ރާއްޖެ ކުޅިވަރު

އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ނިއު

އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނިއު ރޭޑިއަންޓް އިން ބުނެފި އެވެ.

ފާއިތުވި ތިން ސީޒަންގައި ދިރާގު ދިވެހި ލީގު ކާމިޔާބުކުރި ނިއު އިން މި ސީޒަންގައި ގެނައި ދެވަނަ ކޯޗު ކަމަށްވާ ބޮސްނިއާގެ އާމިރު އަލަޖިކް ވަނީ އެ މަގާމުގައި މަހެއްހާ ދުވަސް ހޭދަކުރުމަށް ފަހު މި މަހު މަގާމުން ވަކިވެފަ އެވެ. ނިއު އިން ސީޒަން ފެށީ މިދިޔަ ސީޒަންގެ ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް އެ ޓީމަށް ކާމިޔާބުކޮށްދިން ފިންލެންޑްގެ ކޯޗު މިކާ ލޮންސްޓްރޮމްގެ އިރުޝާދުގެ ދަށުންނެވެ. އެކަމަކު ޕީޕަލްސްގެ ކަޕާއި އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގައި ނިއު އިން ނެރުނު ނަތީޖާ ދަށްވުމުން މިކާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ނިއުގެ ބޯޑު މެމްބަރު އަހުމަދު ޒަރީރު މިއަދު ވިދާޅުވީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް އެ ކްލަބުން ކުރިއަށް ގެންދާ ކަމަށެވެ. އެކަމަކު އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި އެ ޓީމަށް ބާކީ އޮތް ދެ މެޗުގައި ޓީމަށް އިރުޝާދު ދޭނީ ވަގުތީ ކޯޗު ސޮބާހު މުހައްމަދު ކަމަށެވެ.

"އާ ކޯޗަކަށް ބަލަމުން މި ދަނީ. ޖޫން މަހު ނުވަތަ އޭގެ ކުރިން ވެސް އާ ކޯޗެއް ފެނިދާނެ. އެކަމަކު ހަމަ ގައިމު ވެސް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖު ނިންމާލާނީ ސޮބާގެ ބެލުމުގެ ދަށުން،" ޒަރީރު ވިދާޅުވި އެވެ.

ތިން އަހަރުގެ ތެރޭައި ނިއު އަށް ފަސް ކޯޗުން ވަނީ އިރުޝާދު ދީފަ އެވެ.

އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާގެ އިރުޝާދުގެ ދަށުން ނިއު އިން ވަނީ މިހާތަނަށް ތިން މެޗު ކުޅެފަ އެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ވިކްޓަރީ އަތުން ނިއު މޮޅުވިއިރު، އެ ޓީމަށް އިރުޝާދު ދިނީ ސޮބާ އެވެ. އަދި އޭއެފްސީ ކަޕްގައި މިޔަންމާގެ އަޔެވާދީ ޔުނައިޓެޑާ ރަށުން ބޭރުގައި އެއްވަރުކޮށް، ނިއު އިން ޕޮއިންޓެއް ހޯދި މެޗުގައި ވެސް އެ ޓީމަށް އިރުޝާދު ދިނީ ސޮބާ އެވެ. އޭއެފްސީ ކަޕްގައި އަމިއްލަ ދަނޑުގައި ލާއޯ އެފްސީ އަތުން ނިއު މޮޅުވީ މިކާ މަގާމުން ވަކިކުރުމަށް ފަހު، ވަގުތީ ގޮތުން ކޯޗުކަމާ ހަވާލުކޮށްފައި ވަނިކޮށެވެ.

ނިއު އިން ވަނީ އެ ޓީމަށް ގެނައި އިނގިރޭސި ފޯވަޑް ޑޭވިޑް މޯލީ އަދި ނައިޖީރިއާގެ މިޑްފީލްޑަރު ސަންޑޭ ޕެޓްރިކް ފޮނުވާލަައިފަ އެވެ. މި ވަގުތު އެ ޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިންނަކީ ސްލޮވާކިއާގެ މިޑްފީލްޑަރު ވިލިއަމް މައްކޯ އަދި އުޒްބެކިސްތާންގެ ގޯލްކީޕަރު އަލިއާ އެލީޝޭފް އެވެ.

ޒަރީރު ވިދާޅުވީ ޖޫންގެ ޓްރާންސްފާގައި އިތުރު ބިދޭސީ ކުޅުންތެރިން ހޯދުމާމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.