ކުޅިވަރު

ގައުމީ ޓީމުގެ ގޯސްތަކަށް އެފްއޭއެމުން އެޑްރެސް ކުރަނީ

Oct 12, 2017
2

އޭޝިއަން ކަޕް ކޮލިފައިންގައި، ދިވެހި ގައުމީ ޓީމަށް ހެދުނު ގޯސްތަކަށް، ކޯޗް އޮސްޓްރޭލިއާގެ ޑަރެން ސްޓްވާޓްގެ ސަމާލު ކަމަށް ގެނެސް، އެ މައްސަލަތަކަށް އެޑްރެސް ކުރާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ ގައުމީ ޓީމުގެ ކޮމިޓީގައި ހިމެނޭ ޓެކްނިކަލް ކޮމިޓީން، މެޗުގައި ޓީމަށް ހެދުނު ގޯސްތަކަށް ކޯޗާއެކު ވާހަކަ ދައްކާނެ ކަމަށެވެ.

"މެޗުގައި ފާހަގަ ކުރެވުނު ޓެކްނިކަލް މައްސަލަތަކަށް ނެޝަނަލް ޓީމުގެ ކޮމިޓީން ކޯޗް ހާޒިރު ކޮށް އެކަންކަމަށް ކޯޗުގެ ސަމާލު ކަމަށް ގެނެސް ކޯޗާ ވާހަކަ ދައްކާނެ، އަދި އެމައްސަލައެއް ދިމާވީ ކިހިނެއްތޯ ކޯޗާ ސުވާލު ކުރާނެ." ޖަވާ ވިދާޅުވި އެވެ. "އަދި ކޮމިޓީގެ ޓެކްނިކަލް ޓީމަށް ފާހަގަ ކުރެވުނު މައްސަލަތައްވެސް ކޯޗާ ވާހަކަ ދައްކައި ކޮމިޓީގެ ހިޔާލު ހުށަހަޅާނެ އަދި އެ ކަމެއް ރަނގަޅު ކުރުމަށް ކޯޗު ބޭނުންވާ ގޮތަކީ ކޮބައިތޯވެސް ޓީމުން ސާފު ކުރާނެ."

އޭނާ ވިދާޅުވީ ނެޝަނަލް ޓީމު ކޮމިޓީ އުފެދުނު ފަހުން، ގައުމީ ޓީމުގެ މައްސަލަތަކާ މެދު ރިއާޔަތްކޮށް ކޮންމެ މެޗަކަށް ފަހު ކޯޗާ ސުވާލުކޮށް މައްސަލަތައް ހައްލު ކުރުމަށް ވާހަަކަ ދައްކަމުން ދާ ކަމަށެވެ.

އޮމާން މެޗަށް ފަހު ސްޓްވާޓް ބުނީ، ރާއްޖޭގެ ތައްޔާރީތައް ހުރީ އޭޝިއަން ކަޕް ކޮލިފައިންގައި ތައްޔާރީތައް ހުންނަން ޖެހޭ މިންވަރަކަށް ނޫން ކަމަށެވެ. އަދި ކުޅުންތެރިންގެ ފިޓްނަސްވެސް އެންމެ ރަނގަޅު ނޫން ކަމަށެވެ.

ކުޅުންތެރިންގެ ފިޓްނަސް ދަށްވާ މައްސަލަ އޭނާ އަށް އެނގޭ ކަމަށް ސްޓްވާޓް ބުންޏެވެ. ނަމަވެސް އެކަމާ ބެހޭގޮތުން މީޑިއާގައި ކޮމެންޓް ކުރަން އޭނާ ބޭނުމެއް ނޫނެވެ.

"އަހަރެން ތެދަށް އެވާހަކަ ބުނެފިން، އަހަރެން ބުނެފިން ޓްރެއިނިން އާއި ފިޓްނަސްއަށް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް، އެކަން ނުކޮށްފިނަމަ އަހަރެމެން އަބަދުވެސް އޮންނާނީ މިހިސާބުގައި ކަމަށްވެސް އަހަރެން ބުނެފިން، ނަމަވެސް އަހަރެން ބޭނުމެއް ނުން އެއްވެސް ބަޔަކަށް ބްލޭމް ކުރާކަށް،" ކޯޗް ބުންޏެވެ.

"މިއީ އެއްވެސް މީހަކަށް ބްލޭމް ކުރަންވީ ވަގުތެއް ނޫން، މިއީ އެންމެންވެސް އެކަކު އަނެކަކުގެ ކިބައިން ކަންކަން ދަސް ކުރަން ޖެހޭ ވަގުތު މީގެ ސަބަބުތައް އަހަރެމެން އެބަޖެހޭ ދަސް ކުރަން."

އޮމާން އަތުން 3-1 ބަލިވެ، އޭޝިއަން ކަޕްގެ ހުރިހާ ދޮރެއް ކަހަލަގޮތަކަށް ރާއްޖެއަށް ވަނީ ބަންދުވެފަ އެވެ.