ކުޅިވަރު

އޮމާން އަތުން ބަލިވެ ރާއްޖެއަށް ދޮރު ބަންދު ވެއްޖެ

Oct 10, 2017
3

އޮމާން އަތުން 3-1 ނަތީޖާއަކުން ބަލިވެ، އޭޝިއަަން ކަޕަށް ކޮލިފައި ވުމުގެ ދޮރު ރާއްޖެއަށް ބަންދު ވެއްޖެ އެވެ.

މި ގުރޫޕްގެ އެއް ވަނައިގައި އޮތީ ފަލަސްތީނެވެ. ފަލަސްތީން ވަނީ އަމިއްލަ ދަނޑުގައި މިރޭ ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު 10-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބު ހޯދައި، ގުރޫޕްގެ އެއް ވަނައިގައި އެ ޓީމުން ދަމަހައްޓަމުން އަންނަ ތިން ޕޮއިންޓްގެ ލީޑް ދަމަހައްޓާފަ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި، ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗު އޮމާން ފެށީ ވެސް ރާއްޖޭގެ ގޯލަށް އަމާޒު ކޮށް ފޮނުވާލި ހިލޭ ޖެހުމަކުން ނެވެ. ރާއްޖޭގެ ޕެނަލްޓީ އޭރިއާގެ ބޭރުން، އޭރިއާގެ ރޮނގާ ކައިރިން ލިބުނު ހިލޭ ޖެހުން މުހްސިން ޖޮއުހަރް އަލް ހަލްދީ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ކަނާ ދިމާލުން ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ ހަތް ވަނަ މިނެޓްގައި، ރާއްޖެއިންވެސް ވަނީ ރަނގަޅު ފުރުސަތެއް ތަނަވަސް ކޮށްފަ އެވެ. އަލީ ފާސިރު (ސެންޓޭ) ދިން ޕާހަކުން މުހައްމަދު އުމޭރު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ އޭނާ އަށް ޖެހުނީ އޮމާންގެ ތަޖުރިބާ ކާރު ކީޕަރު އަލީ އަލް ހަބްސީގެ އަތަށެވެ.

މެޗުގެ 19 ވަނަ މިނެޓްގައި، އޮމާން އިން ވަނީ ލީޑް ނަގާފަ އެވެ. އެޓީމުން އާދައިގެ ގޮތަކަށް ނެގި ހުރަސް ފަސޭހަ ކަމާއެކު ބޮލުން ފޮނުވާލައި ލީޑް ނެގީ ހާލިދު އަލް ހަލީފާ އަލް ހަޖުރީ އެވެ.

ލީޑް 2-0 ށް ބަދަލު ކޮށްލަން އޮމާން ނެގީ ކުޑަ ވަގުތު ކޮޅެކެވެ. ފުރަތަމަ ލަނޑު ޖެހިތާ ހަތަރު މިނެޓް ފަހުން، ޖަމީލް އަލް ޔަހްމަދީ ވަނީ އޮމާންއަށް ލީޑް ނަގާފަ އެވެ. އެ ބޯޅަ، ދިފާއު ކޮށް ބޭރު ކޮށްލަން ރާއްޖެއަށް ފުރުސަތު ލިބުނު ނަމަވެސް، ޔަމްހަދީ ވަނީ ރާއްޖޭގެ ކުޅުންތެރިންގެ ތެރޭގައި ހުރެފައި މަޑުން ބޯޅައިގައި ޕުޝް ކޮށްލައި ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.

ރާއްޖެއިން ވަނީ މެޗުގެ ވަރަށް ކުރީ ކޮޅު ބަދަލެއް ގެނެސްފަ އެވެ. އަރިމަތިން ޑިފެންޑަރަކަށް ކުޅެމުން ދިޔަ، މުހައްމަދު ރަޝީދު (ހޮކޭ) ބަދަލުގައި ކުޅެން އެރީ ސަމޫހް އަލީ (ސަމުއްޓޭ) އެވެ.

ރާއްޖެއިން ވެސް ވަނީ މެޗުގެ 24 ވަނަ މިނެޓްގައި، ލަނޑު ޖާހަފަ އެވެ. ސެންޓޭ އަށް ހުސްކޮށް ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، އޭނާ ގޯލް ތެރެއަށް ފޮނުވާލީ ކީޕަރު ހަބްސީއަށް ފުރުސަތެއް ވެސް ނުދީ އެވެ.

އޮމާންއިން ވަނީ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި، ރާއްޖޭގެ ގޯލަށް އިތުރު ބޯޅައެއްވެސް ފޮނުވާލާފަ އެވެ. ނަމަވެސް އެވަގުތު އޮމާންގެ ކުޅުންތެރިން ތިބީ އޮފްސައިޑް ޕޮޒިޝަނެއްގަ އެވެ.

އޮމާންގެ ތިން ވަނަ ލަނޑު، އަހްމަދު މުބާރިކް ކާމިޔާބު ކުރީ 56 ވަނަ މިނެޓްގައެވެ. އެ ޓީމުން ނެގި ކޯނަރު އޭނާ ބޮލުން ފޮނުވާލުމުން ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑި އަށެވެ. ރީބައުންސް ވެގެން ނިކުތް އެ ބޯޅަ ދެވަނަ ފަހަރަށް މުބާރިކް ވަނީ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.