ކުޅިވަރު

އަވޭ މެޗުގެ އުނދަގޫ، އޮމާން ރާއްޖެއާމެދު ސަމާލު ވާނެ

Oct 10, 2017

އަވޭ މެޗުތައް ނުވަތަ ރަށުން ބޭރުގައި ކުޅޭ މެޗުތަކަކީ ފުޓްބޯޅައިގައި އެންމެ އުނދަގޫ މެޗުތައް ކަމަށާއި، އެގޮތުން މިރޭ ގެ މެޗުގައިވެސް ރާއްޖެ އާމެދު ސަމާލު ވާނެ ކަމަށް އޮމާންގެ ކޯޗް ޕީމްވާބީކް ބުނެފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ، ރާއްޖެއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗަށް އޮމާންގެ ޓީމު އައީ އޮމާންގައި ކުޅުނު މެޗުގައި އެ ޓީމުގެ ސްކޮޑްގައި ހިމަނާފައި ނުވާ މުހިންމު ތިން ކުޅުންތެރިން ގޮވައިގެން ނެވެ. އޭނާ ބުނީ އެއީ އަވޭ މެޗަކަށް ވުމުން، މެޗުގެ އުނދަގޫކަން އިހްސާސް ކުރެވޭނެތީ ކަމަށެވެ. އޮމާންގައި ކުޅުނު މެޗު އެ ޓީމުން ރާއްޖެއާ ދެކޮޅަށް ކާމިޔާބު ކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ނެވެ.

"އަހަރެން އޭޝިއާގެ ފުޓްބޯޅައިގައި މަސައްކަތް ކުރާތާ 17 އަހަރު ވެއްޖެ ހޯމް މެޗުތަކަކީ ފަސޭހަ މެޗުތަކެއް އަވޭ މެޗުތަކަކީ އަބަދުވެސް އުނދަގޫ މެޗުތަކެއް،" ދެކުނު ކޮރެއާ އާއި އޮސްޓްރޭލިއާގެ ކޯޗްގެ ގޮތުގައިވެސް ކުރިން މަސައްކުރި ހޮލެންޑްގެ ވާބީކް ބުންޏެވެ. "އެހެންވެ އަހަރެމެން މިތިބީ ތިން ހަފުތާ ކުރިން ކުޅުނު މެޗުގެ މަތިން ހަނދާން ނައްތާލައިގެން މިއީ [މިރޭގެ މެޗަކީ] މުޅިން އާ މެޗެއް މެޗުގައި ނަތީޖާއެއް ނެރުމަށްޓަކައި އަހަރެމެން އިތުރަށް މަސައްކަތް ކުރަން ޖެހޭނެ."

ފުރަތަމަ ލެގް މެޗުގައި މުހިންމު ތިން ކުޅުންތެރިންނަށް ފުރުސަތު ނުދިނީ އެ ކުޅުންތެރިންނަކީ ގައުމުން ބޭރުގެ ލީގް ތަކުގައި ކުޅޭ ކުޅުންތެރިންނަށް ވުމުން ކަމަށެވެ. އަދި އޭގެތެރެއިން ގޯލްކީޕަރު އަލީ އަލް ހަބްސީ ކުލަބު ބަދަލު ކުރިތާ ކުރީ ކޮޅު ކަމަށްވުމުން އޭނާ އަށް ކުލަބަށް ވަގުތު ދިނުމުގެ ގޮތުން ޓީމުގައި ނުހިމެނީ ކަމަށް ވާބީކް ބުންޏެވެ.

ރާއްޖޭގެ މެޗަށް އޮމާން އާއީ އަރަބި އެމިރޭޓްސްގެ ދުބާއީގައި އުރުދުންއާ ދެކޮޅަށް ކުޅުނު މެޗަކަށް ފަހު އެވެ. ވާބީކް ބުނީ އުރުދުންއާ ދެކޮޅަށް ކުޅުނު މެޗަކީ ވާދަވެރި މެޗަކަށް ވުރެ އެކުވެރި މެޗެއް ކަމަށާއި ދުބާއީ އަށް ދިޔައީ އެތަނުގެ މޫސުން މިދުވަސް ވަރުވަރު ހޫނު ކަމުން ރަނގަޅު މާހައުލަކަށް ވާނެތީ ކަމަށެވެ. އަދި ތަފާތު އެކި ކުލަބުތަކުން ގައުމީ ޓީމަށް ކުޅުންތެރިން އަންނައިރު އެ ކުޅުންތެރިންގެ ކޮމްބިނޭޝަން ރަނގަޅު ކުރުމަށް މެޗެއް ރޭވުމަކީ މުހިންމު ކަމެއްކަމަށް އޭނާ ދެކޭތީ ކަމަށެވެ.

"ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި އަހަރެމެންނަށް ފަސް ލަނޑު ޖެހުނީކީ ފުަރަތަމަ ހާފުގައެއް ނޫން މެޗުގެ 90 މިނެޓް ކުޅެގެން އެންމެ ފަހު ވަގުތު ލަނޑު ޖެހީ ކޮންމެ ޓީމަކަށްވެސް އެނގޭނެ ޑިފެންސް ކުރާނެ ގޮތާއި އެޓޭކް ކުރާނެ ގޮތްވެސް، އެ ޗެލެންޖަށް އަހަރެމެންވެސް ތައްޔާރު ވާނެ އަހަރެންގެ ކަމެއް އިދިކޮޅު ޓީމުގެ ހުރި ވީކް ޕޮއިންޓްތައް ދެނެގަނެ އެ ވީކް ދިމާތަކުގެ ބޭނުން ހިފައިގެން ހަމަލާ އުފެއްދުން." ވާބީކް ބުންޏެވެ.

ތަކުރާރު ކޮށް އޭނާ ވަނީ އަވޭ މެޗުގެ އުނދަގޫކަން ފާހަގަ ކޮށްފަ އެވެ. އޭގެ ތެރޭގައި ހުރުމުގެ އިންތިޒާމާއި ދަނޑުގެ ވިނަގަނޑު އޮންނަ ހާލަތަކީވެސް އަވޭގެމްތަކުގައި ކުރިމަތިވާނެ މައްސަލަެއް ކަމަށެވެ.

ވިގަން އެތުލެޓިކްކަށް ކުރިން ކުޅުނު ކީޕަރު އަލީ އަލް ހަބްސީ ބުނީ އޭޝިއާގެ ފުޓްބޯޅަ ވޭތުވެދިޔަ 15 އަހަރަށް ވުރެ މިހާރު ވާދަވެރި ކަމަށާއި ހުރިހާ ގައުމެއްގެ ޓީމުތަކަށްވެސް ބޮޑެތި ކުރި އެރުންތަކެއް އަތުވެއްޖެ ކަމަށެވެ. ހަބްސީ މިހާރު ކުޅެމުން ދަނީ ސައުދީ އަރބިއްޔާގެ ހިލާލް އެފްސީ އަށެވެ.