ހަބަރު

ހުޅުމާލެ ހޮސްޕިޓަލްގައި ކެންސަރަށް ފަރުވާދޭ ސެންޓަރެއް ހުޅުވައިފި

ހުޅުމާލެ ހޮސްޕިޓަލްގައި ކެންސަރަށް ފަރުވާދިނުމަށް ގާއިމް ކޮށްފައިވާ އޮންކޮލޮޖީ ސެންޓަރު ހުޅުވައިފި އެވެ. އޮންކޮލޮޖީ ސެންޓަރު ހުޅުވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމް ކޮށްފައިވާ އޮންކޮލޮޖީ ސެންޓަރު މިއަދު ހުޅުވައިދެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ، ކެންސަރަކީ ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ ތިން ބަލީގެ ތެރެއިން އެއްބަލި ކަމަށާއި މިއަދު ހުޅުވުނު އޮންކޮލޮޖީ ސެންޓަރަކީ ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުންވީ ވައުދުތަކުގެ ތެރެއިން ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. އަދި ވިދާޅުވީ، އާސަންދައިގެ ތެރެއިން 2016 ވަނަ އަހަރު ކެންސަރަށް ފަރުވާ ހޯދުމަށް 1527 ފަހަރު ރާއްޖެއިން ބޭރަށް މީހުން ފޮނުވިފައިވާ ކަމަށާއި މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ނިޔަލަށް 1100 އަށްވުރެ ގިނަ ފަހަރު ރާއްޖެއިން ބޭރަށް މީހުން ފޮނުވިފައިވާ ކަމަށެވެ.

އޮންކޮލޮޖީ ސެންޓަރުން ފަރުވާ ދޭން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެންނެވެ. އެ ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ކެންސަރަށް ސްކްރީން ކުރުމާއި، ކޮންސަލްޓޭޝަން އަދި ކީމޯ ތެރަޕީގެ ހިދުމަތް ހިމެނެ އެވެ. އެ ސެންޓަރަކީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާއި ގުޅިގެން ހުޅުވި ސެންޓަރެކެވެ.

މިނިސްޓަރު ވިދާޅުވީ، މިއަދު ހުޅުވުނު ސެންޓަރަކީ ރާއްޖޭގައި ކެންސަރު ބައްްޔަށް ފަރުވާ ކުރުމަށް ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށާއި އެ ހިދުމަތް އިތުރަށް ފުޅާވެ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް އެ ސެންޓަރު މެދުވެރިކޮށް ހިދުމަތް ދެވިގެންދާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީން ސިއްހީ ނިޒާމަށް ގެންނަވާފައި ވަނީ 100 ޕަސަންޓްގެ ކުރިއެރުމެއް ކަމަށެވެ.

"މިފަދަ ބޮޑު ބަދަލެއް އައި ދިވެހި ރާއްޖޭގެ ތާރީހު ދެކިފަ ނުވާނެ ކަން ކަށަވަރު، ސިއްހީ ނިޒާމަށް ރައީސް ޔާމީން ގެންނަވާފައި މިވަނީ 100 އިންސައްތައިގެ ކުރިއެރުމެއް، މި ސަރުކާރުން ވޭތުވެދިޔަ ތިނެއް ނުވަތަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސިއްހީ ނިޒާމަށް ކުރެއްވެވި ހަރަދަށް ބެލިޔަސް ސަތޭކަ ގުނައަށް މިވަނީ އިތުރުވެފަ، ފުޅާކުރެވުނު ހިދުމަތްތަކާއި ފެންވަރު ރަނގަޅު ކުރެވުނު ހިދުމަތްތަކަށް ބެލިކަމުގައިވީ ނަމަވެސް އެކަން ކަށަވަރުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އާސަންދަ ކުންފުނީގެ އެމްޑީ ހަސަން އަލީ ވިދާޅުވީ، ރާއްޖެއިން ބޭރަށް ބޭސްފަރުވާ ހޯދުމަށްދާ ބޮޑެތި ބަލިތަަކަށް ރާއްޖެގައި ފަރުވާ ލިބޭނެ ގޮތް ހަމަޖައްސައި މިއަހަރު ހުޅުމާލެ ހޮސްޕިޓަލްގައި އެ ބަލިތަކަށް ފަރުވާދޭނެ ސެންޓަރުތައް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.

ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަހުމަދު އަޒީމް ވިދާޅުވީ، މިއަދު ހުޅުވުނު ސެންޓަރުން ފޯރުކޮށްދޭނީ ހަމައެކަނި ކީމޯގެ ހިދުމަތް ނޫން ކަމަށާއި ރައްޔިތުން ހޭލުންތެރި ކުރުމަށާއި ކައުންސިލިން ދިނުންވެސް ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ، މިއަހަރު ތެރޭގައި ކައުންސިލިންއަށް ބޭނުންވާ ފަރާތްތަކަށް ގުޅޭނެ ލައިނެއް ހުޅުވިގެންދާނެ ކަމަށާއި އޮންކޮލޮޖީއާ ގުޅުންހުރި މެޑިކަލް ކޭޕްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މީހުން ހޭލުން ތެރިކުރުމުގެ ޕްރޮގްރާމްތައް ގެންދިއުން، ހޭލުން ތެރިކަން އިތުރު ކުރުމަށް ވަރަށް އަވަހަށް ލައިނެއް ހުޅުވިގެންދާނެ، އެފަރާތްތަކުން ސާފުކުރަން ބޭނުންވާ މައުލޫމާތެއް އެ ލައިނަށް ގުޅައިގެން ސާފު ކުރެވިގެންދާނެ،" އަޒީމް ވިދާޅުވި އެވެ.

އަޒީމް އިިތުރަށް ވިދާޅުވީ، ސެންޓަރުން އެއްފަހަރާ ފަސް ފަރާތަކަށް ހިދުމަތް ދެވިގެންދާނެ ކަމަށެވެ. އަދި އޮންކޮލޮޖީ ސެންޓަރާއި އަމްރިތާ ހޮސްޕިޓަލް ވަނީ ވީޑިއޯ ކޮންފަރެންސްއިން ގުޅިފައި ކަމަށާއި ކޮމްޕްލިކޭޓެޑް ހާލަތްތަކުގައި އެ ހޮސްޕިޓަލްގެ ފަރާތްތަކުގެ އެހީއާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އަޒީމް ވިދާޅުވި އެވެ.