ކުޅިވަރު

ކުރީގެ ގޯސްތައް ބަލައި ޓީމު ވަނީ ތައްޔާރުވެފައި

Oct 10, 2017
1

އޮމާން އާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުގައި ދިވެހި ޓީމަށް ހެދުނު ގޯސްތަކަށް ބަލައި ޓީމު އޮތީ ތައްޔާރު ވެގެން ކަމަށް މި ރޭގެ މެޗުގެ ކެޕްޓަން އަސްހަދު އަލީ (އަޑޭ) ބުނެފި އެވެ.

އޭނާ ބުނީ، އޮމާންއާ ދެކޮޅަށް ކުޅުނު މެޗުގައި ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ، މެޗުގެ ފަހު ކޮޅަށް ދިޔައިރު ކުޅުންތެރިންގެ ފިޓްނަސް ދަށްވެ، ވަރުބަލި ވުމުގެ ސަބަބުން ގިނަ ގޯލްތަކެއް ވަނުން ކަމަށެވެ. އެކަންކަމަށް އެޑްރެސް ކޮށް ކޯޗް ވަރަށް ރަނގަޅަށް ޓްރެއިނިން ކުރިއަށް ގެންދިޔަ ކަމަށް އަޑޭ ބުންޏެވެ.

"ޓީމު އޮތީ އަސްލުގައި އެހެން ފަހަރު ފަހަރަށް ވުރެ ބޮޑަށް ތައްޔާރު ވެފައި، ކޯޗް ވަރަށް ބޮޑަށް ކުޅުންތެރިންގެ ފިޓްނަސް އަށް ފޯކަސް ކޮށްގެން ވަރަށް ބޮޑަށް ތައްޔާރު ވެފައި ވަނީ،" މިރޭގެ މެޗާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންގަރެންސްގައި ވާހަކަ ދައްކަމުން އަޑޭ ބުންޏެވެ. "ގިނަ ފަހަރަށް މި ދިމާވާ މައްސަލަ އަކީ ފިޓްނަސް ދަށް ވެގެން 70 މިނެޓާ ހަމަޔަށް ދިޔައިރު ކޫސަނި ގޯލްތަކެއް މިވަނީ އެހެންވީމަ މިފަހަރު ކޯޗް ދުރާލައި ފިޓްނަސް އަށް ތައްޔާރުވެގެން މުޅި ޓީމު އެއްކޮށް (މިރޭ) ގެ މެޗުން ނަތީޖާއެއް ނެރެންވެގެން ކޯޗްގެ ވަރަށް ބޮޑު އެދުމެއް މެޗުގައި ރަނގަޅު ނަތީޖާއެއް ނެރުން."

މިރޭގެ މެޗަށް ނިކުންނައިރު، ޓީމަށް ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ، ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ ފަލަމަސް ގަނޑަށް އަނިޔާވެ، މިރޭގެ މެޗުގައި ނުކުޅެވޭނެ ކަން ޔަގީން ވެފައި ވުމެވެ. އަދި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވެސް ނެތުމަކީވެސް ޓީމުގެ އެޓޭކިންއަށް ދިމާވާނެ މައްސަލައެކެވެ.

އަޑޭ ބުނީ މިރޭ ގެ މެޗަށް ކޯޗް އިހްތިޔާރު ކޮށްފައި ވަނީ، ރާއްޖޭގައި މިހާރު އޮތް އެންމެ ހަލުވި ފޯވަޑް ލައިން ކަމަށާއި ވަކި ކުޅުންތެރިންތަކެއް ނެތުމަކީ އެޓޭކިން ދަށް ވާނެ ސަބަބެއް ނޫން ކަމަށެވެ.

"[އަލީ ފާސިރު] ސެންޓޭ އާއި [މުހައްމަދު] އުމޭރު އާއި [ހަސަން ނާއިޒު] ދާދު އާއި [އަހްމަދު ރިޒްވާން އިސްމާއީލް] ރިޒޭ [ހަމްޒާ މުހައްމަދު] ހަމްޕް މި ކުޅުންތެރިންނަކީ ވަރަށް އަވަސް ކުޅުންތެރިންތަކެއް،" އަޑޭ ބުންޏެވެ. "ވަކި މީހަކަށް ބަރޯސާ ނުވާނެ މާދަމާ މިތާންގަ މާދަމާ ނީންނާނެ މަޝެއް ވެސް، އެހެންވީމަ ވަކި މީހަކަށް ބަރޯސާއެއް ނުވާނެ، މި ނަން ކީ ގިނަ ކުޅުންތެރިންނަކީ މިތަނުގެ [ރާއްޖޭގެ] 23 އަހަރުން ދަށުގެ ކުޅުންތެރިން އުންމީދު އޮތް ކުޅުންތެރިން އެ ކުޅުންތެރިން ސާބިތު ކޮށްދޭނެ އެ ކުޅުންތެރިންނަކީ ރާއްޖޭގެ ކުރިމަގު އޮތް ކުޅުންތެރިން ކަން."

ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދަން އެންމެން މަސައްކަތް ކުރަން ޖެހޭ

އަޑޭ ބުނީ ރާއްޖޭގެ ފުޓްބޯޅަ މިހާރު ހާލަތުން އެހެން ހަރުފަތަކަށް ގެންދަން ޖެހޭ ކަމަށެވެ. އެއީ ވަކި ބައެއްގެ މަސައްކަތެއް ނޫން ކަމަށާއި އެންމެން މި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މިހާރު ދާ ގޮތުން ރާއްޖޭގައި ފުޓްބޯޅައަށް އޮތް މަގުބޫލުކަން ކުޑަ ވެގެންދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ބުންޏެވެ.

އެހެންވެ މިރޭގެ މެޗަށް ސަޕޯޓަރުން ދަނޑަށް އައުމަށް އަޑޭ އެދުނެވެ. ސަޕޯޓަރުން އަބަދުވެސް ޓީމުގެ ފަހަތުގައި ތިބުމަކީ ކުޅުންތެރިންނަށް ބޮޑު ހިތްވަރެއް ލިބިގެންދާ ކަމެއްކަން އަޑޭ ފާހަގަ ކުރި އެވެ.