ސުޕަސްޓާ ސަލްމާން ޚާން "ރޭސް 3' ގައި ފެނިގެންދާ ކަމީ މިފ ފިލްމަށް ބެލުންތެރިން އިންތިޒާރުކުރަން ޖެހޭ އެންމެ ބޮޑު އެއް ސަބަބެވެ. ސަލްމާނާ އެކު ބަތަލާގެ ރޯލުން ޖެކުއަލީން ފާނެންޑޭޒް ފެނިގެންދާ މި ފިލްމަކީ ހިންދީ އެންމެ ކާމިޔާބު ތްރިލާ ސިލްސިލާ ފިލްމުތަކުގެ ތިން ވަނަ ފިލްމެވެ.
ކްރިއޮގްރާފާ އަދި ޑައިރެކްޓަރު ރެމޯ ޑިސޫޒާ ޑައިރެކްޓްކުރާ މި ފިލްމުގެ މުހިންމު ރޯލަކުން މަޝްހޫރު ތަރި ބޮބީ ޑިއޯލް ފެނިގެންދާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ވަނީ ބުނެފަ އެވެ.
ގާތް އެކުވެރިޔާ ބޮބީ "ރޭސް 3" ގައި ފެނިގެންދާނެކަން ޔަގީންކޮށްދެމުން ރަމޭޝް ބުނެފައިވަނީ މީގެކުރިން ވެސް އޭނާ ބޮބީ އާ އެކު މަސައްކަތް ކޮށްފައިވާ ކަމަށާއި ބޮބީ އަކީ އެކުގައި މަސައްކަތްކުރަން ވަރަށް ފަސޭހަ އެކްޓަރެއް ކަމަށް ބުނެފަ އެވެ.
"ބޮބީ މި ފިލްމުގައި ފެނިގެންދާނީ މީގެކުރިން އޭނާ ދުވަހަކުވެސް ކުޅެފައިނުވާ ކަހަލަ ރޯލަކުން. އޭނާގެ ސްޓައިލް ވެސް ވަރަށް ތަފާތު ވާނެ،
"ރޭސް 3" ގައި ލީޑްތަރިން ފެނިގެންދާނީ ނުބައިބައި ރޯލުތަކަކުން ކަމަށް ބުނަމުން ރަމޭޝް ބުނެފައިވެ އެވެ.
ބޮބީ މީގެކުުރިން ވަނީ ރަމޭޝް އުފެއްދި "ސޯލްޖާ" އާއި "ނަގާބް" އިން ފެނިގެން ގޮސްފަ އެވެ.
ނުވަދިހައިގެ ތެރޭގައި އެންމެ ވިދާލި ތަރިންގެ ތެެރޭގައި ހިމެނޭ ބޮބީގެ ކެރިއަރު ވަޅު ޖެހި މިފަހަކަށް އައިސް އޭނާގެ ފިލްމެއް ރިލީޒްވެފައިވަނީ ވަރަށް މަދުންނެވެ. މި އަހަރު ނިކުތް "ޕޯސްޓާ ބޯއިސް" ގެ ކުރިން ބޮބީ އެންމެފަހުން ފެނިގެން ގޮސްފައިވަނީ 2013 ވަނަ އަހަރު ނިކުތް "ޔަމްލާ ޕަގްލާ ދިވާނާ 2" އިންނެވެ.
ރޭސް" ސިލްސިލާގެ ފުރަތަމަ ފިލްމު ރިލީޒްކޮށްފައިވަނީ 2008 ވަނަ އަހަރު އެވެ. އެ ފިލްމުގެ ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ ސައިފް އަލީ ޚާން އާއި ބިޕާޝާ ބާސޫ އާއި އަކްޝޭ ކަންނާ އަދި ކެޓްރީނާ ކައިފް އާއި އަނިލް ކަޕޫރުގެ އިތުރުން ސަމީރާ ރެޑީ އެވެ. އޭގެ ފަސް އަހަރު ފަހުން ރިލީޒްކުރި މި ސިލްސިލާގެ ދެވަނަ ފިލްމު، "ރޭސް 2" ގެ ލީޑްރޯލުން ވެސް ފެނިގެން ގޮސްފައިވަނީ ސައިފް އެވެ. އަދި އޭނާ އާއެކު މުހިންމު ރޯލުތަކުން ވަނީ ޖޯން އަބްރަހަމް އާއި ޖެކުއަލީން އަދި ދިޕިކާ ޕަދުކޯން ފެނިގެން ގޮސްފަ އެވެ.
މި ސިލްސިލާގެ ތިން ވަނަ ފިލްމެއް އުފައްދަން ނިންމައި ރަމޭޝް ވަނީ އެ ފިލްމުގައި ފެނިގެންދާނީ މުޅިން އާ ކާސްޓުންތަކެއް ކަމަށް ބުނެފަ އެވެ.