މުޅި ދުވަސް އެކިކަންކަމުގައި ހޭދަކޮށް ވަރުބަލިވެގެން ގެއަށް ވަދެ އެންމެ ފުރަތަމަ ކޮންމެ މީހަކުވެސް ރަނގަޅަށް ފެންވަރާލަނީ އެވެ. އެއަށްފަހު އެނދަށް އަރާ އޮށޯންނަ ގޮތަށް ނިދަނީ އެވެ. އިސްތަށިގަނޑު ރަނގަޅަށް ހިއްކަން ގިނަ ފަހަރަށް ހަނދާނެއް ނުހުރެ އެވެ. ނޫނިއްޔާ މާބޮޑަށް ވަރުބަލި ވެފައި ހުރުމުން އެހެން ކަމަކަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދެވެނީ އެވެ.
ގިނަ މީހުންނަށް ހީވާ ގޮތުގައި އެއީ މާބޮޑު މައްސަލައެއް ވެސް ނޫނެވެ. ހެނދުނު ހޭލާއިރު އިސްތަށިގަނޑު އޮންނާނީ އެއްކޮށް ހިކިފައެއް ނޫން ހެއްޔޭ ހިތަށް އަރައިފާނެ އެވެ. އެކަމަކު ހަފުތާއަކު އެއް ފަހަރު ނުވަތަ ދެ ހަފުތާއިން އެއް ފަހަރުވެސް އިސްތަށިގަނޑު ނުހިއްކާ ނިދުމަކީ މައްސަލަ ކުރިމަތިވާން މެދުވެރިވާ ކަމެކެވެ.
އިސްތަށިގަނޑު ނުހިއްކާ ނިދުމަކީ ގިނަ އަދަދެއްގެ ބެކްޓީރިއާ އުފެދެން މެދުވެރިވާ ސަބަބެކެވެ. އެކަމުގެ ސަބަބުން ބާލީހާއި އިސްތަށިގަނޑުން ނުބައިވަސް ދުވަން މެދުވެރިވެ އެވެ. އެކަމަކީ އަރާމު ނިންޖަކަށް ހުރަސް އަޅާނެ ކަމެއްވެސް މެ އެވެ. ބޮލުން ހަންފޮޅެން މެދުވެރިވާ ސަބަބަކަށް ވެސް އެކަންވެ އެވެ.
ބާލީސް ތެމި އޭގައި ބެކްޓީރިއާ އުފެދެން ފެށުމުން ރޯގާ ޖެހެން މެދުވެރިވެ އެވެ. ރޯގާ ޖެހެނީ ބެކްޓީރިއާ އުފެދިފައި ހުންނަ ބާލީހުގައި ނޭފަތާއި ލޯ ފަދަ ތަންތަން ޖެހި ބެކްޓީރިއާގެ އަސަރު ކޮށްގެންނެވެ.
މި ބެކްޓީރިއާގެ ގައިގައި ހަމުގައި ޖެހޭނަމަ އިންފެކްޓްވެ ބަލިތައް ޖެހުމުގެ ފުރުސަތު މަގުފަހިވެ އެވެ. އެގޮތުން ހަންގަނޑު ވަރަށް ބޮޑަށް ހަލާކުވާ ހާލަތްތައް ވެސް ކުރިމަތިވެ އެވެ.
އިސްތަށިގަނޑު ހިކެންދެން ހޭލާ ހުންނަން ޖެހޭ ނަމަ އިސްތަށިގަނޑު ދޮންނަ ވަގުތު ބަދަލުކޮށްލާށެވެ. މިސާލަކަށް މެންދުރުފަހު އޮފީސް ނިންމާފައި ގެއަށް ގޮސް އިސްތަށިގަނޑު ދޮންނާށެވެ. އޭރަށް އަވަހަށް ހިކޭނެ ނޫން ހެއްޔެވެ؟
ނުވަތަ ހެޔާ ޑްރަޔާއަކުން ވެސް އިސްތަށިގަނޑު ހިއްކާލެވިދާނެ އެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިއްކާލާނެ އެވެ. އަދިވެސް އިތުރު ގޮތެއް އެބައޮތެވެ. ބާލީސްމަތީގައި ތުވާއްޔެއް އަޅާށެވެ. އެ ތުވާލި އޮންނަންވާނީ ރަނގަޅަށް ހިއްކާފަ އެވެ. އެކަމަކު އިސްތަށިގަނޑު އެއްކޮށް ހިކެންދެން އޮތުން ބުއްދިވެރިއެއް ނޫނެވެ.