ބޮލީވުޑް

އުފަން ދުވަހަށް އަމީތާބް ރާއްޖެ އަތުވެއްޖެ

Oct 10, 2017
2

އަމީތާބް ބައްޗަން އޭނާގެ 75 ވަނަ އުފަން ދުވަސް ފާހަގަކުރަން ރާއްޖެ އަތުވެއްޖެ އެވެ. އޭނާ މިއަދު ރާއްޖެ އައިސްފައިވަނީ އަމީތާބް ރާއްޖެ ނާންނާ ކަމަށާއި އުފަން ދުވަސް ފާހަގަކުރަން އެއްވެސް ކަމެއް ނުބާއްވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނަމުން ދަނިކޮށެވެ.

އަމީތާބް ރާއްޖެ އައިސްފައިވަނީ އަބީޝެކް ބައްޗަން، އައިޝްވާރިޔާ ރާއީ އަދި އަރާދިޔާ އާ އެކުގަ އެވެ. މި ދަތުރުގައި ޝުވޭތާ ނަންދާ އަދި ޖާޔާ ބައްޗަން ބައިވެރިވާނެ ކަމަށް ކުރިން ބުނެފައިވެ އެވެ. އެ މީހުން ރާއްޖެ އައި ކަމެއް ނުވަތަ ނާންނަ ކަމެއް ސާފެއް ނުވެ އެވެ.

އަމީތާބްގެ އުފަން ދުވަހަކީ މާދަމާ އެވެ. ކުލަގަދަކޮށް އުފަން ދުވަސް ފާހަގަ ކުރަން ބޭނުންނޫން ކަމަށް ބުނެފައިވެ އެވެ. އެހެން ނަމަވެސް އޭނާއަށް ސަޕޯޓުކުރާ އެތައް މިލިއަން ބައެއް ކޮންމެ އަހަރަކުވެސް އޭނާގެ އުފަން ދުވަސް ފާހަގަ ކުރެ އެވެ.

ކުލަގަދަކޮށް އެންމެ ފަހުން އަމީތާބް ފާހަގަކުރީ އޭނާގެ 70 ވަނަ އުފަން ދުވަހެވެ. އެއީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް އަމީތާބް އުފަން ދުވަސް ފާހަގަކުރަނީ އާއިލާ އާ ގާތް މީހުންނާ އެކުގަ އެވެ.

އަމީތާބްގެ އުފަން ދުވަހަށް އޭނާ ރާއްޖެ އަަންނަން ނިންމާފައިވަނީ ޑަބްލިއުއެޗުއޯގެ ފަރާތުން މިދިޔަ މަހު ރާއްޖޭގައި ކުރިއަށް ގެންދިޔަ އެ ޖަމިއްޔާގެ 70 ވަނަ ސައުތް އީސްޓް އޭޝިއާގެ ބައްދަލުވުމުގައި ބައިވެރިވާން ނިންމައި އެންމެ ފަހު ވަގުތު ދަތުރު ކެންސަލް ކުުރުމަށް ފަހުގަ އެވެ. އެ ދަތުރު އަމީތާބް ކެންސަލް ކުރީ ބަލިވެ އުޅޭތީ ކަމަށްވެ އެވެ.

މިިދޔަ އަހަރުގެ ފެބްރުއަރީ މަހު އަބީޝޭކްގެ އުފަން ދުވަސް ފާހަގަކުރަންވެސް އެ އާއިލާ އެކީގައި ރާއްޖެ އައިސްފަ އެވެ. އެ ފަހަރު އެ އާއިލާ ޗުއްޓީ ހެދަކޮށްފަައިވަނީ ރީތި ރަށް އައިލެންޑު ރިސޯޓުގަ އެވެ.