ބޮލީވުޑް

ސަންޖޭގެ އަންހެނުން ރަންބީރަށް ގުޅަނީ!

Oct 14, 2017

ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ، މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމަކީ އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރާ ފިލްމުތަކުގެ ތެރެއިން ބެލުންތެރިން އެންމެ އިންތިޒާރުކުރަމުން އަންނަ ފިލްމެވެ.

ސަންޖޭގެ ރޯލުން ރަންބީރު ކަޕޫރު ފެނިގެންދާ މި ފިލްމު ކުޅެން އޭނާ ވަނީ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. ސަންޖޭގެ ހަޔާތުގެ މުހިންމު ތިން އުމުރުފުރާ އަކުން ރަންބީރު ފެނިގެންދާނެ އެވެ.

ސަންޖޭ އާއި ރަންބީރުގެ ފޭނުން ކެތްތެރިކަމެއް ނެތި މި ފިލްމު ރިލީޒްކުރާނެ ދުވަހަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން އަޔަސް، މި ފިލްމާ މެދު އިންތިހާ އަށް ކަންބޮޑުވެގެން އުޅޭ މީހަކު އެބަ އުޅެ އެވެ. އެއީ ސަންޖޭގެ މިހާރުގެ އަންހެނުން މާނިޔަތާ ދަތެވެ.

ހަބަރުތައް ބުނާގޮތުން މާނިޔަތާ ކަންބޮޑުވެގެން އުޅެނީ އެ ފިލްމުގައި އޭނާގެ ރޯލު ގެނެސްދީފައިވާ ގޮތް ނޭނގޭތީވެ އެވެ. އަދި އޭނާގެ ރޯލަށް ފިލްމުގައި ކިހާ މުހިންމު ކަމެއް ދީފައިވާކަން ވެސް އޭނާގެ ރޯލު ބޮޑު ކުޑަމިނެއް ވެސް ނޭނގެ އެވެ. ފިލްމާ ގުޅޭ އެއްވެސް މައުލޫމާތެއް އޭނާ އަށް ނެނގޭތީ މާނިޔަތާ އަންނަނީ އެ މައުލޫމާތުތައް ހޯދަން އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ.

ބުނެވޭ ގޮތުގައި ފިލްމުގައި މާނިޔަތާގެ ރޯލާ ބެހޭގޮތުން އޭނާ އަށް އެއްވެސް އެއްޗެއް ހިރާނީ ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމާ ކަންބޮޑުވެ، މާނިޔަތާ އަންނަނީ އެ މައުލޫމާތުތައް ހޯދަން ރަންބީރަށް ކެނޑިނޭޅި ގުޅަމުންނެވެ.

"މާނިޔަތާ ފިލްމުގައި ދައްކާލާފައިވާ ގޮތް ނޭނގޭތީ އޭނާ ވަރަށް ހާސްވެފައި ހުރީ. ފިލްމުގައި އޭނާގެ ރޯލުގެ މައުލޫމާތުތައް ހޯދަން އަންނަނީ ރަންބީރަށް ވަރަށް ގުޅަމުން،" ފިލްމުގެ މީހަކު ނޫސްތަކަށް ބުނެފައިވެ އެވެ.

މި ފިލްމުގައި ސަންޖޭގެ ކެރިއަރުގެ ކުރީކޮޅު އޭނާއާ ލޯބީގެ ގޮތުން ގުޅުން އޮތް ބަތަލާއިންގެ ވާހަކަތައް ވެސް ފެނިގެންދާނެ އެވެ.

"ސަންޖޫ" ގެ ނަމުން ނަން ދީފައިވާ މި ފިލްމުގައި މާނިޔަތާގެ ރޯލުން ފެނިގެންދާނީ މަޝްހޫރު ބަތަލާ ދީއާ މިރްޒާ އެވެ.

އަތުގައި މަނާ ހަތިޔާރެއް ބޭއްވި މައްސަލައިގައި ކުށް ސާބިތުވެ ފަސް އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ސަންޖޭ ޖަލުން މިނިވަން ވެފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ޖަލުން މިނިވަންވި ފަހުން ސަންޖޭ ދީފައިވާ ވަރަށް ގިނަ އިންޓަވިއުތަކުގައި ވަނީ މާނިޔަތާ އަކީ އޭނާގެ ހަޔާތުގައި އެންމެ މުހިންމު މީހާ ކަމަށް ބުނެފަ އެވެ.

ދެހާސް ތިން ވަނަ އަހަރު ނިކުތް "ގަންގާޖަލް" ގެ އައިޓަމް ލަވައަކުން މަޝްހޫރުވި މާނިޔަތާ އޭގެކުރިން ވަނީ ބީ ގްރޭޑް ފިލްމުތައް ކުޅެފަ އެވެ. އޭނާ ފިލްމީ ކެރިއަރު ދޫކޮށްލީ ސަންޖޭއާ ދިމާވެ، ލޯބީގެ ގޮތުން ގުޅުނު ހިސާބުންނެވެ. ސަންޖޭ އާއި މާނިޔަތާ ކައިވެނިކޮށްފައިވަނީ 2008 ވަނަ އަހަރު އެވެ. އެ ދެމީހުންނަށް ވަނީ އެއްމާބަނޑު ދެ ކުދިން ވެސް ލިބިފަ އެވެ.