ކުޅިވަރު

ވަރުގަދަ އިންޒާރާއެކު ކުޑަހުވަދޫއަށް ބޮޑު ޖޫރިމަނާއެއް

Oct 12, 2017
6

ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ، ޓީމުތަކަށާއި ކުލަބުތަކަށް އިންޒާރާއެކު، އެ މުބާރާތުގައި ވާދަ ކުރާ، ދ. ކުޑަހުވަދޫ ފުޓްބޯޅަ ޓީމު ބޮޑު ޖޫރިމަނާއެއް ކޮށްފި އެވެ.

ކުޑަހުވަދޫގެ މައްސަލަ ބަލައި، 25000 ރުފިޔާއިން އެ ޓީމު ޖޫރިމަނާ ކުރުމަށް، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމީ، މިދިޔަ މަހުގެ 22 ވަނަ ދުވަހު، ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރުގައި، މިލަންދޫއާ ދެކޮޅަށް ކުޑަހުވަދޫ ކުޅުނު މެޗުގައި، މިލަންދޫގެ އިބްރާހިމް ޝިޔާމް ލަނޑު ޖެހުމަށް ފަހު، ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހި، ހުރިހާ ކުޅުންތެރިން ދަނޑުން ފޭބުމަށް ކުޑަހުވަދޫ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) އެންގުމުން ދަނޑުން ފޭބުމުން ނެވެ.

އަދި މެޗު ކުރިއަށް ގެންދިއުމަށް، ކުޅުންތެރިން ދަނޑަށް އެރުވުމަށް ކުޑަހުވަދޫގެ މެނޭޖަރު އިސްމާއިލް މައުރޫފް ގާތުން އެދުނު ނަމަވެސް، އެމެޗުގައި ރެފްރީކަން ކުރި އިންޑިއާގެ ކިޝަން ޖޯޝީ ހުރެގެން މެޗު ކުރިއަށް ނުގެންދާނެ ކަމަށް ބުނެ، މެޗުގެ ވަގުތު ހަމަނުވަނީސް މެޗު ހުއްޓާލުމުން ކަމަށްވެސް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ކުޅުންތެރިން ދަނޑުން ފޭބުމަށް ކުޑަހުވަދޫ ޓީމުގެ އޮފިޝަލުން އެންގީ، މިލަންދޫގެ ދެ ވަނަ ލަނޑު އިބްރާހިމް ޝިޔާމު ޖެހިއިރު، މިލަންދޫ ކުޅުންތެރިޔަކު، ކުޑަހުވަދޫ ޓީމުގެ ކްރިސްޓިއަން އަށް ފައުލު ކޮށްފައި ވުމުން ކުޑަހުވަދޫގެ ކުޅުންތެރިންނާއި ބެންޗުން، ފައުލަށް އެޕީލް ކުރުމުންވެސް ރެފްރީ ކުޅުން ކުރިއަށް ގެންދިއުމަށް އެންގުމުން އެކަމާ ހިތްހަމަ ނުޖެހި އެވެ.

އެ މެޗު ކުޑަހުވަދޫ ކުރިއަށް ގެންދަން ބޭނުން ނުވުމުން، އެ މެޗުން މިލަންދޫ މޮޅުވީ ކަމަށް މެޗު ކޮމިޝަނަރު ވަނީ ނިންމާފަ އެވެ.

އެ މެޗަކީ، ޕްރިމިއާ ލީގްގައި، މެޗު ފުރިހަމަ ނުކޮށް ނިންމިގެން ދިޔަ ދެ ވަނަ މެޗެވެ. މީގެ ކުރިން މާޒިޔާ އާއި ގްރީން ސްޓްރީޓް ކުޅުނު މެޗުވެސް، ފުރިހަމަ ނުކުރެވި ނިންމާލަން ޖެހުނީ، ރެފްރީގެ ނިންމުމާމެދު ހިތްހަމަ ނުޖެހި، އެމެޗުގެ ދެ ވަނަ ހާފުގައި ރެފްރީކަން ކުރި ނިއުޝާދު މުހައްމަދު ހުރެގެން ގްރީން ސްޓްރީޓުން މެޗު ކުރިއަށް ގެންދަން ބޭނުން ނުވުމުން ނެވެ.

ފަހުން އެފްއޭއެމުން ވަނީ، ރެފްރީ ނިއުޝާދުގެ މައްސަލަ ބަލައި ނިމެންދެން އޭނާ ސަސްޕެންޑް ކޮށްފަ އެވެ.

މެޗު ކުރިއަށް ގެންދަން ބޭނުން ނުވާ މައްސަލަ ތަކުރާރު ވަމުންދާތީ، މުބާރާތުން އެ ޓީމެއް ވަކި ކުރުމަށް އެފްއޭއެމުން ވިސްނާނެ ކަމަށް ބަޔާން ކޮށް ކުލަބު ތަކަށާއި ޓީމުތަކަށް އިންޒާރުގެ ލިޔުމެއް ފޮނުވުމަށްވެސް ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމާފަ އެވެ.