ކުޅިވަރު

އިމްރާނާއި ފައިސަލަށްވެސް އޮތީ މަގާމަށް ވާދަކުރުން

Oct 15, 2017
1

ނިއުރޭޑިއަންޓަށް ކުޅެމުންދާ، ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް އާއި ރާއްޖޭގެ އެއް ވަނަ ކީޕަރު އިމްރާން މުހައްމަދަށް ވެސް އޮތީ ނިއުގެ އެއް ވަނަ ކީޕަރަށް ވުމަށް ވާދަ ކުރުން ކަމަށް، ނިއުގެ ކޯޗް އޮސްކާ ބުރުޒޮން ބުނެފި އެވެ.

ފުރަތަމަ ބުރުގެ ފަހު މެޗުގައި، ތިނަދޫއާ ދެކޮޅަށް، ނިއު ކުޅުނު މެޗުގައި ނިއުގެ ގޯލް ބެލެހެއްޓީ، އިމްރާން އެވެ. ފައިސަލް ހުރީ ދެ ވަނަ ކީޕަރަކަށެވެ. އިމްރާން، ދިވެހި ލީގްގައި ކުޅެން ފެށީ، މާލޭ ލީގްގައި އޭނާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ދުވަސްތަކެއް ހޭދަ ކުރުމަށްފަހު އެވެ.

އަނިޔާއިން ރަނގަޅުވެ، އިމްރާން ވެސް އަލުން ކުޅުމުގެ ތެރެއަށް އައުމާއި، ގައުމީ ޓީމުގެ މިހާރުގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް ވެސް ހުރުމުން، އޭނާގެ އެއް ވަނަ ކީޕަރަކަށް ވާނީ ކޮން ކީޕަރެއްތޯ ސްޕެއިންގެ ބުރުޒޮން އާ ސުވާލު ކުރުމުން، އޭނާ ބުނީ ކީޕަރުންނަށް ވެސް އޮތީ އެއް ވަނަ ކީޕަރަކަށް ވާދަ ކުރުން ކަމަށެވެ.

"އެހެން މަގާމުތަކަށް ކުޅޭ ކުޅުންތެރިން ފުރަތަމަ 11 އަށް ވާދަ ކުރާ ފަދައިން ކީޕަރުންނަށް ވެސް އޮތީ އެ މަގާމަށް ވާދަ ކުރުން،" ބުރުޒޮން ބުންޏެވެ. "ޕްރެކްޓިހުގައި އޭރެއްގައި އެންމެ ރަނގަޅަށް ނަތީޖާ ދައްކާ ކީޕަރެއް އޭރެއްގެ ފުރަތަމަ 11 ގައި ވާދަ ކުރާނީ."

އަދި އޭނާ ބުނީ އެހެން މަގާމުތަކަށް ކުޅޭ ކުޅުންތެރިން ރޮޓޭޓް ކުރާ އުސޫލުން ކީޕަރުންވެސް އޭނާ ރޮޓޭޓް ކުރާނެ ކަމަށެވެ.

ފައިސަލް ނިއުއާ ގުޅުނީ، މާލޭ ލީގަށް ފަހު އެވެ. އޭގެ ކުރިން، އޭނާ ހުރީ ވެލެންސިއާގެ އެއް ވަނަ ކީޕަރުގެ ގޮތުގަ އެވެ. ނަމަވެސް ވެލެންސިއާ އަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ނުލިބުމުން އޭނާ ގެންދަށް ނިއުއިން ހުށަހެޅުމުން، ފައިސަލް ނިއު އަށް ދޫކޮށްލަން ވެލެންސިއާގެ މެނޭޖްމެންޓުން ނިންމީ އެވެ.

އިމްރާން، ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން، ގައުމީ ޓީމުގެ އެއް ވަނަ ކީޕަރަކީ ފައިސަލް އެވެ. މިދިޔަ ހަފުތާގައި އޮމާންއާ ދެކޮޅަށް ކުޅުނު މެޗުގައި ފައިސަލް ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ. ނިއުގެ ތިން ވަނަ ކީޕަރަކީ، އަބްދުﷲ ޒިޔަޒަން އެވެ.