަ އާއި ގަތުލުއާންމުގެ ސަބަބުން ހާލުގައި ޖެހިފައިވާ، މިޔަންމާ ރައްޔިތުންނަށް އެހީވުމުގެ ގޮތުންން ނެވެ. އުމުރުން 48 އަހަރުގައި 200 ދުވުންތެރިންނާ ވާދަ ކޮށް ކުޑަ ހުސައިން 36 ވަނައިގައި ރޭސް ނިންމާފަ އެވެ. ކުޑަ ހުސައިން މެރޮތޮންއެއްގައި އެންމެ ފުރަތަމަ ދުވީ މީގެ 30 އަހަރު ކުރިންނެވެ. މިއީ އޭނާ ދުވި 17 ވަނަ މެރޮތޮން އެވެ. އެ އުމުރުގައިވެސް މެރޮތޮންގައި ވާދަ ކޮށް ހުސައިން ބޭނުންވީ ދިވެހިންނަށް މޯޓިވޭޝަން އެއް ދީ ކޮންމެ ކަމަކީވެސް ކުރެވޭނެ ކަމެއްކަމަށް ސިފަ ކޮށްދީ ހިތްވަރު ދިނުމަށެވެ.

މި ރޭސްގެ އެންމެ ފަހު 20 މީޓަރު ކުޑަ ހުސައިން ކަޑަތު ކުރީ ހަތަރެސްފައި ޖަހާފަ އެވެ. އެއީ މިޔަންމާއގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ގަތުލު އާންމާއި ސީރިޔާގެ ހަނގުރާމައިގައި ކުށެއް ނެތް އާންމުން މަރަމުންދާތީ އާއި ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއިލްގެ އަސްކަރީ ބާރުތަކުން ހިންގާ އަނިޔާވެރި އަމަލުތަކާ ދެކޮޅު ހެދާކަން ހާމަ ކުރުމުގެ ގޮތުން ނެވެ.