އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން، އައިފޯން 8 އާއި 8 ޕްލަސްގެ ޕްރިއޯޑާތައް މިއަދުން ފެށިގެން ދިރާގުން ނަގަން ފަށައިފި އެވެ.
ދިރާގުގެ ވެބްސައިޓުން އޮންލައިންކޮށް ފޯނަށް އޯޑަރު ކުރެވޭއިރު، ދެ ގޮތަކަށް ދިރާގުން ވަނީ މި ފޯން ވިއްކަން ނިންމައިފަ އެވެ. އެއީ 12 މަސް ދުވަހަށް ބަހާލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ ޕްލޭން އަކާއި އެއްކޮށް ފައިސާ ދައްކާފައި ފޯން ގަތުމެވެ.
އެގޮތުން އިންސްޓޯލްމަންޓް ޕްލޭނަށް ފޯން ނަގާއިރު ދައްކަން ޖެހެނީ، 2،999 ރުފިޔާ އެވެ. އަދި ހަ މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކަށް ފަސް ޖީބީ ޑޭޓާ މުޅިން ހިލޭ ދިރާގުން ދޭނެ އެވެ. އައިފޯން 8ގެ 64 ޖީބީގެ ފޯނަކަށް 999 ރުފިޔާ ދައްކަން ޖެހޭއިރު، 256 ޖީބީގެ ފޯނަކަށް މަހަކު ދައްކަން ޖެހެނީ 1،279 ރުފިޔާ އެވެ. އައިފޯން 8 ޕްލަސްގެ 64 ޖީބީ ފޯނަށް މަހަކު 1،179 ރުފިޔާ ދައްކަން ޖެހޭ އިރު، 256 ޖީބީގެ ފޯނަކަށް މަހަކު ދައްކަން ޖެހެނީ 1،449 ރުފިޔާ އެވެ.
އެކީ ފައިސާ ދައްކާފައި ފޯނު ނަގާ ނަމަ، އައިފޯން 8ގެ 64 ޖީބީ ވިއްކަނީ 14،899 ރުފިޔާއަށެވެ. އަދި 256 ޖީބީގެ ފޯނެއް ވިއްކަނީ 18،199 ރުފިޔާއަށެވެ. އައިފޯން 8 ޕްލަސްގެ 64 ޖީބީ 16،999 ރުފިޔާއަށް ވިއްކާއިރު 256 ޖީބީ ވިއްކަނީ 19،999 ރުފިޔާއަށެވެ. އެކީ ފައިސާ ދައްކާފައި ފޯން ގަތަސް، ދިރާގުން ހަ މަސްދުވަސް ވަންދެން ކޮންމެ މަހަކު ފަސް ޖީބީގެ ޑާޓާ ހިލޭ ދޭން ވަނީ ނިންމައިފަ އެވެ.
އައިފޯން 8 އާއި 8 ޕްލަސްގެ އެންމެ ފާހަގަކޮށްލެވޭ އެއް ފީޗާއަކީ މި ފޯނުގައި 12 މެގަޕިކްސެލްގެ ކެމެރާ އެވެ. އަދި މި ފޯނުން 4 ކޭ ކޮލިޓީގައި ވީޑިއޯ ވެސް ކޮށްލެވެ އެވެ. މީގެ އިތުރުން މި ފޯނަކީ ވަޔާލަސްކޮށް ވެސް ޗާޖްކޮށްލެވޭ ފޯނެކެވެ.
އައިފޯން ހަތަކަށް ވުރެ ހަލުވިކުރުމަށް ޓަކައި މި ފޯންގައި ވަރުގަދަ ޕްރޮސެސާ ވަނީ ބޭނުންކޮށްފަ އެވެ. އައިފޯން 8 އަދި 8 ޕްލަސް އުފައްދާފައި ވަނީ ސްޕޭސް ގްރޭ، ސިލްވާ އަދި ގޯލްޑް ކުލައިގަ އެވެ. މި ފޯނުގައި ބިއްލޫރި ކޭސިންގް އެއް ހިމެނިފައިވުމަކީ މިފޯނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ކަމެކެވެ.
އެޕަލް އިން އައިފޯން 8 އަދި 8 ޕްލަސްއާ އެކު އައިފޯން 10 ނޫނީ އެކްސް ވަނީ ބާޒާރަށް ނެރެފަ އެވެ. އައިފޯން 10ގެ ޕްރީއޯޑާތަށް އެޕަލްއިން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ގައެވެ. އަދި ދުނިޔޭގެ ބާޒާރުތަކަށް ފޯނު ނެރޭނީ އަންނަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެވެ.