ކުޅިވަރު

ދެވަނަ ބުރުގެ ފުރަތަމަ މެޗު މާޒިޔާ ކާމިޔާބުކޮށްފި

Oct 15, 2017

ދ.ކުޑަހުވަދޫއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ބައްދަލުކރި ފުރަތަމަ މެޗު މާޒިޔާ ކާމިޔާބުކޮށްފިއެވެ. ކުޑަހުވަދޫގެ ޑިފެންސިވް ކުޅުމާއެކު މާޒިޔާއަށް ހުރަސްތަކެއް ކުރިމަތިވި ނަމަވެސް ދެވަނަ ހާފްގައި ކާމިޔާބުކުރި ގޯލްތަކާއެކު މާޒިޔާ އެއްވަނަ މަގާމަށް ޖެހިލައިފި އެވެ.

ޓީސީއާއި މާޒިޔާ 19 ޕޮއިންޓް ހަމަކޮށްފައިވާއިރު މާޒިޔާއަށް އެއްވަނަ މަގާމު ލިބެނީ ލަނޑުގެ ތަފާތުންނެވެ. ދެވަނައިގައި ޓީސީ އޮތްއިރު ތިންވަނައިގައި މެޗެއް މަދުކޮށް ކުޅުގެން އޮތީ ނިއު ރޭޑިއަންޓެވެ. މިއަދު އެޓީމު މިލަންދޫގެ މައްޗަށް ކުރިހޯދައިފިނަމ އެއްވަނަ މަގާމަށް އެޓީމު އަރާނެއެވެ. ކުޑަހުވަދޫ އޮތީ ލީގުގެ ފުލުގައި އެންމެ ޕޮއިންޓަކާއެކު އެވެ.

މެޗުގެ 3 ލަނޑުވެސް ފެނިގެން ދިޔައީ މެޗުގެ ފަހު 15 މިނިޓުގެ ތެރޭގައެވެ. އުމައިރު ދެގޯލް ޖަހައިދިންއިރު އަނެއް ގޯލް ކާމިޔާބުކުރީ އިސްމާއިލް އީސާ (މެސީ) އެވެ. 75 ވަނަ މިނިޓުގައި ޕެނެލްޓިއަކުން މުހައްމަދު އުމެއިރު ކާމިޔާބުރިއެވެ. އަދި 85 ވަނަ މިނިޓުގައި އުމައިރު މާޒިޔާގެ ލީޑު ފުޅާކޮށްދިނެވެ. އޭގެ ތިން މިނިތު ފަހުން އީސާ މެޗުގެ ފަހު ގޯލް ކާމިޔާބުކުރިއެވެ.

ރަނގަޅަށް ކުޅެ މެޗަށް ނިކުތްއިރު ހާސިލް ކުރަން ބޭނުންވި ޓާގެޓު ހާސިލް ވުމުން އުފާވާކަމަށާއި އަދި މާޒިޔާއިން މެޗުގައި ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭކަމަށްވެސް މަރިޔާން ސެކުލޮސްކީ ވަނީ ބުނެފައެވެ.

ކުޑަހުވަދޫ ކޯޗު މުހައްމަދް ސިޔާޒް (މޯހަން) ބުނެފައިވަނީ ޕެނެލްޓިއާއި ހަމައަށް އޭނާގެ ޓީމުން ރަނގަޅަށް ކުޅެމުން އައި ކަމަށާއި ނަމަވެސް ޕެނެލްޓިއާއި ހިސާބުން ކުޅުންތެރިންގެ ހިތްވަރު އެލިގެންދިޔައީ ކަމަށެވެ. އަދި ވަރުބަލި ކަމުގެ މައްސަލަވެސް އޭނާގެ ޓީމަށް ދިމާވިކަމަށެވެ.