ކުޅިވަރު

ކަންބޮޑުވުންތަކަށް އެކަށޭނެ ޖަވާބެއް ކޯޗް ނުދިން

Oct 11, 2017
4

އެވެސް ހިސާބަކުން ނުވަތަ އަންދާޒާ އަކުން ރާއްޖެއަށް އޭޝިއަން ކަޕް ކޮލިފައި ވެވޭނެ ޗާންސެއް ދެން ނެތް ކަން ހަމަ 100 ޕަސަންޓާ ގާތް ކުރާ އިންސަތައަކަށް ޔާގީނެވެ. ގައުމީ ކޯޗް އޮސްޓްރޭލިއާގެ ޑަރެން ސްޓްވާޓް އާ އެފްއޭއެމުން ހަވާލު ކުރި، ފުރަތަމަ މަސައްކަތް އޭނާ އަށާއި ރާއްޖެއަށް ނާކާމިޔާބު ވީ އެވެ. އޮމާން އަތުން ރޭ ބަލިވި މެޗަށް ފަހު ޓީމުން ފާހަގަ ކުރެވުނު މައްސަލަތަކަށް މިޑިއާއިން ކުރިމަތި ކުރި ސުވާލަކަށް އެކަށޭނެ ޖަވާބެއް ކޯޗް ނުދިނެވެ.

މެޗުގެ ކުރިން އޭނާ ދެއްކި ވާހަކަ އަކީ، އޭޝިއަން ކަޕަށް ތައްޔާރުވާން ޖެހޭ ގޮތާ، އެދެވޭ ގޮތަކަށްވެސް ރާއްޖެއަށް ތައްޔާރު ނުވެވުނު ވާހަކަ އެވެ. އެކަށީގެންވާ ޓްރެއިނިންއާ އެކު ނަތީޖާ މިއަށްވުރެ ރަނގަޅު ކުރެވިދާނެ ކަމަށް ކޯޗާ ސުވާލު ކުރުމުން އޭނާގެ ފަރާތުން އެކަށޭނެ ޖަވާބެއް ނުލިބުނެވެ.

އޭނާ ބުނީ، ދެން ފަހަރަކު އެފަދަ މުބާރާތަކަށް ދާއިރު، މިހާރު މިތައްޔާރުވާ ގޮތަށް މެޗުތަކަށް ތައްޔާރު ވާނަމަ އަބަދުވެސް ރާއްޖޭގެ ފުޓްބޯޅަ އޮންނާނީ މިހާލަތުގައި ކަމަށެވެ. މިއީ ރާއްޖޭގެ ފުޓްބޯޅަ ހިންގަން ތިބި ފަރާތްކުން ރިއާޔަތް ކުރަން ޖެހޭ ކަމެކެވެ. ކޯޗްވެސް ވަނީ މިކަމުން ރާއްޖެއިން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް ބުނެފަ އެވެ.

"އަހަރެމެން އެންމެން އެބަޖެހޭ މިކަމުން ފިލާވަޅު ލިބިގަންނަން، އަހަރެން، އަހަރެމެން އެންމެންނޭ މި މާނަ ކުރީ ރާއްޖޭގެ ފުޓްބޯޅައިގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ނިސްބަތްކޮށް، ދެން ފަހަރަކުން އަހަރެމެންގެ ތައްޔާރީތައް މިގޮތަށް ގޮސްގެން އަހަރެމެން އޮންނާނީ ހަމަ މިހާލަތުގައި އެހަރެމެންނަށް ކުރިއަކަށް ނުދެވޭނެ،" އޭނާ ބުންޏެވެ. "ފިޓްނަސް ނެތް ކަމަށްވާނަމަ މިފަހަރު މި ތައްޔާރުވި ގޮތަށް ތައްޔާރު ވެގެން އެކަމެއްވެސް ރަނގަޅެއް ނުކުރެވޭނެ."

އޭނާ ބުނީ ޓްރެއިނިންތައް ކޮންމެ ހާލަތެއްގައި ހުރި ނަމަވެސް ކުޅުންތެރިން ބުރަ މަސައްކަތްތަކެއް ކުރާ ކަމަށާއި ކުޅުންތެރިންނަށް ފާޑު ނުކިޔައި އެ ފާޑު ކިޔުންތައް އޭނާ އަށް އަމާޒު ކުރަން އެދޭ ކަމަށެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ފިޓްނަސްގެ ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެވުނު ކަން ކޯޗް ފާހަގަ ކުރި އެވެ. އަދި މިއަށްވުރެ ބޮޑަށް ނަތީޖާ ރަނގަޅު ކުރެވޭނީ ކުޅުންތެރިންގެ ފިޓްނަސް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްގެންކަން ސްޓްވާޓް ބުންޏެވެ.

ކުޅުންތެރިންގެ ފިޓްނަސް ދަށް ވުމުގެ މައިގަނޑު ސަބަބަކީ ކޮބައިތޯ ސުވާލު ކުރުމުން އޭނާ އެކަމަށް ކޮމެންޓް ކުރަން ބޭނުމެއް ނުވި އެވެ. އެއީ ކުލަބުތަކުގެ މައްސަލައެއްތޯ އެހުމުން ކޯޗް ބުނީ އެއްވެސް ބަޔަކަށް ބްލޭމް ކުރަން އޭނާ ބޭނުން ނުވާ ކަމަށާއި އެކަމާ ބެހޭގޮތުން ކޮމެންޓެއް ކުރަން ބޭންން ނޫން ކަމަށެވެ.

މީޑިއާގެ ކުރިމަތީގައި ތެދަށް ބުނަންޖެހޭނެ ކަމަށް، އެހެން ނޫސްވެރިޔަކު ބުނުމުން ކޯޗް ބުނީ އޭނާ ހަގީގަތްތަށް ބުނާ ކަމަށެވެ.

"އަހަރެން ތެދަށް އެވާހަކަ ބުނެފިން، އަހަރެން ބުނެފިން ޓްރެއިނިން އާއި ފިޓްނަސްއަށް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް، އެކަން ނުކޮށްފިނަމަ އަހަރެމެން އަބަދުވެސް އޮންނާނީ މިހިސާބުގައި ކަމަށްވެސް އަހަރެން ބުނެފިން، ނަމަވެސް އަހަރެން ބޭނުމެއް ނުން އެއްވެސް ބަޔަކަށް ބްލޭމް ކުރާކަށް."

ދިވެހި ޕްރިމިއާ ލީގްގައި ކުޅޭ ގައުމީ ޓީމުގެ ކުޅުންތެރިންގެ ފެންވަރާ މެދު އޭނާ ހިތްހަމަޖެހޭތޯ ސުވާލު ކުރުމުން އޭނާ ބުނީ ގައުމީ ޓީމަށް އޭނާ ނަގާ ކުޅުންތެރިންނަކީ ޕްރިމިއާ ލީގްގައި އެންމެ ރަނގަޅަށް ޕާފޯމް ކުރާ ކުޅުންތެރިން ކަަމަށެވެ.

ކުޅުންތެރިންގެ ފިޓްނަސް ދަށްވާ މައްސަލަ އޭނާ އަށް އެނގޭ ކަމަށް ސްޓްވާޓް ބުންޏެވެ. ނަމަވެސް އެކަމާ ބެހޭގޮތުން މީޑިއާގައި ކޮމެންޓް ކުރަން އޭނާ ބޭނުން ނޫން ކަމަށްވެސް ބުންޏެވެ.

"މިއީ އެއްވެސް މީހަކަށް ބްލޭމް ކުރަންވީ ވަގުތެއް ނޫން، މިއީ އެންމެންވެސް އެކަކު އަނެކަކުގެ ކިބައިން ކަންކަން ދަސް ކުރަން ޖެހޭ ވަގުތު މީގެ ސަބަބުތައް އަހަރެމެން އެބަޖެހޭ ދަސް ކުރަން." ކޯޗް ބުންޏެވެ.

އޮމާން މެޗަށް ތައްޔާރުވުމަށް ކުރެވުނު ޕްރެކްޓިސްތަކަށް ޓީމުގެ ތިން ވަނަ ކީޕަރަކަށް ނެރުނީ، 19 އަހަރުން ދަށުގެ ގައުމީ ޓީމު ކީޕަރެވެ. ނަމަވެސް، ރޭގެ މެޗަށް ތިން ވަނަ ކީޕަރަކަށް ގެންދިޔައީ ނިއުރޭޑިއަންޓްގެ އަބްދުﷲ ޒިޔަޒަން އެވެ. ޓީމުގެ ޕްރެކްޓިހަށް ނުނިކުންނަ ކީޕަރަކު ތިން ވަނަ ކީޕަރެއްގެ ގޮތުގައި ގެނައީ ކީއްވެގެންތޯ ސުވާލު ކުރުމުންވެސް އެ ސުވާލަށްވެސް ކޯޗް އެކަށޭނެ ޖަވާބެއް ނުދެ އެވެ.

"ތި ސުވާލު އެފްއޭއެމްގެ ކިބައިން އަހުން ރަނގަޅު،" ކޯޗް ބުންޏެވެ. އެފްއޭއެމުން ތޯ ޓީމު ނަގަނީ ނުވަތަ ކޯޗް ތޯ ޓީމު ނަގަނީ ސުވާލު ކުރުމުން އޭނާ ބުނީ މިހެންނެވެ. "އަހަރެން ޓީމު ނަގަނީ، އެއީ އިދާރީ ގޯހެއް، އަހަރެމެން އެންމެންނަކީ ގޯސް ހެދޭ ބައެއް."

ފަހުން ޓީމުގެ މީޑިއާ އޮފިޝަލް ބުނީ އެއީ ކުޅުންތެރިޔާ ރަޖިސްޓްރީ ކުރުމުގައި ކުރިމަތިވި މައްސަލައަކުން ދިމާވި ކަމެއް ކަމަށެވެ.

ކޯޗް ތކުރާރުކޮށް ބުނީ އެއްވެސް މީހަކަށް ފާޑު ކިޔަން އޭނާ ބޭނުން ނުވާ ކަމަށާއި ރާއްޖޭގެ ކޯޗަކަށް އޭނާ ހުރީ ހިތްހަމަ ޖެހިގެން ކަމަށެވެ. އަދި މެޗަށް ޓީމުގެ ފަރާތުން ކުރި މަސައްކަތާ ބަލާފައި އެންމެ އެދެވޭ ނަތީޖާ ނުނެރެވެމުން ކޯޗްގެ ފާރާތުން މާޔޫސްކަން ފެނިގެން ދިޔަ އެވެ.