ބޮލީވުޑްގެ ގިނަ ބަތަލާއިންނަކީ އަމިއްލަ ކްލޯތިން ލައިން ގެންގުޅޭ ތަރިންނެވެ. ދިޕިކާ ޕަދުކޯން އާއި ސޯނަމް ކަޕޫރު އަދި އާލިއާ ބަޓް އާއި ޝްރަދާ ކަޕޫރާއި ކަންގަނާ ރަނާވަތަށް ފަހު މި ލިސްޓަށް އިތުރުވި ބަތަލާ އަކީ "ޕީކޭ" ގެ ބަތަލާ އަނުޝްކާ ޝަރްމާ އެވެ.
އަނުޝްކާގެ ނަމާ ގުޅުވައި އޭނާގެ އަމިއްލަ ކްލޯތިން ލައިން، "ނުޝް" ލޯންޗްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. ނަމަވެސް ނުޝްގެ އުފެއްދުންތައް ބަޒާރުގައި ގަންނަން ލިބެން ހުންނާނީ ހުކުރު ދުވަހުން ފެށިގެންނެވެ.
ނުޝްގެ ފުރަތަމަ ހެދުންތައް ފިހާރަތަކާ ހަމަޔަށް އައުމުގެ ކުރިން އެ ލައިންގެ ފުރަތަމަ ކަލެކްޝަން އޯޓަމް-ވިންޓާ 2017 ގެ ހެދުންތަކަކީ ކޮޕީއެއްކަން މިވަނީ ފަޅާއަރާފަ އެވެ.
ނުޝް ލޯންޗްކުރުމަށް ބޭއްވި ހަފްލާގައި އަނުޝްކާ ވަނީ އެ ކްލޯތިން ލައިންގެ ފުރަތަމަ ކަލެކްޝަން 160 ޑިޒައިންގެ ތެރެއިން ބައެއް ހެދުންތައް ދައްކާލާފަ އެވެ.
އަބަދުވެސް ވަރަށް ސްޓައިލިޝްކޮށް ހެދުން އަޅާ އަނުޝްކާގެ އަމިއްލަ ބްރޭންޑްގެ ލޯންޗްކުރުމަށް ބޭއްވި ހަފްލާގެ ތެރޭގައި ދައްކާލި ހެދުންތަކަކީ ޗައިނާގެ މަޝްހޫރު ވެބްސައިޓް ތަކުގައި ވިއްކަން ހުރި ގިނަ ހެދުންތަކެއްގެ ކޮޕީއެއްކަން މިވަނީ ފަޅާއަރުވާލާފަ އެވެ.
ޓްވިޓާގައި ބަޔަކު ވަނީ އަނުކްޝާގެ ކަލެކްޝަންގެ ހެދުންތަކާ އެއްގޮތަށް ފަރުމާކޮށްފައި އަލިއެކްސްޕްރެސް އާއި އަލީބާބާ އަދި ތާއޯބާއޯ ފަދަ ޗައިނާގެ އޮންލައިން ވެބްސައިޓް ތަކުގައި ވިއްކަން ހުރި ފޮޓޯތަކެއް އާންމުކޮށްފަ އެވެ.
ހައިރާންވާންޖެހޭ ކަމަކީ މިއީ ފަތުރައިގެން އުޅޭ ހަބަރެއް ނޫންކަމެވެ. ނުޝްގެ ކަލެކްޝަންގެ ހެދުންތަކާއި ޗައިނާގެ ވެބްސައިޓް ތަކުގައި ވިއްކަން ހުރި ހެދުންތަކުގެ ޑިޒައިން ހަމަ އެއްގޮތީ އެވެ. ޗައިނާ ވެބްސައިޓް ތަކުގައި ވިއްކަން ހުރި ހެދުންތައް އަނުޝްކާގެ ކަލެކްޝަނުން ކޮޕީކޮށްފައިވާއިރު އެ ހެދުންތަކުގެ ޑިޒައިނާ އެއްވަރަށް ކުލަވެސް ވަނީ ކޮޕީ ކޮށްފަ އެވެ.
ދޮޅު އަހަރެއްހާ ދުވަހުގެ ބުރަ މަސައްކަތުން އަމިއްލަ ކްލޯތިން ބްރޭންޑެއް އަނުޝްކާ ނެރުނު ނަމަވެސް ޗައިނާގެ ޑިޒައިންތަކެއް މާ ބޮޑަށް ކޮޕީކުރެވިގެން އޭނާ ވަނީ ހޫނުފެނަށް ވެއްޓިފަ އެވެ. އެތަކެއް ބަޔަކު އަނުޝްކާ އަށް ފާޑުކިޔަމުން އަންނައިރު، އޭނާގެ ސްޕޯކްސްޕާސަން ވަނީ އެކަން އެމީހުންގެ ސަމާލުކަމަށް ވެސް އައިސްފައިވާ ކަމަށާއި އެކަން ބެލުމަށްފަހު ޒިންމާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.