ބޮލީވުޑްގައި ތިބި ކުޅަދާނަ ބަތަލުންގެ ތެރެއިން އަބަދުވެސް ތަފާތު ސިފަތައް ދައްކާލެވޭ ރޯލުތައް ކުޅޭ ތަރިއަކީ ސުޕަސްޓާ އާމިރް ޚާން އެވެ. އަބަދުވެސް ތަފާތު ރޯލު ތަކާއެކު އެކްސްޕެރިމަންޓް ކުރާ އާމިރް އަކީ އޭނާ ކުޅޭ ކޮންމެ ފިލްމެއް ވެސް ވަރަށް ފުރިހަމަ އަށް މޮޅަށް ކުޅޭ ތަރިއެކެވެ.
އާމިރް ގަބޫލުކުރާ ގޮތުގައި ކޮންމެ ތަރިއެއް ވެސް ތަފާތު ރޯލުތައް ކުޅެން ސިފަ އާއި ހަށިގަނޑަށް ބޮޑެތި ބަދަލުތައް ގެނައުމަކީ ލާޒިމު ކަމެކެވެ.
ކިތަންމެ ފަސޭހަ ކަމާއި އެކު ކިތަންމެ ފުރިހަމަ އަށް އާމިރް ހަށިގަނޑަށް ބަދަލު ގެނެސް ފިލްމުތައް ކުޅުނު ނަމަވެސް އާމިރްގެ ހިތުގައި އޮންނަ އެންމެ ބޮޑު ބިރަކީ އޭނާގެ މަޝްހޫރުކަން ގެއްލިދާނެ ކަމެވެ.
"އަހަރެން އިންކާރެއް ނުކުރާނަން މަޝްހޫރުކަން ގެއްލިދާނެތީ ބިރުނުގަނެއޭ ބުނާކަށް. އަހަރެން ވަރަށް ބިރުގަންނަ ކަމެއް އެއީ. "ޑަންގާލް" ވާހަކައިން އިންސްޕަޔާވެ އެ ފިލްމު ކުޅެން ހަށިގަނޑަށް އެހާ ބޮޑު ބަދަލެއް ގެންނަން ޖެހުމުން ވަރަށް ފަސްޖެހުނު. އޭގެ ކުރިން ރިލީޒްވި ދެ ފިލްމުގައި ހަށިގަނޑު ހުރީ ވަރަށް ސަޅިކޮށް، މީހުން އަހަރެންގެ ލުކް ބަލައިގަތް. ކުއްލި އަކަސް ފަލަ މީހަކަށްވުުމުން ފޭނުން ދެކޭނީ ކިހިނެއްހެން ހިތަށް އަރާ ބިރުގަތް،" ސިފަ އަށް ބަދަލުތަކެއް ގެނައުމުން މަގުބޫލުކަން ގެއްލިދާނެކަމުގެ ބިރު އޮތް ކަމަށް ބުނަމުން އާމިރް ބުންޏެވެ.
އާމިރްގެ ދެން އެންމެ އަވަހަށް ރިލީޒްވާ ފިލްމު "ސީކްރެޓް ސުޕަސްޓާ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަދައްކަމުން އިތުރަށް ބުނެފައިވަނީ "ޑަންގާލް" ގައި އޭނާ ކުޅުނު މަހާވީރް ޕޮގަތަށް ވުރެން އޭނާ ހަނގީ ތިން އަހަރު ކަމަށެވެ. ނަމަވެސް އޭނާ ބަލާބެލުމަށް ތިރީހުގެ އަހަރުތައް ގުނަމުންދާ ޒުވާނަކާ ވައްތަރުވާތީ އެ ފިލްމު ކުޅެން އެންމެ ފުރަތަމަ ނިންމީ ތަންކޮޅެއް މުސްކުޅި ވުމުން ކަމަށް ބުނެފަ އެވެ.
"އެކަމަކު ވެސް އަހަރެންނަކީ ވަރަށް ކްރިއޭޓިވް މީހަކަށް ވާތި ހިޔާލު ބަދަލުވީ. ވަގުތުން އެ ފިލްމު ކުޅެން ނިންމީ،"ސިފަ އަށް ބަދަލު ގެންނަން ޖެހުމުން ފަސްޖެހޭ ކަމަށް ބުނަމުން އާމިރް ބުނެފައިވެ އެވެ.
އާމިރް މިހާރު ކުޅެމުން އަންނަ "ތަގްސް އޮފް ހިންދުސްތާން" ގައި ވެސް އޭނާ ފެނިގެންދަނީ ވަރަށް ތަފާތު ސިފައެއްގަ އެވެ. އިސްތަށިގަނޑު ދިގުކޮށް ނޭފަތް ވެސް ވަނީ ތޮރުފާފަ އެވެ.