ކުޅިވަރު

200 މީޓަރުން ވެސް އެއް ވަނަ ސާއިދަށް

Oct 14, 2017
1

މިހާރު ކުރިއަށްދާ، ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 200 މީޓަރުންވެސް އެއް ވަނަ ދުވުންތެރިޔާ، ދިވެހި ސިފައިންގެ ކުލަބުގެ ހަސަން ސާއިދު އެއް ވަނަ ހޯދައިފި އެވެ.

އޭނާ ވަނީ ބުރާސްފަތި ދުވަހު 100 މިޓަރުންވެސް އެއް ވަނަ ހޯދާފަ އެވެ. އިއްޔަ ހަވީރު ބޭއްވި 200 މީޓަރުގެ ފައިނަލުގައި ސާއިދު ރޭސް ނިންމީ، 23.16 ސިކުންތުން ނެވެ. މިއީ ޕްރިލިމިނަރީގައި އޭނާ ރޭސް ނިންމި ވަރަށް ވުރެ ހަ ސިކުންތު އަވަސް މިނެކެވެ.

ދުއިސައްތަ މީޓަރު ދުވުމުން ދެ ވަނަ ހޯދީ، ޒުވާން ދުވުންތެރިޔާ އައިލެންޑް ރަނާސް މޯލްޑިވްސްގެ މުހައްމަދު މުނާޒް އަލީ އެވެ. އޭނާ ރޭސް ނިންމީ 23.95 ސިކުންތުން ނެވެ. މުނާޒް ވަނީ ޕްރިލިމިނަރީ ބުރުގެ އެއް ވަނަ ހޯދާފަ އެވެ. ޕްރލިމިނަރީ ބުރުގެ ރޭސް އޭނާ ނިންމީ، 26.17 ސިކުންތުން ނެވެ. ތިން ވަނަ ހޯދީ، 24.30 ސިކުންތުން ރޭސް ނިންމި، ދިވެހި ސިފައިންގެ ކުލަބުގެ ހުސައިން ރިޒާ އެވެ

ފިރިހެނުންގެ 100 މީޓަރު އިވެންޓްގައި ސާއިދުއާ އެންމެ ގާތުން ވާދަ ކުރީ ޓްރެކް ފީލްޑްގެ ޝަރީޝް އަހްމަދެވެ. ސާއިދު އެއް ވަނައިގައި ރޭސް ނިންމީ، 11.18 ސިކުންތުން ނެވެ. ޝަރީޝް ރޭސް ނިންމީ، 11.42 ސިކުންތުން ނެވެ. ސަތޭކަ މީޓަރުގެ ފައިނަލުގައި މުނާޒް ވަނީ ރަނގަޅު ވާދައެއް ކޯށްފަ އެވެ. އޭނާ، 11.68 ސިކުންތުން ރޭސް ނިންމައިގެން ހޯދީ ތިން ވަނަ އެވެ. އައިލެންޑް ރަނާސް މޯލްޑިވްސްގެ ނުޖޫމް ހަސަން ވެސް ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ. ހަތަރު ވަނައިގައި އޭނާ ރޭސް ނިންމީ، 11.78 ސިކުންތުން ނެވެ.

މިފަހަރުގެ މުބާރާތުގައި ނޭޕާލްގެ ދުވުންތެރިންވެސް ވާދަ ކުރެ އެވެ. އެގޮތުން އައިލެންޑް ރަނާސް މޯލްޑިވްސްގެ ލަލްބަހާދުރު ތަޕާ ވަނީ ރާއްޖޭގެ ދުވުންތެރިން ކަމަށްވާ، ޒައިދު ޝަރީފް އާއި ހުސައިން ފަޒީލް ހާރޫން އާ ވަދަކޮށް، 5000 މީޓަރުން އެއް ވަނަ ހޯދާފަ އެވެ. ލަލްބަހާދުރު 5000 މީޓަރުގެ ރޭސް ނިންމީ 15:50.44 ން ނެވެ. ދެ ވަނައިގައި ޒައިދު ރޭސް ނިންމީ، 16:40.00 ން ނެވެ. ތިން ވަނައިގައި ފަޒީލް ރޭސް ނިންމީ 17:32.87 ން ނެވެ.

ދިހަ ހާސް މިޓަރުގެ ދުވުމުގައިވެސް، ޒައިދު އާއި ފަޒީލް އާ ވާދަ ކުރީ، ލަލްބަހާދުރު އެވެ. ދިހަ ހާސް މިޓަރުގެ ރޭހުން އޭނާ އެއް ވަނަ، 33:48.60 ން ނިންމައިގެން ނެވެ. މިފަހަރުވެސް ޒައިދު އަށް ނިންމުނީ ދެ ވަނައިގަ އެވެ. އޭނާ ރޭސް ނިންމީ 35:01.70 ން ނެވެ. ފަޒީލް ތިން ވަނައިގައި އެ ރޭސް ނިންމީ، 36:28.19 ން ނެވެ.