އަވަސް ވީކެންޑް

ވަޅޯ މަސް ވިއްކުުމުގައި މިއީ ރަސްގެފާނު!

އެއް ކަމެއްގައި ފޫގަޅާލައިގެން، ފޫހިވުމެއް ނެތި، 40ހަކަށް އަހަރު އުޅުމަކީ އަސްލު އެހާ ފަސޭހަ ކަމެއް ނޫނެވެ. މިގެން ހުރެވޭ މީހަކީ ހަމަ ގައިމުވެސް ވާނީ ކެތްގަދަ ހިތްވަރު ވެސް ގަދަ ކުޅަދާނަ ފަހުލަވާނަކަށެވެ. މިއީ އެ ފަދަ ފަހުލަވާނެކެވެ. ނަމަކީ އަބްދުއް ޝުކޫރު އަލީ އެވެ. މާލެ، ވަޅޯ މަސް މާރުކޭޓުގައި މަސް ވިއްކުމުގެ މަސައްކަތް އޭނާ ކުރާތާ ސާޅީހަކަށް އަހަރު ވެދާނެ އެވެ. މާރުކޭޓަށް ދާ އެންމެންގެ މެދުގައި އޭނާ މަޝްހޫރު ވަނީ "ވަޅޯ މަސް ޝުކޫރު" ގެ ނަމުންނެވެ.

"ފުރަތަމަ އުޅުނީ ސައި ހޮޓެލެއްގައި. ހޮޓާ ކުއްޔަށް ނަގައިގެން ހިންގީ. އެއީ ވަރަށް ކުރި. މީގެ ސާޅީހަކަށް އަހަރު ކުރި. އެއް ދުވަހު ވީގޮތަކީ މާރުކޭޓުން މަސްކޮޅެއް ގެނެސްގެން ހޮޓަލުގައި އިނދެ ވިއްކީ. އެކަންވީ ވަރަށް ރަނގަޅު ކަމަކަށް. އެހެންވެ މަސް ކައްކަން ފެށުނީ،" ޝުކޫރު މަސް ހިއްކުމުގެ މަސައްކަތް ފެށުނު ގޮތް ކިޔައިދިނެވެ.

ވަޅޯ މަސް މާރުކޭޓަށް އެތަށް ބަދަލެއް އައިސް، މުޅިތަން ބަދަލުވެ ވެރިކަން ބަދަލު ވެގެން ދިޔަނަމަވެސް ބަދަލުވުމެއް ނެތި މިތަނުން ފެންނަ ހަމައެކަނި ކަމަކީ ޝުކޫރުގެ މަސައްކަތްތެރިކަމެވެ. މިއަދާ ހަމައަށް އޭނާއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. އެތަށް ފަހަރަކު މަސައްކަތް "ހުޓާޅާނަމޭ" ހިތަށް އަރާ އެތަށް އެތި ފަހަރެއް ކުރިމަތިވި އެވެ. އެކަމަކު އެ ފަދަ ކޮންމެ ފަހަރަކު ވެސް ކަށިންހިތްވަރު ނެރެ ކުރި ހިތްވަރުން އަމިއްލަ ފައިމައްޗަށް ތެދުވެ ދުއްވައިގަތީ އެވެ. މަސައްކަތް އަލުން ފެށުނީ އެވެ.

"މަސައްކަތް ފެށިތާ މާގިނަ ދުވަހެއް ނުވެ އަތުގައި ހުރި ލާރި ކޮޅު ހުސްވެއްޖެ. ދެން މަސް ކެއްކޭނެ ގޮތެއް ނެތިގެން ވަރަށް ގިނަ މީހުން ކައިރީ އާދޭސް ކުރިން،" މަސައްކަތުގައި ކުރިމަތިވި ބައެއް ގޮންޖެހުންތައް ހިއްސާ ކުރަމުން ޝުކޫރު ބުންޏެވެ.

މި "ދަތިގަނޑު" ގައި ދާނެ ނުދާނެ ތަނެއް ނޭނގި، ކަނޑުމަތިވެ ޝުކޫރު ބެހިގެން ދަނިކޮށް، އޭނާ އަށް އެހީތެރިކަމުގެ އަތެއް އެއްލީ ދަނޑުވެރިންގެ މެދުގައި މަޝްހޫރު، ތ. ކަނޑޫދޫ ކުޑަ މުހައްމަދު ފުޅެވެ. އޭނާ ދިއްކޮށްލި އަތުގައި ހިފައިގެން ކޮޅަށް ތެދުވެ، އަނެއްކާ ވެސް މަސައްކަތް އަލުން ފަށައިގަތީ އެވެ. ކަނޑޫދޫ ކުޑަ މުހައްމަދު ދިން ފައިސާގެ އެހީގައި އޭނާ އާ ހިތްވަރަކާ އެކު އަލުން ތެދުވީ އެވެ.

މިއަދާ ހަމައަށް ޝުކޫރު މި މަސައްކަތުގައި ދެމިހުރިއިރު، މި މަސައްކަތުގައި އޭނާ ނުކުރާ ކަމެއް ނެތެވެ. އޭނާ މަސް ގަންނަން ދޯނިތަކަށް އެރި އެވެ. ގަންނަ މަސްތައް ގާޑިޔަލުގައި ގެއާ ހަމައަށް ގެންދެ އެވެ. އަދި އެ މަސް ކަނޑަައި މަސް ކައްކަ އެވެ. މަސް ކައްކައި އޭގެން ރިހާކުރު ހަދަ އެވެ. އަދި ވަޅޯ މަސްކޮޅު ހިފައިގެން މާރުކޭޓަށް އައިސް ވިއްކަން އިނދެ އެވެ. މިއަދު ދިޔަ ނަމަވެސް ވަޅޯމަސް މާރުކޭޓުގެ ގޮޅިން އޭނާ ނުފެނިއެއް ނުދާނެ އެވެ.

"ވަރަށް ބުރަ މަސައްކަތެއް މިއީ. އެކަމަކު ކޮށްފިއްޔާ ފައިދާ ވެސް ވާނެ. އަޅުގަނޑު މަސައްކަތް ފެށިއިރު މި ތަނު [ވަޅޯ މަސް މާރުކޭޓު] ގައި އުޅޭ 18 މީހުން. އެކަމަކު ނުހިފެހެއްޓިގެން ގޮސް މިހާރު މަސް ކައްކާ މީހުންގެ ތެރޭގައި ތިބީ އެންމެ ހަތަރު މީހުން،"

ޝުކޫރު ވަނީ މި މަސައްކަތުން ލިބުނު އާމްދަނީއިން ކުދިންނަށް ކިޔަވައިދީ ބޮޑުކޮށްފަ އެވެ. އޭނާގެ ތިން އަންހެން ކުދިންނާއި ތިން ފިރިހެން ކުދިން ތިބޭއިރު އެއް ކުއްޖަކު އުޅެނީ ރައީސް އޮފީހުގެ ވަޒީފާގަ އެވެ. އެއް ކުއްޖަކު އޭނާއާ މަސައްކަތުގައި ބައިވެރިވެ އެވެ. އަދި އެހެން ކުދިންގެ އެއްބާރުލުން ވެސް ފުރިހަމަ އަށް ލިބޭކަން ޝުކޫރު ފާހަގަ ކުރެ އެވެ.

"މަސައްކަތް ފަށައިގެން ފަހުން ބަދަލުވީ ވިލިނގިއްޔަށް ތަނެއް ހިފައިގެން. އެތަނަށް ގެނައީ އިންޑިޔާ މީހެއް އެހީތެރިވާން. މިހާރު ތިން ހަތަރު މީހުން އެހީތެރިވާން އެބަ ގެންގުޅެން. މިހާރު އަޅުގަނޑުމެންނަށް މަސައްކަތެއް ނުކުރެވޭ،" އުމުރުން 66 އަހަރުގެ ޝުކޫރު ބުންޏެވެ.

"މިހާރު އޮތް އެންމެ ބޮޑު ދައްޗަކީ ބަންގްލަދޭޝްއިން މީހުން ނުގެނެވުން. ކޯޓާ އެބައޮތް އަޅުގަނޑުގެ އަތުގައި. އެކަމަކު މީހުން ނުލިބުން މިހާރު ދަތިތަކަކީ."

ޝުކޫރު ގަބޫލުކުރާ ގޮތުގައި މި މަސައްކަތަކީ މާބޮޑު އާމްދަނީއެއް ލިބޭ ކަމެއް ނޫނެވެ. އޭނާގެ އަޒުމަކީ މި މަސައްކަތުން މީހުންނަށް ނުދަރައި ތާހިރު ދިރިއުޅުމެއް އުޅުމުގެ އުފާލިބުމެވެ.

"މިއަދު އިރާދަކުރެއްވިއްޔާ އުޅެލޭ ވަރުވޭ. އަޅުގަނޑުގެ މޮޓޯއަކީ މީހުންނަށް ނުދަރައި ރީތިކޮށް އުޅެލުން. އިރާދުކުރެއްވިއްޔާ އެކަން އެބަވޭ،" ޝުކޫރު ބުންޏެވެ.

މި މަސައްކަތުގައި ޝުކޫރު މިހާރު ހަމައެކަނި ވަޅޯމަސް ހިއްކަނީ އެކަންޏެއް ނޫނެވެ. މަހުން ގިނަ ބާވަތްތަކެއް ވެސް އޭނާ އުފައްދަ އެވެ. ވިލިމާލޭގައި ހުންނަ ކުޑަ ތަންކޮޅުގައި އޭނާ މަސް މުގުރަ އެވެ. ވެކިއުމްކޮށްގެން މަސް ވިއްކަ އެވެ. ރިހާކުރު ކައްކަ އެވެ.

"އަޅުގަނޑު މި މަސައްކަތުގައި އެންމެ ބޮޑު ސަމާލުތަކެއް ދެނީ ސާފުތާރިހު ކަމަށް. ބިދޭސީން ތިބެގެން މަސައްކަތް ކުރިއަސް ބަރާބަރަށް ބަލަން މަސައްކަތް ކުރާ ގޮތް. އެމީހުންނަށް ދުލެއް ނުކުރަން. އަޅުގަނޑު މި އުފައްދާ ރިހާކުރު ވެސް ވަރަށް މީރުވާނެ. ސާފު ވެސް ވާނެ. މި ހަދަނީ އަޅުގަނޑު ކާން. އެގޮތަށް ބަލައިގެން މި ތައްޔާރު ކުރަނީ،" ޝުކޫރު ބުންޏެވެ.

"މި މަސައްކަތް މިހާރު މާބޮޑަށް ތަރައްގީ ކުރެވޭކަށް ނެތް. މި މަސައްކަތަށް ބިމެއް މިލިބެނީ 10 އަހަރު ދުވަހަށް. އެގޮތަށް ބިމެއް ދީގެން ނެތް ތަރައްގީ ކުރެވޭކަށް. ދިހަ އަހަރަކީ މަސައްކަތެއް ފަށައިގެން، ކިރިޔާ މަސައްކަތް ފަށައިގެން ކުރި ހަރަދު ސަލާމަތް ވާނީ."

ވާހަކަ ހުއްޓައިލަމުން ޝުކޫރު ފާހަގަ ކޮށްލީ އެންމެ ކަމެކެވެ. އެއީ މި ފަދަ މަސައްކަތްތަކުގައި ދިވެހިން އުޅޭލެއް މަދު ކަމުގެ ޝަކުވާއެވެ. ހަމަގައިމުވެސް އެފަދަ މީހުންނަށް ޝުކޫރުގެ ސާޅީސް އަހަރުގެ ތަޖުރިބާއިން އިބްރަތްތަކެއް ހާސިލްވާނެކަން ޔަގީނެވެ. މިއީ ހަމަ ހަގީގަތުގައި މި މަސައްކަތުގެ ރަސްގެފާނެވެ.