ކުޅިވަރު

އެތްލެޓިކްސްގެ އެއްވަނަ 12 ވަނަ ފަހަރަށް ޑީއެސްސީއަށް

Oct 15, 2017

ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފިރިހެން އެއް ވަނަ ޓީމުގެ މަގާމު ޖެހިޖެހިގެން 12 ވަނަ ފަހަރަށް ދިވެހި ސިފައިންގެ ކުލަބު ޑީއެސްސީ އިން ހޯދައިފި އެވެ. އަންހެން އެއް ވަނަ ޓީމަކީ، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އެވެ.

ޑީއެސްސީން ވަނީ 2005 ވަނަ އަހަރުން ފެށިގެން ގައުމީ އެތުލެޓިކްސް ޗެމްޕިއަންކަން ހޯދަމުން ނެވެ. މިއަހަރުގެ މުބާރާތުގައި، އެ ޓީމުން ވަނީ 68 ޕޮއިންޓް ހޯދާފަ އެވެ. ދެ ވަނަ ހޯދީ، އައިލެންޑް ރަނާސް މޯލްޑިވްސް އެވެ. އެޓީމުން ދެ ވަނަ މަގާމު ހޯދީ 59 ޕޮއިންޓް ހޯދައިގެން ނެވެ. އަންހެން ބައިގެ ދެ ވަނަ މާގަމު ހޯދީވެސް އެ ޓީމުން ނެވެ.

ފިރިހެން ތިން ވަނަ ޓީމަކީ، ޓްރެކް ފީލްޑް އެސޯސިއޭޝަން އެވެ. އެ ޓީމަށް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. ފިރިހެން ކެޓަގަރީގައި ޓީމުތައް ވާދަ ކުރީ އަންހެން ކެޓަގެރީއަށް ވުރެ މަދުން ނެވެ. މުޅި މުބާރާޓުގައިވެސް އެންމެ ވާދަ ވެރިކޮށް ދިޔައީ އަންހެން އެތުލީޓުންގެ އިވެންޓްތަކެވެ.

ވާދަވެރިކަން ބޮޑުވި، އަންހެން ބައިގެ އެއް ވަނަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ހޯދީ، ޖުމުލަ 56 ޕޮއިންޓް ހޯދައިގެން ނެވެ. ދެ ވަނަ ހޯދި، އައިލެންޑް ރަނާސް މޯލްޑިވްސް އަށް ލިބިފައި ވަނީ، 29 ޕޮއިންޓެވެ. ތިން ވަނަ ލިބުނީ 27 ޕޮއިންޓް ހޯދި، ޑީއެސްސީ އެވެ.

ވެޓަރެންސް ކެޓަގަރީގެ ފިރިހެން ބައިގެ އެއް ވަނަ ޓީމަކީ، ޓްރެކް އެންޑް ފީލްޑެވެ. ދެ ވަނަ ޓީމަކީ މޭޑް ރަނާސް އެވެ. ތިން ވަނަ ޓީމަކީ، ކޭއެޗް ސްޕޯޓްސް އެސޯސިއޭޝަން އެވެ. އެ ކެޓަގަރީގެ އަންހެން ބައިގެ އެއް ވަނަ ހޯދީ، ކަސްޓަމް ރެކްރިއޭޝަން ކުލަބެވެ. ދެވަނަ ހޯދީ އައިލެންޑް ރަނާސް މޯލްޑިވްސް އެވެ.

މުބާރާތުގެ އެއް ވަނަ އެތުލީޓުންގެ މަގާމު ހޯދީ، އައިލެންޑް ރަނާސް މޯލްޑިވްސްއިން ވާދަ ކުރި ނޭޕާލްގެ ދެ އެތުލީޓުން ނެވެ. ފިރިހެން އެއް ވަނަ އެތުލީޓްގެ މަގާމު ހޯދީ، ލާލް ބަހާދުރު ތާޕާ އެވެ. އޭނާ ވަނީ 1500 މީޓަރާއި 5000 މީޓަރު އަދި 10000 މީޓަރުން ރަން މެޑަލް ހޯދާފަ އެވެ.

އެއް ވަނަ އެންހެން އެތުލީޓަކީ، ނޭޕާލްގެ ސަރަސްވަތީ އެވެ. އޭނާ ވަނީ، 800 މީޓަރު، 1500 މީޓަރު، އަދި 5000 މީޓަރުން ރަން މެޑަލް ހޯދާފަ އެވެ.