ލައިފްސްޓައިލް

ފެން ބިލު މިހާރު މިއޮތީ "ކުޑަ" ކޮށްލާފައި!

Oct 15, 2017
12

އަބަދުވެސް ދައްކާ ވާހަކަ އަކީ ދުވަހެއް ދުވަހަކަށް ގޭގެ ފެން ބިލު ބޮޑުވާ ވާހަކަ އެވެ. ކިތަންމެ ހަރަދަށް ބަލައިގެން އުޅުނަސް މި ފެންބިލެއް ކުޑަ ނުވާ ވާހަކަ އެވެ. މަދު ފަހަރެއްގައި ނޫނީ ހުރިހާ މަހެއްގައިވެސް ބިލު އަންނަނީ ބޮޑުވަމުންނެވެ.

އެހެން ނަމަވެސް މިދިޔަ މަހުން ފެށިގެން މިއޮތީ ފެން ބިލު "ކުޑަ" ވެފަ އެވެ. ތި ހީކުރާ ގޮތަކަށް ނޫނެވެ. ބިލުގެ އަގު އެއްގޮތަކަށްވެސް ކުޑަވީ އެއް ނޫނެވެ. ބިލު ކަރުދާސްކޮޅު ކުޑަވީ އެވެ. އެތައް ގުނަ އެކެވެ.

ކޮންމެ މަހަކު އެއް ފަހަރު ނިދާ ހޭލައިގެން ގޭގެ ދޮރު ހުޅުވާއިރު އޮންނަ ބޮޑު ގަނޑެއް މިފަހަރު ނެތެވެ. ފެން ބިލު ނައިސްގެން އެކަމާ ހުރީ ސުވާލުވެސް އުފެދިފަ އެވެ. އޭގެ ބަދަލުގައި އޮތީ ހިމަ ދިގުކޮށް އޮތް ގަނޑުކޮޅެކެވެ. ފެން ބިލެއް ހެން ހީވެސް ނުވެ އެވެ. ހީވަނީ ފިހާރައަކުން އެއްޗެހި ގަތުމުން ދީފައިވާ ރިސިޕްޓް ކޮޕީއެއް ނުވަތަ ރެސްޓޯރެންޓެއްގެ ބިލު ހެންނެވެ.

"އެންމެ ފުރަތަމަ ދޮރު ދަށުން ފެނުނީ، އާންމުކޮށް ފެން ބިލާއި ކަރަންޓު ބިލުވެސް އޮންނާނީ ދޮރުގެ ދަށުން ފޮނުވާލާފައި، އެގޮތަށް އޮތީ، ހީކުރީ ގޭގެ ކޮންމެސް މީހަކު އެއްޗެހިތަކެއް ގަނެގެން އައިސްގެން އޭގައި އޮތް ރިސިޕްޓްކޮޅު ވެއްޓިފައި ކަމަށް، އެހެންވެ އެހާބޮޑަށް ނުއެއް ބަލަން، އައިސް އަލަމާރި މަތީ ބާއްވާލި ގޮތަށް އޮތީ، ދެން ފެން ބިލު ނައިސްގެން ގޭގެ ވެރިންނަށް ގުޅީމަ ބުނި ބިލު ގެންދިޔައިމޭ އެހެންޏާވެސް ގޮތަށް ދޮރު ދަށުން ފޮނުވީމޭ، ހިމަ ދިގުކޮށް އޮތް ކަރުދާސްކޮޅެކޭ، ދެން ހަނދައިންވެގެން ގޮސް ބެލިއިރު ފެން ބިލު،"

"ވަރަށް ހިނި އައި ފަހުން، ފެން ބިލު އެހާ ކުޑަކޮށް އޮވެދާނެ ކަމަށް ހިއެއް ނުކުރާނެއް ނުން ދޯ، އެކަމަކު މިހާރު ވަރަށް ފަސޭހަ، އަހަރުން ބަހައްޓަން ވިއްޔަ ބިލުތައް، ގެންގުޅެން ދެން ފަސޭހަ ވާނެތާ،" ފެން ބިލު ކުޑަކޮށް އައުމުން އެވާހަކަ ހިއްސާ ކުރަމުން މީހަކު ބުންޏެވެ.

ފެން ބިލުގެ ސައިޒު ކުޑަވި ނަމަވެސް ބިލަށް ބަދަލެއް ނާންނާނެ އެވެ. ބިލުގެ އަގު ކުޑަކުރަން ބޭނުންނަމަ އޮތް ގޮތަކީ ފެން ބޭނުންކުރާ މިންވަރު ވީހާވެސް މަދުކޮށް ހަރަދު ކުޑަކޮށްލުމެވެ. އެ ނޫން ގޮތަކަށް ފެން ބިލު ކުޑައެއް ނުވާނެ އެވެ.

ފެން ކުންފުނި އެމްޑަބްލިއުއެސްސީ އިން ބިލުގެ ސައިޒަށް މިގެނައި ބަދަލަކީ ރަނގަޅު ބަދަލެއް ކަމަށް ގިނަ މީހުން ބުނެ އެވެ. ބަލަން ފަސޭހަ ވެފައި ބިލް ތައްޔާރު ކުރުމުގެ ހަރަދުވެސް ކުޑައެއް ނޫން ހެއްޔެވެ؟ އެހާކުޑަ ކަރުދާސްކޮޅަކުންވެސް ބިލު ފޮނުވޭނަމަ އޭފޯ ސައިޒު ގަނޑެއްހާ ވަރުގެ ބޮޑު ބިލެއް ޕްރިންޓުކޮށްފައި ފޮނުވުމުގެ ބޭނުމެއް ނެތެވެ. މިހެން ހެދުމަކީ ތިމާވެއްޓާ ވެސް ރަށްޓެހި ކަރުދާސް ސަލާމަތްކޮށްދޭނެ ކަމެކެވެ.