މޮނިކޮން އަމުރު ތަންފީޒު ކުރަން ފެށީ ގާނޫނުގެ "މަޅީގައި" ނުޖެހި މަގުމައްޗައް ގިނަވެގެން އުޅޭ ނުރައްކާތެރި ކުށްވެރިން ވަރުގަދަ ގާނޫނީ "ކޮށްޓަކަށް" ލައިގެން އެ މީހުން މައިތިރި ކުރާށެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް ބޮޑެތި ކުށްވެރިން "ސައިޒަށް" ފައްތާލާ މި ނިޒާމް ރާއްޖޭގައި ތަންފީޒު ކުރަން ފެށުމުގެ ނަތީޖާއަކަށް ވަނީ އަމާން މާހައުލެއް ގާއިމްވެދާނެ ކަމުގެ ކުޑަ ނަމަވެސް އުންމީދެއް ދިވެހިންނަށް ލިބުމެވެ.
ނަމަވެސް މިހާރު ހާލަތު ވަރަށް ބޮޑަށް ބަދަަލުވެއްޖެ އެވެ. އޭރު އުންމީދު ކުރި ގޮތާ ހިލާފަށް އެއަށް ވުރެ ބޮޑަށް މަގުތައް ނާމާންވެ، ބިރުވެރިކަން ފެތުރިއްޖެ އެވެ. މިގޮތަށް ކަންވާ މެދުވެރިވެގެން މި އުޅޭ ސަބަބަކީގޭންގުތައް ނައްތާލުމުގެ ގަދަ އަޒުމުގައި އުފެއްދި މޮނިކޮމް ނިޒާމްގެ މަގުސަދު އޮޅޭ ގޮތަށް މާ ބޮޑަށް ސިޔާސީ ވެފައިވާ ކޮމިޓީއެއްގެ އަތް ދަށަށް މުޅި އެ ނިޒާމް ދިޔުމެވެ. ނަތީޖާއަކަށް ވަނީ ސިޔާސީ ސަބަބުތަކުގައި އެ ނިޒާމު ތާށިވެ އެކަން އެންމެ ރަނގަޅަށް ތަންފީޒު ނުކުރެވުމެވެ.
މޮނިކޮން އަމުރު މަސައްކަތް ކުރީ ވަރަށް ސިމްޕަލް ލޮޖިކަކަށް ބިނާކޮށް، ނަމަވެސް ވަރަށް ވަރުގަދަ ނަތީޖާތަކެއް ނިކުންނަ ގޮތަކަށެވެ. މާލޭގައި ވަޅީގެ ހަމަލާއެއް ހިނގައިފި ނަމަ އެ ހަމަލާ ހިންގި މީހަކު ޖަލަށްލުމަށް ފަހު މޮނިކޮން އަމުރުގެ ދަށުން ޓެގު އަޅުވާނީ ވަޅި ހެރި މީހާ ނިސްބަތްވާ ގޭންގުގެ އެންމެ އިސް މީހާގެ ފައިގަ އެވެ. ގޭންގުގެ އެންމެ އާދައިގެ މީހަކު ވެސް އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑު މީހާއަށް އޭގެ ގެއްލުން ދައްކާނެ އެވެ. އެހެންވެ މާރަމާރީ ނުހިންގަން ގޭންގުތަކުގެ އިސް މީހުންނާއި އެ މީހުންގެ ދަށުން އުޅޭ މީހުންނަށް ވެސް މަޖުބޫރުވެ އެވެ. އޭގެ ނަތީޖާ އަކީ ހުރިހާ ގޭންގުތައް އަޑު ކެނޑެމުން ގޮސް މާރަމާރީތައް އިންތިހާއަށް މަދުވެގެން ދިޔުމެވެ.
އެއް ގާނޫނެއްގެ ދަށުން މިފަދަ ބޮޑު ބާރެއް ލިބިގެން އެ ނިޒާމަށް އަމަލު ކުރަމުންދާ ބޮޑެތި އެހެން ގައުމުތަކުން ވެސް ގެންގުޅޭ އެއް އުސޫލެއް އޮވެ އެވެ. އެއީ އެ އަމުރުތައް ނެރެން ޖެހޭނީ ކަމާ ބެހޭ އެންމެ މީހެއްގެ ފަރާތުންނެވެ. ރާއްޖޭގައި ނަމަ ސީދާ ހޯމް މިނިސްޓަރެވެ. އިނގިރޭސިވިލާތާއި، މި ސަރުކާރުން ނަމޫނާއަކަށް ބަލަމުން އަންނަ ސިންގަޕޫރުން ވެސް އެ އަމުރު ނެރުމުގެ ޒިންމާ ނަގަނީ އެންމެ މީހެކެވެ. އެއީ އެ މީހަކަށް އެ ޒިންމާ ނުނެގިއްޖެ ނަމަ އެ މީހަކު ފެއިލްވެ އެކަމުގެ ޒިންމާ ނަގަން ޖެހޭނެ އެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެ އުސޫލު އެގޮތަށް އޮންނަނީ ނުފޫޒުން އެއްކިބާވެގެން ކުށުގެ ވެށިން މީހުން ސަލާމަތްކޮށް ފުރިހަމަ ނަތީޖާ ނެރުމަށެވެ. އަދި ކައުންސިލެއް ނުވަތަ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން މޮނިކޮން އަމުރު އެންމެ ފުރިހަމަ ގޮތެއްގައި ނުނެރެވި ފަހުން ގިނަ މައްސަލަތަަކަކާ ކުރިމަތިލާން ޖެހޭނެތީ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގައި ވެސް މޮނިކޮމް ނިޒާމް ފަރުމާ ކުރީ ސީދާ އެކަކުގެ އަމުރުން މުޅި ނިޒާމް ހިންގޭ ގޮތަށް ކަމަށެވެ. އަދި އެމަނިކުފާނު ސަރުކާރުގައި ހުންނެވި އިރު ކޮމިޓީ އުފެއްދުމުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ދަންނަވާފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ކޮމިޓީއެއް އުފައްދާ އެކަން އެ ކޮމިޓީ ކުރާ ގޮތަށް ހަމަޖެހުމުން މުޅި ނިޒާމަށް ބުރޫ އެރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މޮނިކޮން ގާނޫނު ޑްރާފްޓު ކުރީ ކުރީ ސީދާ ހޯމް މިނިސްޓަރުގެ އަތުގަ އެ ބާރު އޮންނަ ގޮތަށް، އެއީ ގިނަ މީހުންތަކެއްގެ އަތުގައި އެ ބާރު އޮންނަ ގޮތަކަށް ނޫން، ކޮމިޓީއަކަށް ދިޔައީމަވާ ގޮތަކީ ކޮމިޓީގެ ތެރެއަށް ހިޔާލު ތަފާތުވުމާއި އެކިއެކި ނުފޫޒުތައް ހުންނާނެ، އެކަކު ޒިންމާ ނަގަން ހުރިއްޔާ ކަމެއް ގޯސް ވިޔަސް ފުރިހަމަ ޒިންމާ ނަގާނެ މީހުން އެބަތިބޭ، ކޮމިޓީގައި ޒިންމާ ނަގާ ވަކި މީހެއް ނޯންނާނެ އެކަކު އަނެކަކުގެ ބޮލުގަ އަޅުވަން ޖާގަ އޮންނާނެ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި ކޯޓުތަކާއި ފުލުހުންގެ ބާރު ވެސް ކުޑަކޮށްލާފައި މޮނިކޮން ނިޒާމު ކޮމިޓީއެއްގެ އަތްމައްޗައް ދޫކޮށްލަން ސަރުކާރުން ނިންމީ ބޮޑެތި ޕްރެޝަރުތަކެއް އައިސްގެންނެވެ. އެއީ ވެރިކަން ހިންގުމުގެ ބާރާއި ރައްޔިތުންގެ މަޖިލީހާއި ޖުޑިޝިއަލްގެ ތެރެއަށް ވެސް ވަރަށް ބޮޑަށް ގޭންގުތަކުގެ ނުފޫޒު އޮތް އިރު ވަކި މީހަކަށް ދޫނުދީ ޓެގު އަޅުވާތީ އެވެ. އަދި ޓެގް އެޅުވުމާ ހެދި ޒުވާނުންގެ ޝަކުވާތައް ބޮޑުވެއްޖެ ކަމަށް ބުނެ ސަރުކާރުން ނިންމީ ހޯމް މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރުގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ހިމެނިގެން އުފެއްދި ކޮމިޓީއަކަށް އެ ޒިންމާ ހަވާލު ކުރާށެވެ. ޓެގު އެޅުވޭނީ އެ ބޭފުޅުންްގެ މަޝްވަރާގެ މަތިން ނިންމާ ބައެއްގެ ފައިގައެވެ.
ފުރަތަމަ ކަމަކަށް އެ ކޮމިޓީއަށް ބަލާއިރު ނުރައްކާތެރި ކުށްވެރިންނަށް ފިޔަވަޅު އެޅުމަށް ވަރުގަދަ އަމުރެއް ނެރުމަށް އެކުލަވައިލި ކޮމިޓީގައި ތިއްބެވީ މުޅިން ވެސް ސިޔާސީ ބޭފުޅުން އެވެ. ގޭންގްތަކާ ސިޔާސީ ބޭފުޅުންނާ ގުޅުން އޮންނަ ކަމަށް އަބަދުވެސް ތުހުމަތު އޮވެ އެވެ. އެހެން ކަމަށް ވާ ނަމަ ސިޔާސީ ބަޔަކު ތިބެގެން އެކަން ރަނގަޅަށް ކުރެވިދާނެ ހެއްޔެވެ؟ ކުށްވެރިން މައިތިރި ކުރަން ދެން އެ ކޮމިޓީގައި ފިނޭންސް މިނިސްޓަރު އިންނަވަންވީ ސަބަބެއް ވެސް ނޭނގެ އެވެ. މިފަދަ ސިޔާސީ ބޭފުޅުން ލައިގެން ނިކުތް ހަމައެކަނި ނަތީޖާއަކަށްވީ މޮނިކޮމް ނިޒާމް ފެއިލްވެ ގޭންގުތަށް އެ ނިޒާމަށް އަތްގަދަ ކުރުމެވެ.
"މޮނިކޮން އައިމަ މޮނިކޮން އެކެއް ގޭންގު ސުމެއް، ސްކޯއަކީ! މިއަދުގެ ސްކޯއަކީ ގޭންގު ދޭއް މޮނިކޮން އެކެއް،" އުމަރު ވިދާޅުވި އެވެ. "ރާއްޖޭގައި ގާތްގަނޑަކަށް ސިޔާސީ ހުރިހާ އެންމެންނަކީ ގޭންގުތައް ލައްވާ އެކި މަސައްކަތް ކުރައްވާ އެހީ ހޯދާ އެމީހުންގެ ދަށުވެފައި ތިބޭ މީހުން، ނަމަވެސް ގޭންގުތަކުން ސަރުކާރަށް ނުފޫޒު ފޯރުވުމަކީ ހަމައެކަނި ރައީސް ޔާމީން ސަރުކާރުގެ ކަމެއް ނޫން، ނަޝީދު ސަރުކާރާއި މައުމޫން ސަރުކާރުގައި ވެސް މިކަން އޮވޭ، މާ ބޮޑަށް ސަރުކާރު ސޮފްޓުވީ، މާ ދޫކޮށްލުމުން ސަރުކާރުންގެ މައްޗައް ގޭންގުތައް އަރާ، ޖުޑިޝަރީއަށާއި މަޖިލީހުގެ ތެރެއަށް ވަދެގަތީ،"
އުމަރުގެ ފަހުން މަގާމާ ހަވާލުވި އެއްވެސް ހޯމް މިނިސްޓަރަކު މޮނިކޮން ނިޒާމުގެ ބޭނުން މާ ވަރުގަދައަށް ހިފާކަށް ނުވެސް އުޅެ އެވެ. މަސައްކަތްތައް ބައްޓަން ކުރަމުން އައީ އެ ފުރިހަމަ ނިޒާމާ ވިހާ ވެސް ދުރުދުރުންނެވެ. އެގޮތަށް އޮއްވާ ގޭންގުތައް އަރާ މުޅި މާލެ ތެރޭގައި އެތަށް މާރަމާރީތަކެއް ހިންގާ މިއަދާ ހަމަޔަށް އެތަށް ބައެއްގެ ފުރާނަ ވެސް މި ވަނީ ދުއްވާލައިފަ އެވެ. އެހެންކަމުން ސަރުކާރަށް ކޮންމެހެން ވެސް ޓެގު އަޅުވަން މަޖުބޫރު ވެގެން ދިޔަ އެވެ. އަދި ފުލުހުން ރަނގަޅަށް ބެލުމަށް ފަހު ނުރައްކާތެރި 16 މީހެއްގެ ފައިގައި ޓެގް އެޅުވުމުގެ ހުއްދައަށް އެދުމުން އެ "ސިޔާސި ކޮމިޓީން" ނިންމެވީ އެންމެ ނުވަ މީހުންގެ ފައިގައި ޓެގު އެޅުވުމަށެވެ. ދެން ތިބި މީހުންނަށް ނާޅުވަން ނިންމި އެއްވެސް ސަބަބެއް ވިދާޅެއް ނުވެ އެވެ. މިއަދާ ހަމަޔަށް ވެސް އެއިން އެއްވެސް މީހެއްގެ ފައިގައި ޓެގެއް ނާޅުވަ އެވެ.
މި އަމުރު އޮތް ގޮތަށް ކުރިޔަށް ދިޔަ ނަމަ މިއަދު ގޭންގުތައް ހަމަ މުޅިން ނެތިގެން ދިޔުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުން ވެސް އެ ނަމޫނާ ދައްކަ އެވެ. އެތަށް ބައެއްގެ ފުރާނަވެސް މިއަދު ސަލާމަތް ކުރެވުނީހެވެ. ނަމަވެސް މިއަދު މާރަމާރީތައް ހަމަދަނީ ކުރިޔަށެވެ. ގޭންގުތައް ހުއްޓުވޭ ގޮތެއް ނެތެވެ. މޮނިކޮން އަމުރު އޮތީ ސައިޒު ވެފަ އެވެ. ގޭންގުތައް އެ ނިޒާމަކަށް މިހާރު ފަހެއް ނުޖެހެ އެވެ. އެ މީހުން ގަބޫލު ކުރާ ގޮތުގައި މޮނިކޮމް އަމުރުގެ ނުރައްކަލުން އެ މީހުން ސަލާމަތް ކޮށްދޭނީ ސިޔާސީ މީހުން އެވެ.