އިއްޔެއަކީ ލ. މާބައިދޫއަށް މާ އުފާވެރި ދުވަހެއް ނޫނެވެ. ރަށުގައި ހުރި އެންމެ ބޮޑު ތެޔޮ ގުދަނުގައި އަލިފާން ރޯވެ ކުޑައިރުކޮޅެއްގެ ތެރޭގައި އަނދާ ހުލިވެ ދިޔައީ އެވެ. ތެޔޮ ގުދަނާއި ޖެހިގެން ހުރި ކާޑު ރައްކާކުރާ ގުދަނަކާއި އެތަނާ ޖެހިގެން ހުރި ރީޓެއިލް ފިހާރައެއްގައި ރޯވެ އެއްކޮށް އަނދައި ހުލިވި އެވެ. އަލިފާން ރޯވީ އެ ރަށު މުހައްމަދު އިބްރާހީމްގެ ތެޔޮ ގުދަނެކެވެ.
އަލިފާން ރޯވި ކަމަށް ރަށު ތެރޭގައި ގިނަ މީހުން ބުނަނީ ޕެޓްރޯލް ޓްރާންސްފާ ކުރި ހޮޅީގައި ކަރަންޓު ޝޯޓެއް ވެގެނެވެ. އަލިފާން ރޯވެ ހުޅުގަނޑު ފަޅައިގެން ދިއުމާއެކު ރަށު ރައްޔިތުން އެއްބައި ކިޔާ، އަތުގުޅާލައިގެން ނުކުތީ އަލިފާން ގަނޑު ކޮންޓްރޯލް ކުރާށެވެ.
ސިޔާސީ ކުލަ ޖެހިގެން ބައިބައިވި ރައްޔިތުން މި ފަހަރުވެސް ނުކުތީ ރަށުގެ ރައްޔިތަކަށް ލިބުނު ގެއްލުމުން ސަލާމަތް ކޮށްދޭށެވެ. އަންހެނުންނާއި ކުޑަކުދިން ދުރު ކުރަމުން ދިޔަ ނަމަވެސް އަންހެންވެރިން ވެސް ނުކުތީ އެމީހަކަށް ވެވުނު އެހީތެރިަކަމެއް ފޯރުކޮށް ދޭށެވެ. އެގޮތުން ބާލިދީތަކާއި ޓައްޕު އަދި ހަން ހަމަށް މޫދުން ލޮނު އަޅައިގެން ގޮސް ޖަހަން ފެށީ ކޮންމެވެސް ވަރެއް ކޮށްދެވޭތޯ އެެވެ.
އޭގެ އިތުުރުން ވެލި ޖަހައިގެން ވެސް ބައެއް މީހުން އަލިފާންގަނޑު ނިއްވަން މަސައްކަތް ކުރި އެވެ. އަލިފާން ނިއްވަން ސިފައިންނާއި ފުލުހުން އައުމުގެ ކުރިން ރަށުގެ ފިރިހެން ވެރިން ކުރަމުން ދިޔަ މަސައްކަތަށް ދެވުނު އެއްބާރުލުމަކާއި އެހީތެރިކަމެއް ފޯރުކޮށް ދޭށެވެ.
ކުޑައެއް، ބޮޑެއް ނެތެވެ. އުމުރުން ދުވަސްވީ މީހާއިން ފެށިގެން އެންމެ ޒުވާން ކުއްޖާ ވެސް ދުވީ އަލިފާން ނިއްވަން އެހީތެރިކަން ފޯރުކޮށް ދޭށެވެ. އަތިރިމަތީގައި ހުރި އެ ގުދަނަށް އެންމެ ފަސޭހައިން ފެން ގެންދެވޭނީ މޫދުން ކަމަށް ވުމުން ބަނދަރު މައްޗަށް ނުކުމެ ފަޅުން ލޮނު އަޅައިގެން އުފުލި އެވެ. ވަރުބަލި ކަމެއް ނެތި އެވެ. އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ ރީތި މިސާލެއް ދައްކައި ދެމުންނެވެ.
"އަލިފާން ރޯވުމުން ވަރަށް މަސައްކަތް ކުރިން އަންހެނުންނާއި ކުޑަކުދިން ދުރުކުރަން އެ ސަރަހައްދުން، އެކަމަކު އަންހެނުންވެސް ބެލީ ވެވުނު އެހީތެރިކަމެއް ފޯރުކޮށްދެވޭތޯ،" މާބައިދޫ ކައުންސިލްގެ ރައީސް އަލީ ފައިސަލް ވިދާޅުވި އެވެ.
އަލިފާން ގަނޑު ރޯވިތާ ދޮޅުގަޑިއެއްހާއިރު ތެރޭގައި ސިފައިން އަލިފާން ނިއްވާލީ ރައްޔިތުންގެ އެހީތެރިކަމާއި ވެސް އެކުގައި ފޯމް ޖަހައިގެންނެވެ. ގުދަނުގައި ރޯވެ އަނދައި ހުލިވިއިރު ގެއްލުމުގެ އަގު އެތައް މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
އަލިފާންގަނޑު ނިއްވާލުމުން ވެސް ރައްޔިތުން ދެ އަތް ފޮޅާލާފައި ގެއަށް ދިޔައީކީ ނޫނެވެ. މިއަދު ގުދަން ހުރި ތަން ސާފުކުރަން ވެސް ނުކުމެ އެހީތެރިވި އެވެ. ހިތާމަވެރި ހާދިސާއެއް ދިމާވުމުން މާބައިދޫ ރައްޔިތުން ނުކުމެ މިވަނީ ރީތި މިސާލެއް ދައްކާފަ އެވެ.