ތާރީހީ ލޯބީގެ ވާހަކައެއްގެ އަސްލަކަށް ބަލައިގެން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އުފައްދާފައިވާ "ޕަދްމާވަތީ" އަކީ މި އަހަރު ކުރިއަށް ނުކުންނަން ހަމަޖެހިފައި ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމެވެ. އިއްޔެ މި ފިލްމުގެ ޓްރެއިލާ ރިލީޒްކުރުމާ އެކު މި ފިލްމަކީ މި އަހަރު ވެސް ނިކުންނާނެ އެންމެ މޮޅު އަދި ރީތި ފިލްމަށް ވާނެ ކަމަށް މިހާރު ވެސް އަންނަނީ ބުނަމުންނެވެ.
ތިން މިނެޓުގެ ޓްރެއިލާ ބެލި އެންމެ ވެސް ބަންސާލީ އަށް ތައުރީފު ބަންޑުން ކުރަމުން ވަނީ ފިލްމުގެ މަންޒަރުތައް އާދަޔާ ހިލާފަށް މޮޅު ކަމަށް ބުނެފަ އެވެ. އަދި ބަންސާލީ ނޫން ޑައިރެކްޓަރަކަށް ބޮޑެތި ސެޓުތަކުގައި މިފަދަފަ ހަނގުރާމަ މަތީ ފިލްމެއް އުފެއްދުމަކީ ނާދިރު ކަމެއް ކަމަށްވެސް އަންނަނީ ބުނަމުންނެވެ.
ފިލްމުގެ ޓްރެއިލާއިން ފެނިގެންދާ ހަނގުރާމަ މަތީ މަންޒަރުތަކާއި ތަރިން ބޭނުންކޮށްފައިވާ ހެދުންތަކަށް ބަލާލުމުން ވެސް ބަންސާލީގެ ފިލްމު ފުރިހަމަ ކުރަން އޭނާ ކޮށްފައިވާ މަސައްކަތް ފެނިގެންދެ އެވެ.
ފިލްމުގެ މަންޒަރާއި ބަންސާލީގެ ޑައިރެކްޝަންގެ ވާހަކަ ބާއްވާފައި ފިލްމުގެ ތަރިންގެ އެކްޓިންއަށް ބަލާއިރު ރަންވީރު ސިންގް އާއި ދިޕިކާ ޕަދުކޯން އަދި ޝާހިދު ކަޕޫރުގެ އެކްޓިން ވެސް ވަރަށް ސަޅި އެވެ. އަލާއުއްދީން ހިލްޖީ ނަމަކަށް ކިޔާ ވަރަށް އަނިޔާވެރި ރަސްކަލެއްގެ ރޯލު ރަންވީރު ކުޅެފައިވާ ގޮތާއި އޭނާގެ ބިރުވެރި އަދި ރުޅިވެރި ސިފަ އިން ވަނީ ބެލުންތެރިން ބިރުގަންނަވާލާފަ އެވެ.
ޖެހިލުންކުޑަ ރަސްކަލެއްގެ ރޯލުން ޝާހިދު ފެނިގެންދާއިރު ދިޕިކާ ކުޅެފައިވަނީ ރާނީ ޕަދްމާވަތީގެ ރޯލެވެ.
"ޕަދްމާވަތީ" އަކީ ރާނީ ޕަދްމާވަތީ ދެކެ އަލާއުއްދީން ހިލްޖީ ވާ ދިވާނީ ލޯތްބެއްގެ ބޮޑުކަމުން އެ ޝަހަރު ހިފަން ކުރާ ހަނގުރާމަ އެވެ.
ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު މި ފިލްމު ރިލީޒްކުރާއިރު މިއީ ބަންސާލީގެ ފިލްމެއްގައި ރަންވީރާއި ދިޕިކާ ފެނިގެންދާ ތިން ވަނަ ފަހަރެވެ.