ލައިފްސްޓައިލް

ކިޔައިދީ ވަރުބަލިވާއިރު ވެސް ދަހެއް ނުވޭ ކީއްވެ؟

Oct 14, 2017

އެތަށް ފަހަރަކު ދަރިފުޅަށް އެއް ފިލާވަޅެއް ކިޔައިދީ ކިޔައިދީ ވަރުބަލިވާއިރު ވެސް ދަސްނުވެގެން އުޅެންޖެހޭ މައިންބަފައިން އުޅެ އެވެ. އެއީ ވަރަށް ގިނައިން ވާގޮތެކެވެ.

ގިނަ ފަހަރަށް އެހެން ވުމުން ރުޅިގަދަވެގެން ބައެއް ފަހަރު ގަސްދުގައި ފިލާވަޅު ދަސްކުރަން ނޫޅެނީ ކަމަށް ދަރިފުޅާ ދިމާލަށް ބުނެވޭ ފަހަރު ވެސް މަދެއް ނޫނެވެ.

ނަމަވެސް މިހެންދިމާވާ ހަގީގީ ސަބަބު ގިނަ ފަހަރު ބެލެނިވެރިންނަށް ވެސް އޮންނަނީ ބަލާނުލެވިފަ އެވެ.

އިނގިރޭސިވިލާތުގެ ކޮވެންޓްރީ ޔުނިވަސިޓީން ދާދިފަހުން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ދަސްކުރަން އުނދަގޫވާނަމަ ދަރިފުޅުގެ އަޑުއިވުމުގެ ޓެސްޓެއް ހަދާށެވެ. އާންމުކޮށް ކުދިންނަށް ދަސްކުރަން އުނދަގޫވާ ސަބަބަކަށް ވަނީ އަޑުއިވުމުގެ މައްސަލައަކުން ކަމަށް އެ ދިރާސާގައި ބުނެފައި ވެއެވެ.

އެގޮތުން އެ ޔުނިވަސިޓީން ކުރި ދިރާސާއިން ދައްކާ ގޮތުން ދަސްކުރުމުގައި އުނދަގޫ ކުރިމަތިވާ 25 ޕަސެންޓް ކުދިންނަކީ އަޑު އިވުމުގެ މައްސަލަ ހުރުމުން ފިލާވަޅު ދަސްކުރަން އުނދަގޫ ކުދިންނެވެ.

މިކަމުގެ ސަބަބުން އެކުދިން ލިޔެ ކިޔައި ހަދަން އުނދަގޫވާ ކަމަށް އެ ދިރާސާގައި ވެއެވެ.

އުމުރުން އަށް އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ އެ ދިރާސާގައި ބައިވެރިކޮށްފައިވަނީ ތަކުރާރުކޮށް ކަންފަތުގެ އިންފެކްޝަނެއްގެ ސަބަބުން އަޑުއިވުމަށް މައްސަލަޖެހިފައި ތިބި ކުދިންނާއި ޑިސްލެކްސިއާ ހުރި 195 ކުއްޖެކެވެ. -- މިއީ އެއްޗެހި ދަސްކޮށް ކިޔާ ހަދަން އުނދަގޫވާ ބައްޔެކެވެ. -- ނަމަވެސް މި ބަލީގެ ސަބަބުން ކުއްޖާގެ ތޫނުފިލިކަމަށް އަސަރެއް ނުކުރާނެ. އެވެ.

ދިރާސާއިން އެނގިގޮސްފައިވަނީ ކަންފަތުގެ އިންފެކްޝަން އެއްގެ ސަބަބުން އަޑު އިވުމަށް މައްސަލަ ދިމާވި ކުދިންގެ ދަސްކުރުމުގައި ލަސްކަމެއް އުޅޭ ކަމެވެ. އެ ދިރާސާގައި ބުނެފައިވަނީ ޑިސްލެކްސިއާ ހުންނަ ކުދިންގެ އެއްވެސް މައްސަލައެއް ތަކުރާރުކޮށް ޓެސްޓު ހެދުމުން ވެސް ނުދައްކާ ކަމަށެވެ. ނަމަވެސް އަޑުއިވުމުގެ މައްސަލަ ޖެހިފައި ތިބި ކުދިންނަށް އެއްޗެހި ދަސްކުރަން އުނދަގޫ ކަމަށެވެ.