ކުޅިވަރު

އީގަލްސްއިން ރިސްޓޭއަށް މުސާރަ ނުދީ އޮތް މައްސަލައަށް ފީފާ ވަދެއްޖެ

Oct 10, 2017
1

މިދިޔަ އަހަރު ކުލަބު އީގަލްސްއަށް ކުޅުނު މެސަޑޯނިއާގެ ފޯވަޑް ރިސްޓޭ ނައުމޯވްއަށް މުސާރަ ނުދީ އޮތް މައްސަލައިގެ ތެރެއަށް ފީފާއިން ވަދެއްޖެ އެވެ.

ސީޒަންގެ މެދުތެރެއިން އީގަލްސްއާ ގުޅުނު ރިސްޓޭއަށް ސީޒަންގެ އެންމެ ފަހު ދެ މަހުގެ މުސާރައަށްވާ ޖުމުލަ އަދަދު 7000 އެމެރިކާ ޑޮލަރު (107940 ދިވެހި ރުފިޔާ) ނޫދީ އޮތް މައްސަލަ މިއަހަރުގެ ޖުލައި މަހު ފީފާ އަށް ރިސްޓޭ ވަނީ ހުށަހާޅަފަ އެވެ.

ރިސްޓޭ ހުށަހެޅި މައްސަލައަށް ރިއާޔަތްކޮށް އެފްއޭމުން މެވެރިކޮށް ފީފާއިން، އީގަލްސްއަށް ފޮނުވާފައިވާ ސިޓީއެއްގައި ވަނީ، ރިސްޓޭ އަށް ދޭން ޖެހޭ މުސާރައިގެ ކަންކަން މިމަހުގެ 26 ކުރިން ހައްލު ކުރުމަށް އެދޭ ކަމަށެވެ. ނުވަތަ އެކަމާ ގުޅޭގޮތުން ދިފާއުގައި އީގަލްސްއިން ކަމެއް ހުށަހެޅާނަމަ، އެކަމުގެ ޑޮކިޔުމެންޓްތައް އެ މުއްދަތުގެ ކުރިން ފީފާއަށް ފޮނުވުމަށް އަންގާ ކަމަށެވެ.

ރިސްޓޭ މިގެ ކުރިން ބުނެފައި ވަނީ، އޭނާ ފީފާ އަށް މައްސަލަ ހުށަހެޅީ މުސާރައިގެކަންކަން ހަމަޖައްސައި ދިނުމަށް، އީގަލްސްގެ އޮފިޝަލުންގެ ކިބައިން އެދުނު ނަމަވެސް، އެކަމާ ބެހޭގޮތުން އެދެވޭ ޖަވާބެއް ދީފައި ނުވާތީ ކަމަށެވެ އަދި އޭނާއާ އީގަލްސް އޮފިޝަލުންނާ ކުރެވުނު މަޝްވަރާ ތަކުގައި އީގަލްސްއިން ދިން ޓައިމްލައިނާ އެއްގޮތަށް ކަންކަން ފުރިހަމަކޮށްދީފައި ނުވާތީ ކަމަށްވެސް ރިސްޓޭ ބުންޏެވެ.

ފީފާއިން، އެފްއޭއެމް މެދުވެރިކޮށް މިކަން އަންގާފައި ވަނީ އިއްޔަ އެވެ. އަދި ހަތަރު ދުވަހުގެ ތެރޭގައި އެ ސިޓީ ކުލަބު އީގަލްސްއާ ހިއްސާ ކުރުމަށް އެފްއޭއެމްގެ ކިބައިން އެދޭ ކަމަށެވެ. އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވީ ކުލަބުތަކަށް އަންގާ އެފަދަ އެންގުންތަކަކީ އެފްއޭއެމުން މީޑިއާ އާ ހިއްސާ ކުރާނެ ކަންކަން ނޫން ކަމަށާއި އެފަދަ ލިޔުންތައް އެފްއޭއެމުން ސީދާ ހިއްސާ ކުރަނީ އެ ކުލަބަކާ ކަމަށެވެ.

އަދި އެ ހަތަރު ދުވަހުގެ ތެރޭގައި އެފްއޭއެމުން ވަކި ގޮތެއް ނާންގާނަމަ، ފީފާއިން ބަލާނީ ކުލަބު އީގަލްސްއަށް އެ ޑޮކިޔުމެންޓްތައް ރައްދު ވެފައިވާ ކަމަށެވެ.

އެކަމާ ބެހޭގޮތުން އީގަލްސްގެ ޖެނަރަލް ސެކެޓްރީ މުފާވިޒް ހާޝިމް (މުފާ) ވިދާޅުވީ ފީފާގެ ވަކި އެންގުމެއް އަދި އޭނާއާ ހަމަޔަށް އައިސްފައި ނުވާ ކަމަށެވެ. އަދި މައުލޫމާތު ލިބުމުން އެކަމަށް އެޑްރެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފީފާއިން ވަނީ، މީގެ ކުރިން ވިކްޓަރީ އާއި ވެލެންސިއާ ދެކޮޅަށް ފިޔަވަޅު ތަކެއް އަޅާފަ އެވެ. އެގޮތުން 2009 ވަނަ އަހަރު ވެލެންސިއާ ކުޅުނު ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދީ އޮތް މައްސަލައެއް ފީފާއިން ބަލައި ކުޅުންތެރިންނަށް މުސާރަ ދިނުމަށް ފީފާއިން އެންގި އެވެ. ވެލެންސިއާ އިން ވަނީ 2014 ވަނަ އަހަރު ފީފާގެ އެންގުމާ އެއްގޮތަށް އެކަން ހަލާސް ކޮށްފަ އެވެ.

ދެހާސް ތޭރަ ވަނަ އަހަރު، ވިކްޓަރީގެ ކޯޗްކަން ކުރި ސްލޮވާކިއާގެ ވަލްޑަމީރު ގޮފާ އަށް ހަތަރު މަސްވަންދެން މުސާރަ ނުދީ އޮތް މައްސަލައެއް ބަލައި ފީފާއިން ބެލި އެވެ. ދެހާސް ފަނަރަ ވަނަ އަހަރު ޑިސެމްބަރު މަހު ފީފާއިން ވަނީ ގޮފާ އަށް މުސާރަ ނުދީ އޮތް މައްސަލަ ބެލުމަށްފަހު މުސާރަ އާއި އިތުރު ޖޫރިމަނާ ތަކާއެކު، ތިން ލައްކައެއްހާ ރުފިޔާ ފީފާއަށް ދެއްކުމަށް ވިކްޓަރީއަށް އަންގާފަ އެވެ. މިދިޔަ އަހަރު ވިކްޓަރީން އެ ފައިސާ ދެއްކި އެވެ.

ދެހާސް އެގާރަ ވަނަ އަހަރު، ނިއުރޭޑިއަންޓަށް ކުޅުނު ލައިބީރިއާގެ ފޯވަޑް ރައިޓް ޗާލްސް އަށް، އެ ކުލަބުން މުސާރަ ނުދީ އެއް މައްސަލައެއްވެސް ފީފާއަށް ހުށަހެޅުމާ ދިއުމާ ގާތަށް ދިޔަ އެވެ. ނަމަވެސް ނިއު އިން ވަނީ ފީފާ އިން ބޭރުގައި މައްސަލަ ހައްލު ކޮށް، ޗާލްސް އަށް މުސާރަ ދީފަ އެވެ.