ފިނިޕޭޖް

ނަހުލާ ހައިރާންވެފައި، ފައްތާހުގެ ކޮމެންޓެއް ނެތް!

Oct 9, 2017
21

ފިލްމީ ދާއިރާގައި މި ދުވަސްވަރު އެންމެ މަގުބޫލުވެގެން އުޅޭ "ޑްރާމާ" އަކީ ޕްރޮޑިއުސަރު އަބްދުލް ފައްތާހާއި ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ "ޑްރާމާ" އެވެ. މި އަހަރު އެންމެ ކާމިޔާބު އަދި ރިކޯޑު މުގުރާނީ ކޮން ފިލްމެއްގެ ތޯ ކުރާ "ޒުވާބެ" ކެވެ.

މި ޒުވާބެއް ފެށިގެން މިއުޅެނީ ފައްތާހުގެ އެންމެ ކާމިޔާބު ފިލްމު ކަމުގައިވާ "ހައްދު" ގެ ރެކޯޑު މުގުރާލަން ނަހުލާގެ "ބޮސް" ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނޭ ބުނި ހިސާބުންނެވެ. ހައްދު ރިލީޒް ކުރިތާ މަސް ދުވަސް ވެގެން ދިޔަ އިރު "ބޮސް" އަދި އުޅެނީ ސްކްރީނަށް އައުމުގެ މަގުމަތީގަ އެވެ. އެ ފިލްމު އަޅުވާނީ މި މަހުގެ 30 ގަ އެވެ.

މި ވާހަކަތަކާއި ގުޅިގެން ނަހުލާގެ ބަހެއް ހޯދާލަން ގުޅާލުމުން ބުނީ ޖެހިގެން އުޅޭ މައްސަލައެއް އެއްގޮތަކަށްވެސް ނޭނގޭ ކަމަށެވެ.

"ވަރަށް ކުރީގައި އުޅުނު ޖައްސާލައިގެން، އެކަމަކު އޭރުވެސް އަހަންނާ ދިމާލަކަށް ނުބުނޭ، އޭގެ ފަހުން ވަރަށް ދުވަސްވެއްޖެ، އޭނަ ފިލްމު އެސޯސިއޭޝަންގެ އެ މަގާމަށް ހޮވަންވެސް އަހަރެން މަސައްކަތް ކުރިން، އަނެއްކާ ހައްދު އެޅުވިއިރު އަހަރެންގެ ފިލްމުގެ އިޝްތިހާރު ވެސް ދެއްކި އޮންނަ އެ އުސޫލާ އެއްގޮތަށް، އެކަމަށް އަހަރެން ޝުކުރުވެސް އަދާކުރިން، ހަމަ ވަރަށް ރީއްޗަށް އުޅުނީ، އެކަހަލަ އެއްވެސް މައްސަލައެއް ނެތް،"

ފައްތާހު އިތުރަށް ބުނެފައިވަނީ ނަހުލާ ފިލްމު ހަދަނީ ހަމައެކަނި އިމޯޝަންސް ނުވަތަ ޖަޒުބާތު ހިމަނައިގެން ކަމަށެވެ. ފައްތާހުގެ މި ވާހަކައެއް އަމާޒުކޮށްފައި މިވަނީ ބޮސްގެ ލީޑު ރޯލަށް ނަހުލާ ނަގާފައިވާ މުހައްމަދު ޔުނާނަށެވެ. "ހައްދު" ގައި ލީޑު ރޯލުން ފެނިގެންދިޔަ އަހްމަދު ޝިބާންގެ ހުރި ކަހަލަ ރީތި ހަށިގަނޑެއް ނެތް ކަމަށެވެ.

އެވާހަކަތައް ނަހުލާވެސް ވަނީ ރައްދު ދީފަ އެވެ. ނަހުލާ ބުނަނީ ފިލްމު ހަދަނީ ޖަޒުބާތަށް ބަލައިގެން ކަމަށެވެ.

"ފިލްމުގެ 90 ޕަސަންޓަކީ އިމޯޝަން، ހަމައެކަނި މީހާގެ ލުކެއް ނޫން، މީހުން ބަލާނީ މޫނަށް އެންމެ ފުރަތަމަވެސް، ޔުނާނަކީވެސް އެގޮތުން ބަލާއިރު ރީތި ކުއްޖެއް،" ފައްތާހުގެ އެ ވާހަކަތަކަށް ނަހުލާ ދިން ރައްދަކީ އެއީ އެވެ.

"އަހަންނެއް އެއްވެސް އިރެއްގައި ނޫޅެން ވާދަ ކުރާކަށް، ވަކި މީހެއްގެ ރިކޯޑެއް މުގުރާކަށް، އަހަރެން އަމިއްލައަށް ހަދާފައި އޮތް ރިކޯޑު މުގުރޭތޯ އަހަރެން ބަލަނީ، އަހަރެންގެ އެންމެ ދަށް ރެކޯޑް ވެސް ބްރޭކް ނުކުރެވޭ، ނޫނިއްޔާ ބޭނުންވާ ވަރަށް ފިލްމު ނުހިނގީ،" އޭނާގެ ފިލްމު ޔޫސުފްގެ 50 ޝޯ އޮލިމްޕަހުގައި ދައްކާފައިވާ ނަހުލާ ބުންޏެވެ.

ޝިބާން އާއި ޔުނާން އަޅާ ކިޔާނަމަ ދެން މިއޮތީ ދެ މީހުންގެ އެކްޓް ކުރުމުގެ ހުނަރުގެ ވާހަކަ އެވެ. ހައްދު އަދި ބޮސްގެ ވެސް ލީޑު ރޯލުން ފެނިގެންދާ އައްޒަ އާއެކު ޝިބާންގެ ކެމިސްޓްރީ މާބޮޑަށް ރަނގަޅުވާނެ ކަމަށް ފައްތާހު އޭރު ބުނެފައިވެ އެވެ. އެކަމަށް ނަހުލާ ދިނީ ވަރަށް ފިނި ޖަވާބެކެވެ.

"އަހަންނެއް ނުބަލަން ހައްދެއް، އެކަމަކު ޓްރެއިލާ ބެލިން، އެވާހަކަ ބާއްވާފައި ބަލާބަލަ ދެ ފިލްމުގައި ވެސް ބަތަލާ އަކަށް އެއުޅެނީ އައްޒަ، ހައްދު ރިލީޒްކުރި ފަހުން އައްޒަ ޔުނާންގެ އެކްޓިން އަށް ތައުރީފްކޮށްފައި، އޭރު ބޮސް ނަގަމުން ދިޔައީ، އެންމެ ފުރަތަމަ ޔުނާން އާ އެކު އައްޒަ ޝޫޓު ކުރި ދުވަހު ހުރި ހައިރާންވެފައި، އެހި ތިމަންނައަށް ޔުނާން އާ އެއްވަރަކަށް އެކްޓު ކުރެވޭހޭ،" ނަހުލާ ނިންމާލީ މިހާ ހިސާބުންނެވެ.

ދެން އޮތީ ފިލްމުގެ ކޮލިޓީގެ ވާހަކަ އެވެ. ހައްދު ނަގާފައިވަނީ 5.1 ގެ ސަރައުންޑް ސައުންޑް ހިމަނައިގެންނެވެ. ބޮސް ނަގަނީ ފައިވް ކޭ ކޮލިޓީގަ އެވެ. މިއިން އެއްވެސް ވާހަކައަކަށް ފައްތާހު އިތުރަށް ކޮމެންޓެއް ދޭކަށް ބޭނުމެއް ނޫނެވެ.

"ތިކަމާ ބެހޭގޮތުން އަޅުގަނޑު ނޯ ކޮމެންޓް،"ފައްތާހުގެ ބަހެއް ހޯދާލަން ގުޅާލުމުން ބުނީ އެހެންނެވެ.

ފިލްމުގެ މޮޅު ކަމާއި ރީތި ކަމާއި ބެހޭގޮތުން ދެ ޕްރޮޑިއުސަރުން ދައްކާފައި ހުރި ވާހަކަތަކަށް ދެން އެއްޗެއް ބުނަން އެނގޭނީ ބޮސް ރިލީޒް ކުރުމުންނެވެ. ނުވަ ޝޯއަށް މިހާރު ޓިކެޓް ވިއްކާއިރު ފުރަތަމަ ޝޯތައް މިހާރު އެއްކޮށް ފުލް އެވެ.