ލައިފްސްޓައިލް

ބުރާސްފަތި ސަލާން، ހުކުރު ހޮނިހިރު ބަންދު!

Oct 23, 2017
20

ހަފުތާގެ ތިން ވަނަ ދުވަހު އޮފީހަށް ދެވެނީ ވަރަށް ހިތްވަރުންނެވެ. އެއްވެސް ވަރަކަށް އޮފީހަށް ދާ ހިތް ނުވަނީ އެވެ. ހެނދުނު ހެނދުނާ ހޭލައިގެން ޓްރެފިކް ބޮޑު މާލޭގައި ދާހިތްލާ ފޯވެގެން ދާން ބޭނުން ނުވަނީ އެވެ. އެހާ ހެނދުނާ ހޭލަން ޖެހޭތީ ރުޅިވެސް ގަދަ ވެވެނީ އެވެ. ކޮންމެ ދުވަހަކު އޮފީހަށް ދާން ހޭލާފައި މިއަދު އޮފީހަށް ދާނަންތޯ ވިސްނަން އޮންނަ ޖެހެ އެވެ. ނުގޮސްފިނަމަ ނުނިމި ހުރި މަސައްކަތް ގިނަ ވާނެ އެވެ. އިތުުރު ވަގުތު އޮފީހުގައި އުޅެގެން ނޫނީ އެ މަސައްކަތްތަކެއް ނުނިންމޭނެ އެވެ. އެންމެ ރަނގަޅު ގޮތަކީ މިއަދު އޮފީހަށް ދިއުމެވެ.

އެހެން ހިތަށް އަރުވައިގެންވެސް އޮފީހަށް ދެވެނީ ބުދަ ދުވަހާއި ހަމަ އަށެވެ. ބުދަ ދުވަހުގެ މެންދުރުފަސް ވެގެން އަންނަ އިރު ހަފުތާ ބަންދުގެ ޕްލޭން އޮންނާނީ ހަދާ ނިންމާލާފަ އެވެ. އާންމުކޮށް ދައްކާނީ އެއް އުޒުރެކެވެ. ބޮލެއްގައި ރިއްސާނެ އެވެ. ހުން އަންނާނެ އެވެ. އެ ހުމަށް ބުރާސްފަތި ހުމޭވެސް ކިޔަ އެވެ. އެހެން ނޫނީ މަންމަ / ބައްޕަ، ނުވަތަ އާއިލާގެ ގާތް ކޮންމެވެސް މީހަކު ހޮސްޕިޓަލުގައި ބާއްވާނެ އެވެ. މި ކަހަލަ ކޮންމެވެސް އުޒުރެއް އަބަދުވެސް ދައްކަ އެވެ. މައިގްރޭން ވެސް އުޅޭނެ އެވެ.

މެޑިކަލް ސެޓްފިކެޓް (އެމްސީ) ގެންދަން ޖެހޭނަމަ ހޮސްޕިޓަލެއް ނުވަތަ ކުލިނިކެއްގައި މަސައްކަތް ކުރާ ކޮންމެވެސް ރައްޓެއްސެއް މެދުވެރިކޮށް ފޭކު އެމްސީއެއް ހައްދަ އެވެ. އެފަދަ ގޮތަކަށް އެމްސީއެއް ނުލިބިއްޖެނަމަ ކްލިނިކަކަށް ނުވަތަ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރާއި ވާހަކަ ދައްކައިގެން އެމްސީއެއް ހޯދަ އެވެ. އެކަންވެސް ހައްލުވީ އެވެ. މާބޮޑު ކަމެއް ނޫނެވެ.

ބުރާސްފަތި ދުވަހު އޮފީހަށް ސަލާން ބުނެފައި ރައްޓެހިންނާއެކު ކޮންމެވެސް ރަށަކަށް ނުވަތަ ރިސޯޓަކަށް ގޮސްފައި އަންނާނީ ހޮނިހިރު ދުވަހުގެ ހަވީރެވެ. އެނބުރި އައިސް އެރޭ ހަތަރު ދަން ނިދާފައި ހެނދުނު ތާޒާ ކަމާއެކު އޮފީހަށް ދެ އެވެ. ހޯމަ ދުވަހު އޮފީހުން އައިސް އަންގާރަ ދުވަހު ދާންވާއިރަށް އަނެއްކާވެސް މޫޑު ގޯސްވެ އޮފީހަށް ދާން ފޫހިވަނީ އެވެ. ޗުއްޓީއެއް ބޭނުންވެ ހަފުތާ ބަންދަށް ކުރާ އިންތިޒާރު އެތައް ގުނައެއް އިތުރުވެ އެވެ.

އޮފީހަށް ދާން ފޫހިވެ ހަފުތާ ބަންދަށް މާބޮޑަށް އިންތިޒާރު ކުރެވެނީ އޮފީސް ފޫހި ކަމުން ކަންނޭނގެ އެވެ. ނޫނިއްޔާ އެކުގައި މަސައްކަތް ކުރާ މުވައްޒަފުން ނުގުޅެނީ ހެއްޔެވެ؟ ނުވަތަ ތި ކުރާ މަސައްކަތަކީ ކުރަން ބޭނުންވި މަސައްކަތެއް ނޫން ދޯ އެވެ.

"އަސްލު ބުނާކަށް ނޭނގެ ކީއްވެ ކަމެއް، ހީވަނީ ދެން މާ ހެނދުނު ނިދާ ހޭލަން ޖެހޭތީ ހެން، އޮފީހަށް ގޮސްފައި އެންމެނާ ދިމާވީމަ އޯކޭ، އެކަމަކު ދާން ބޮޑު ކަމަކަށް ވަނީ،" އޮފީހަށް ސަލާން ބުނާ މިންވަރު ގިނަވެ ދެ ފަހަރަކު ނަސޭހަތް ދޭން ގެންގޮސްފައި ހުރި މީހަކު ބުންޏެވެ.

އޮފީސް އޯކޭ އެވެ. ކުރަން ޖެހޭ މަސައްކަތްވެސް ރަނގަޅެވެ. ކުރާ ހިތްވެ އެވެ. އެކުގައި މަސައްކަތް ކުރާ މުވައްޒަފުން ނުވަތަ ކޮލީގުން ގުޅެ އެވެ. އޮފީހުގެ ވަގުތުތައް އެމީހުން ކުރުކޮށްދެ އެވެ. މަސައްކަތުގައި އެހީތެރިވެސްވެދެ އެވެ. ދެން އެހެންވިއްޔާ އެހެން ކޮން ކަމެއް ހެއްޔެވެ؟

"އަހަންނަށް ހީވަނީ ކަންނެތް ވަނީ ކަންނޭނގެ މާ ބޮޑަށް، އެހާ ހެނދުނު ހޭލަން ޖެހޭތީ، އަށެއް ޖަހާއިރަށް ދާން މިޖެހެނީ، އެހެންވީމަ ހަތެއް ޖަހާއިރަށް އެންމެ ލަސް ވެގެން ހޭލަން ޖެހޭ، ތިނެއް، ހަތަރެއް ޖަހާއިރު މި ނދެނީ، ދެން ކިހިނެއް ހޭލާނީވެސް، އެކަމަކު މިސާލަކަށް ޝިފްޓް ޑިއުޓީ އިނދެފައި ހަވީރު ޑިއުޓީއަށް ދާން ޖެހޭނަމަ ޔަގީން މަ ދާނަން އުފަލުން،"

"ކޮންތާކު، މިސާލަކަށް ހެނދުނު ޑިއުޓީ މާ ރަނގަޅު މަށަށް، އޭރަށް ބުރާސްފަތި ދުވަހު ޑިއުޓީ ނިންމާފައި ނައްޓާލަންވީ ވީކެންޑަށް ސަޓަޑޭ ހަވީރު އަންނަ ގޮތަށް، އެއްވެސް ދުވަހަކު ސަލާން ބުނާކަށް ނުޖެހޭ، އަނެއްކާ ރައްޓެހިންނާއި އާއިލާ އާ އެންމެން ފްރީވަނީ ހަވީރު، އެ މީހުންނާ ވެސް ދިމާވާނީ ހަވީރު ފްރީ ވެގެން ދޯ، ކަންނެތްކަމުން ނިދާ ނުހޭލަން ދައްކާ ބަހަނާއެއް އެއީ،"

މި ވާހަކައަށް ތާއީދު ނުކުރާ މީހުންގެ އެއް ބަހަނާ އަކީ އެކުގައި މަސައްކަތް ކުރާ މީހުން ނުގުޅުމާއި ވެރިން ގެންގުޅޭ ހަމަހަމަ ނޫން އުސޫލެެވެ. އެފަދަ ކަންތައްތަކެއް މަސައްކަތުގެ މާހައުލުން ކުރިމަތިވާނަމަ އެތަނެއްގައި މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ޝައުގުވެރިކަމާއެކު އެންމެ ފުރިހަމައަށް މަސައްކަތްތަކެއް ނުނިންމޭނެ އެވެ.

ދެވަނަ ސަބަބަކަށް ވާނީ އަދާކުރަން ބޭނުންނުވާ ވަޒީފާއަކަށް ދާން ޖެހުމެވެ. މަޖުބޫރުން ކަމެއް ކުރަންޏާ އެކަމެއް އެންމެ ފުރިހަމައަށް ކުރުންވާނީ އުނދަގޫ ކަމަކަށެވެ. އެކަމުގެ ހައްލަކީ ކުރާ ހިތްވާ މަސައްކަތެއް ކުރުމެވެ. ވަޒީފާ ހޯދަން އުނދަގޫ ދުވަސްވަރެއްގައި ކޮންމެ ކޮންމެ ބޭނުންހާ ވަޒީފާއެއް ނުވެސް ލިބޭނެ އެވެ. އެހެން ނަމަވެސް ޕޮޒިޓިވް ނަޒަރަކުން ވިސްނައިފިނަމަ އަދާކުރާ ވަޒީފާއަށް ވެސް ޝައުގުވެރިވެވިދާނެ އެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ.

"އަސްލު މަ ވެސް ބޭނުމެއް ނޫން އެޑްމިން އޮފިސަރަކަށް އިންނާކަށް، އަސްލު ބޭނުންވީ ފުލުހަށް ވަންނަން، އެކަމަކު މަންމަމެން ހިލާ ގަބޫލެއް ނުވި، އަނެއްކާ ސްކޫލް ނިންމި ގޮތަށް ޖޮބަކަށް ދާން މަޖުބޫރުވެއްޖެ، އެންމެ އަވަހަށް ޖޮބް ލިބުނީ މިތަނުން އެޑްމިން އަކަށް، ދެން މަންމަ ހަޅޭއްލަވާނެ މަ އޮފީހަށް ނުދާ ދުވަސް ގިނަ ވީމަ، އަޅެ މަ ދާހިތް ނުވަންޏާ ނުދެވޭނެއްނުން، ހާދަ ފޫއްސޭ އޮފީހަށް ދާން،" 20 ވަރަކަށް އަހަރުގެ އަންހެން ކުއްޖަކު އޭނަ އޮފީހަށް ސަލާން ބުނާ ސަބަބުތައް ކިޔައިދިނެވެ.

ބައެއް މީހުން ބުނެ އެވެ. މަސައްކަތް މާ ބުރަ ވަނީ އެވެ. ހެނދުނު އޮފީހަށް ދާ ގޮތަށް ރޭގަނޑު ނުވައެއް ނުވަތަ 10 ޖަހާއިރުވެސް ގެއަށް ނުދެވެނީ އެވެ. ހަފުތާގެ ހަތަރު ދުވަހު އޮފީހުގައި އެހާ ބުރަކޮށް މަސައްކަތް ކުރަން ޖެހުމުން ދިގު ޗުއްޓީއެއް ބޭނުންވަނީ އެވެ. އެހެންވެ ބުރާސްފަތި ދުވަހު ރަނގަޅަށް ނިދާލަން ސަލާން ބުނަނީ އެވެ. ހަފުތާ ބަންދަށް ލިބޭ ހުކުރު ދުވަހާއި ހޮނިހިރު ދުވަސް އާއިލާ އަށާއި ގޭގައި ކުރަންޖެހޭ މަސައްކަތްތަކަށް ހުސްކޮށްލަނީ އެވެ.

ބުރާސްފަތި ދުވަހު އޮފީހަށް ދިޔަ ނަމަ ތިން ދުވަހުގެ ޗުއްޓީއެއް ނަގަން އާދިއްތަ ދުވަހު ސަލާން ބުނާ މީހުންވެސް އުޅެ އެވެ. އާދިއްތަ ދުވަސް އެއީ ނިދާލާ ވަރުބަލި ފިލުވާލާ ދުވަހެވެ.

މިއީ ހަފްތާ ބަންދަށް ދެ ދުވަސް ލިބޭ ވަޒީފާތަކުގައި އުޅޭ ބައެއް މީހުން އެމީހުންގެ ހަފުތާ ބަންދު އިތުރުކުރާ ގޮތެވެ. ޕްރައިވެޓް ސެކްޓާގައި ނުވަތަ އަމިއްލަ ވަޒީފާތަކުގައި އުޅޭ މީހުންނަށް ހަފްތާ ބަންދަށް އާންމުކޮށް ލިބެނީ ހުކުރު ދުވަސް އެކަންޏެވެ. ހޮނިހިރު ދުވަހަކީ ވަޒީފާއަށް ނުކުންނަން ޖެހޭ ރަސްމީ ދުވަހެކެވެ. އެހެންވުމުން ބުރާސްފަތި ދުވަހު ކުރީބައިގައި ސަލާމްބުނެ ދެ ދުވަސް ހުސްކޮށްލަނީ އެވެ. ނޫނީ ހޮނިހިރު ދުވަހު ސަލާން ބުނެ ހުކުރު، ހޮނިހިރުގަިއ ޗުއްޓީ ހަދާލަނީ އެވެ.

އެގޮތަށް ސަލާން ބުނާނަމަ ނުނިމި ހުންނަ މަސައްކަތްތައް އިތުރުވާނެ އެވެ. ކުޑަވަގުތު ކޮޅެއްގެ ތެރޭގައި މަސައްކަތް ނިންމަން ވުމުން އެންމެ ފުރިހަމައަށް އެކަމެއް ނުކުރެވޭނެ އެވެ. މަގާމުގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުންވެސް ހޯދަން އުނދަގޫވާނެ އެވެ.