ކުޅިވަރު

ތައްޔާރީތައް ހުރީ ބޭނުންވި ފެންވަރަކަށް ނޫން: ކޯޗް

Oct 9, 2017
1

އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ރޭ އޮމާން އާ ދެކޮޅަށް ކުޅޭ މެޗަށް، ދިވެހި ޓީމުގެ ތައްޔާރީތައް ހުރީ އެންމެ ހިތްހަމަޖެހޭ ފެންވަރަށް ނޫންކަމަށް ގައުމީ ޓީމުގެ ކޯޗް ޑަރަން ސްޓްވާޓް ބުނެފި އެވެ.

ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު އޮމާންގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ނެވެ. މާދަމާ ރޭ ގެ މެޗަށް އޮމާން އަންނަނަނީ އަރަބި އެމިރޭޓްސްގެ ދުބާއީގައި ޖޯޑަންއާ ދެކޮޅަށް މެޗެއް ކުޅުމަށް ފަހު އެވެ. ނަމަވެސް ރާއްޖެއިން އެފަދަ އެއްވެސް މެޗެއް ނުކުޅެ އެވެ. ރާއްޖެއިން އިތުރަށް ކުރިހާވެސް ކަމަކީ ވަޒީރުންނާއި މަޖިލިސްމެންބަރުންގެ ޓީމާއ މުނިފޫހިފިލުވުމުގެ ދާއިރާގެ ޓީމާއެކު ޗެރިޓީ މެޗެއް ކުރިއަށް ގެންދިއުމެވެ. އެ މެޗު ކުރިއަށް ގެންދިޔައީ އޮމާން މެޗަށް ޓްރެއިނިން ފެށިތާ މެދު ތެރޭގައެވެ.

ކޯޗް ސްޓްވާޓްވެސް ވަނީ، ޓީމުގެ ތައްޔާރިތައް ހުރީ އޭޝިއަން ކަޕްގެ ކޮލިފައިންގައި ހުންނަން ޖެހޭ ފެންވަރަށް ނޫންކަމަށް ބުނެފަ އެވެ.

"ފަހަރެއްގައި އަހަރެމެންގެ ތައްޔާރީތައް ހުރީ އޭޝިއަން ކަޕްގެ ތައްޔާރީތައް ހުންނަން ޖެހޭ މިންވަރަކަށް ނޫން، މިއީ ރާއްޖޭގެ ފުރަތަމަ އޭޝިއަން ކަޕް [ކޮލިފައިން] ޓްރެއިނިންތަކަށް އަހަރެން ބްލޭމް ކުރަނިކީ ނޫން،" ކޯޗް ބުންޏެވެ. "އަހަރެމެން ޖެހޭނެ އަބަދުވެސް ތަޖުރިބާއިން ކަންކަން ދަސް ކުރަން އޭޝިއަން ކަޕް ކޮލިފައިންގައި ދެން ވާދަ ކުރާ ފަހަރަކުން ޓްރެއިނިންތައް ހަމަ މިގޮތަށް ހުރިއްޔާ އެއީ މައްސަލައެއް."

އޭނާ ބުނީ ފުރަތަމަ ފަހަރާ ބަލާފައި ރާއްޖެއަށް ގިނަ ގޯސްތަކެއް ހެދުނު ކަމަށާއި އޭގެތެރެއިން އެންމެ ގިނަ ގޯސްތަކެއްގެ ޒިންމާ އޭނާ ނަގާ ކަމަށެވެ. އަދި ޓްރެއިނިންތައް ހުރި ފެންވަރުގެ ގޮތުންވެސް ގިނަ ކަންކަމެއް ޓީމުން ދަސް ކުރަމުންދާ ކަމަށް ކޯޗް ބުންޏެވެ.

"އަހަރެންގެ އަމިއްލަ ނަފުސުންވެސް މިއަށްވުރެ ރަނގަޅު ޓްރެއިނިންތަކަށް ޑިމާންޑް ކުރެވޭ ނަމަވެސް ހާލަތު ހުރިގޮތުން އެކަން ވާކަށް ނެތް،" އޮސްޓްރޭލިއާ އަށް ނިސްބަތްވާ ކޯޗް ބުންޏެވެ. "އަހަރެން އަބަދުވެސް ބުނަން، އިމްރާން [މުހައްމަދު] ނެތް ދަގޭ [އަލީ އަޝްފާގް] ނެތް އަސައްކޮ {އަސަދުﷲ އަބްދުﷲ] އެއް ނެތް، އަހަރެން ކުޅުންތެރިންގެ ގާތުވެސް ބުނަން އެމީހުންނެއް ނެތޭ އަހަރެމެން ޕްރެކްޓިސް ކުރަމާ ހިނގާށޭ."

ރާއްޖެއާ ދެކޮޅަށް އޮމާންގައި ކުޅުނު މެޗުގެ ކުރިން، އޮމާން ވަނީ އޮސްޓްރޭލިއާގއި ޓްރޭނިންތަކެއް ގެންގޮސްފަ އެވެ. ކޯޗް ބުނީ އެ ޓީމު ކުރާ މަސައްކަތަށް ސެލިއުޓް ހައްގު ކަމަށާއި އެ ޓީމު އަތުގައި ފައިސާ އާއި ވަސީލަތަތއް އެބަހުރި ކަމަށެވެ. ނަމަވެސް ރާއްޖޭގެ އެ ފެންވަރު ނެތުން އޭނާ ގުޅުވަނީ ފައިސާއާ ނޫންކަމަށް އޭނާ ބުންޏެޗެ.

ކޯޗް ވަނީ އޭޝިއަން ކަޕް އުންމީދު އެބައޮތް ކަމަށް އޭނާ ބުނާ ވާހަކަ މިއަދުވެސް ތަކުރާރު ކޮށްފަ އެވެ.

ނަމަވެސް ކޯޗް ޕޮސެޓިވް އެހެން ވާހަކަ އެއް ބުންޏެވެ. އޭނާ ބުނީ އޮމާންގައި ކުޅުނު މެޗަށް ވުރ ރަނގަޅު އެޓޭކިން ފުޓްބޯޅައެއް މާދަމާ މެޗުގައި ފެންނާނެ ކަމަށާއި އެ މެޗުގައި ހެދުނު ގޯސްތައް ރަނގަޅު ކޮށްގެން ތައްޔާރު ވެވިއްޖެ ކަަމަށެވެ. ކޯޗަށް އޮތް އެންމެ ބޮޑުބޮލުގެ ރިހުމަކީ އަނިޔާގެ ސަބަބުން ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ނުކުޅެވުމެވެ.

އަޝްފާގްގެ ބަދަލުގައި ކެޕްޓަންކަން ކުރާނީ، އަސްހަދު އަލީ (އަޑޭ) އެވެ. އޭނާ ބުނީ އޮމާން މެޗުގައި ދިމާވި މައްސަލަތަކަށް ރިއާޔަތްކޮށް އެކަންކަން ހައްލު ކުރުމަށް ކޯޗް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

"އޮމާން މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ މެޗުގެ ފަހު ކޮޅަށް ގޮސް ކުޅުންތެރިން ވަރުބަލިވެ ގޯލްތަކެއް ވަނުން ކޯޗް ވަނީ ކުޅުންތެރިންގެ ފިޓްނަސް އިތުރު ކުރުމަށް ޕްރެކްޓިސްތައް ކުރިއަށް ގެންގޮސްފަ." އަޑޭ ބުންޏެވެ.