ހަބަރު

ކުދި ގައުމުތަކުގައި ރިނިއުބަލް އެނާޖީ ބައްދަލުވުން ނިންމާލައިފި

ކުދި ޖަޒީރާ ގައުމުތަކުގައި އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރުމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުން ނިންމާލައިފި އެވެ.

ރާއްޖެއިން އިސް ނަގައިގެން ބަނޑޮސް އައިލޭންޑް ރިސޯޓްގައި ބޭއްވި އިނިޝިއޭޓިވް ފޯ ރިނިއުއަބަލް އައިލެންޑް އެނާޖީ (އައިރީ) ގެ ވަޒީރުންގެ ފުރަތަމަ ބައްދަލުވުން ނިންމާލެއްވުމަށްފަހު އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، އިޔާދަކުރަނިވި ހަކަތަ ކުދި ގައުމުތަކުގައި ބޭނުންކުރެވޭނެ ގޮތްތަކާއި ހަޖަތަ އާލާކޮށް އެކަންކަން ކުރެވޭނީ ގޮތްތައް ބަލައި އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އޭއޯސިސްގެ ގައުމުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މާލީ ފަންނީ އަދި މީހުން ބިނާކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއިމެދު ވަނީ މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އެކި ގައުމުތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާނެ ގޮތާމެދު ދިރާސާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއިމެދު މަޝްވަރާކުރެވިފަވާ ކަމަށާއި އިޔާދަކުރަނިވި ހަކަތައާބެހޭ ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގުމާ މެދުވެސް މަޝްވަރާކުރެވުނު ކަމަށެވެ.

"ރިނިއުބަލް އެނާޖީ ބޭނުން ކުރާ ގައުމުތަކުން، ބޭނުން ނުކުރާ ގައުމުތަކަށް ދިމާވާ ދަތިތަކުގެ ކަންކަން ހައްލު ކުރުމާއި އިޔާދަކުރަނިވި ހަކަތަ ގާއިމް ކުރުމަށް ފަސޭހަ ވާނެ ގޮތްތައް ހިއްސާކުރުމުގެ މުހިންމުކަމާމެދު ވާހަކަ ދެކެވިގެންދިޔަ، އަދި ކުދި ގައުމުތަކުން އެކަމަށް ފައިސާ ހޯދާނީ ކިހިނެއްކަން، މިކަމަކީ ވަރަށް ފައިސާ ހަރަދުވާ ކަމެއް ކަމުން މިކަމުގައި ޕްރައިވެޓް ސެކްޓާ ޝާމިލް ކުރާނީ ކޮން ގޮތަކަށްކަން ބަލައި މަޝްވަރާ ކުރެވިގެންދިޔަ،" މިނިސްޓަރު ވިދާޅުވި އެވެ.

ިމިނިސްޓަރު އިތުރަށް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި ލިބޭ ގެއްލުންތައް ކުޑަކުރުމަށް މިއަހަރު ނޮވެމްބަރު މެދުތެރޭގައި ޖަރުމަނުވިލާތުގައި އޮންނަ 23 ކޮންފަރަންސް އޮފް ދަ ޕާޓީސް (ކޮޕް 23) އަކީ ކާމިޔާބު ބައްދަލުވުމަކަށް ހެދުމަށް މަސައްކަތްކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ގެއްލުންތައް ހައްލުކުރާނެ ގޮތްތައް ރޭވުމަށް މަޝްވަރާކުރެވިފައިވާ ކަމަށެވެ.

ދެ ދުވަހުގެ މުއްދަތަށް ބަނޑޮސް މޯލްޑިވްސްގައި ކުރިއަށްގެންދިޔަ އެ ބައްދަލުވުމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒިރުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުންނާއި ބޭރުގެ މަންދޫބުން ބައިވެރިވެފައި ވެއެވެ. ރާއްޖެ އިސްނަގައިގެން ބޭއްވި އެ ބައްދަލުވުމަކީ އޭއޯސިސް އާއި އިންޓަރނޭޝަނަލް ރިނިއުބަލް އެނަޖީ އޭޖެންސީ (އައިރީނާ) އާއި ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.