ދުނިޔެ

ކެޓަލޯނިއާގެ ރައީސަށް ސްޕެއިން ސަރުކާރުން ފާޑުކިޔައިފި

ސްޕެއިންގެ ސަރުކާރުން ކެޓަލޯނިއާގެ ރައީސް ކާލްސް ޕުއިޖްމަންޓް ސޮއިކޮށްފައިވާ އެ ގައުމުގެ މިނިވަންކަމާބެހޭ ގޮތުން ނެރެފައިވާ ބަޔާންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

އެގައުމުގެ ސަރުކާރުން ވަނީ ކެޓަލޯނިއާއިން ގޮވާލި އެއްބަސްވުމުގެ ވާހަކަތަކަށް އިޖާބަދިނުމަށް އިންކާރުކޮށްފަ އެވެ.

ކެޓަލޯނިއާގެ ރައީސްއަކީ 'ކުރެވޭ ކަމެއް އަދި ދެވޭ ދިމާލެއް ނޭނގޭ' ލީޑަރެއް ކަމުގައި ސްޕެއިންގެ ޑެޕިއުޓީ ބޮޑުވަޒީރު ސިފަކުރައްވާފައިވާއިރު އެގައުމުގެ ބޮޑުވަޒީރު މަރިއާނޯ ރަހޯއީ ވަނީ ކުއްލި ކެބިނެޓް ބައްދަލުވުމަކަށް ގޮވާލައްވާފައެވެ. ބޭރު ދުނިޔޭގެ ނޫސްތަކުން ހާމަކުރާ ގޮތުގައި މިބައްދަލުވުން ބާއްވަނީ ކެޓަލޯނިއާގެ މައްސަލައިގައި ސްޕެއިން ފިޔަވަޅު އަޅަންވީ ގޮތަކާމެދު މަޝްވަރާކުރުމަށް ކަމުގައިވެއެވެ.

ޕުއިޖްމަންޓް ވަނީ އިއްޔެގެ ވަގުތެއްގައި ކެޓަލޯނިއާއަކީ މިނިވަން ދައުލަތެއްކަމުގައި ކަނޑައަޅާ ގަރާރެއްގައި ސޮއިކުރައްވާފައެވެ. އެހެންނަމަވެސް މި ގަރާރު ތަސްދީގުކުރުން މަޑުޖައްސާލާފައިވަނީ މަޝްވަރާގެ މަރުހަލާއަށް ދިޔުމަށް ކަމަށް ޕުއިޖްމަންޓްވަނީ ހާމަކުރައްވާފައެވެ.

ހަބަރުތައް ބުނާ ގޮތުން ކެޓަލޯނިއާގެ ރައީސް ވަނީ އެގައުމަކީ ވަކި ދައުލަތެއްގެ ގޮތުގައި ކަނޑައަޅަން ތައްޔާރުވެފައެވެ. މީގެ ސަބަބުން ސްޕެއިންގެ ސިޔާސީ މަސްރަހު އިތުރަށް ހަލަބޮލިވެގެންދާނެކަމަށް ގިނަބަޔަކު ދަނީ ލަފާކުރަމުންނެވެ.

ކެޓަލޯނިއާ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ ދެކޮޅަށް ހިޔާލު ހޯދުމުގެ ގޮތުން ސްޕެއިން ސަރުކާރުން ވޯޓުލުމަށް ތައްޔާރުވެފައި އޮއްވާ އެގައުމުގެ ގާނޫނު ހަދާ ކޯޓުން ވަނީ އެކަން ބާތިލުކޮށްފައެވެ.

މިކަމާ ގުޅިގެން ކެޓަލޯނިއާގެ ރައީސް ޕުއިޖްމަންޓް ވަނީ ސްޕެއިން ގެ ކޯޓުން ކުރި އަމުރުންވެސް ހާމަވެގެންދަނީ ކެޓަލޯނިއާއަކީ މިހާރު މިނިވަން ދައުލަތެއްކަމުގައި ބަލައިގަންނަން ފަށާފައިވާ ކަމެވެ.