ކުޅިވަރު

އަލީ ފާސިރުގެ ހެޓްރިކާއެކު ނިއު އެއްވަނައަށް

Oct 15, 2017
1

އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރި ހެޓްރިކާއެކު ނިއު ރޭޑިއަންޓްއިން ށ.މިލަންދޫގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ތާވަލުގެ އެއްވަނަ މަގާމަށް އަލުން ޖެހިލައިފިއެވެ. ނިއު ރޭޑިއަންޓު މިމެޗު ކާމިޔާބުކުރީ 1-7 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މިއަދުގެ މޮޅާއެކު ނިއު ރޭޑިއަންޓު އެއްވަނަ މަގާމަށް ޖެހިލާފައިވަނީ 21 ޕޮއިންޓާއެކުއެވެ. 2 ވަނަ އަދި 3 ވަނަ މަގާމުގައި 19 ޕޮއިްނޓާއެކު އޮތީ މާޒިޔާ އަދި ޓީސީ އެވެ.

އަނިޔާގެ ސަބަބުން ގައުމީ ޓީމާއި އޮމާން ބައްދަލުކުރި މެޗުގައި ކުޅެފައިނުވާ އަލީ އަޝްފާގް ވަނީ މިއަދުގެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ. މިލަންދޫ ޓީމުން ފުރަތަމަ ބުރުގައި މޮޅު ކުޅުމެއް ދެއްކި އިޝާން އިބްރާހިމް (ސައްޓު) ވަނީ ފުރަތަމަ 11 އިން މިލަދޫއަށް ކުޅެފަ އެވެ.

މެޗު ފަށައިގެން ދެޓީމަށްވެސް ގިނި ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މިލަންދޫއަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ކީޕަރު އިމްރާ ވަނީ އެހަމަލާތައް ދިފާއުކޯށްފައެވެ. ނިއުގެ ސްޕެއިން ފޯވާޑް ގަލާޑޯއާއި ސެންޓޭއަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެންދިޔަ އެވެ.

މެޗުގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ މެޗުގެ 27 ވަނަ މިނިޓުގައެވެ. ސެންޓޭ ބޯޅަ ހިފިއިގެންގޮސް އޭރިޔާ ތެރެއައްވަދެ އޭނާ ވަނީ ބޯޅަ ގޯލްގެ ކަނަށް ފޮނުވާލާފައެވެ. މިގޯލަށް ފަހުވެސް ނިއުއަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެގެންދިޔައެވެ. ނަތީޖާއަކަށްވީ މިލަންދޫއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ.

ނިއު ރޭޑިއަންޓުގެ ޑިފެންސް ލައިނުގައި ހެދުނު ގޯހަކު މިލަންދޫއަށް ގޯލް ކާމިޔާބުކޮށްދިނީ އާދަމް އިމްރާންއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ނިއުއިން އަލުން ލީޑު ނެގިއެވެ. މިލަނޑުވެސް އޭރިޔާ ތެރެއިން ގޯލްގެ ދުރުކަނަށް ފޮނުވާލައިގެން ކާމިޔާބުކުރީ ސެންޓޭ އެވެ.

ދެވަނަ ހާފްގައި ކުޅެންނިކުތް ދަގަނޑޭ ދިން ބޯޅައަކުން އެޑްރިއަން ގަލާޑޯ ގޯލެއް ކާމިޔާބުކުރިއެވެ. އަދި 61 ވަނަ މިނިޓުގައި ދަގަނޑޭ އޭނާގެ ފުރަތަމަ ގޯލް ކާމިޔާބުކުރިއެވެ. އޭރިޔާ ތެރެއަށް ވަދެ ސެންޓޭ ދިން ބޯޅަ ދަގަނޑޭ ވަނީ ގޯލްގެ މަތީ ދާގަނޑަށް ފޮނުވާލާފަ އެވެ.

73 ވަނަ މިނިޓުގައި ނިއުގެ ފަސްވަނަ ގޯލް ގަލާޑޯ ކާމިޔާބުކުރިއެވެ. ރިލްވާން ވަހީދު (ރިލޭ) އޭރިއާ ތެރެއަށް މަތިން ފޮނުވާލި ބޯޅަ ގަލާޑޯ ވަނީ މިލަންދޫ ކުޅުންތެރިއާ ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.

77 ވަނަ މިނިޓުގައި ދަގަނޑޭ ނިއުގެ 6 ވަނަ ލަނޑު އަލީ ފާސިރު ނަގައިދިން ހުރަހަކުން ގޯލްގެ ތެރެއަށް ވައްދާލިއެވެ. ނިއުގެ ފަހު ގޯލާއެކު ސެންޓޭގެ ހެޓްރިކް އޭނާ ކާމިޔާބުކުރީ 86 ވަނަ މިނިޓުގައެވެ. ސެންޓޭ މިލަނޑު ކާމިޔާބުކުރީ މިލަންދޫ ކީޕަރު ކުޑަ އިންމަ ކަޓުވާލުމަށްފަހު އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މިލަންދޫގެ ކޯޗު މުހައްމަދު ނާސިރު ބުނީ މެޗުގެ ނަތީޖާ މިހާ ތަފާތު ބޮޑުވުމުން އުނދަގޫތަކެއް ކުރިމަތި ވެއްޖެކަމަށެވެ.

ނިއުގެ ކޯޗު އޮސްކާ ބްރުޒޯން ވަނީ މިލަންދޫގެ ކުޅުމަށް ތައުރީފު ކޮށްފައެވެ. އަދި މެޗަށް ނިކުތްއިރު އެއްވަނަ ގެއްލިފައި އޮތުމުން އެއީ ޕްރެޝަރެއްގެ ގޮތުގައި ނުދެކޭ ކަމައްވެސް ބުނެފައެވެ. ނިއުގެ ފޯކަސް އޮތީ ދެންއޮތް މެޗުތަކުން މޮޅުވާން ކަމަށާއި އެއްވެސް މެޗެއް ދައްކޮށް ކުޅެގެން ލީގެއް ނުލިބޭނެކަމަށް އޮސްކާ ބުންޏެވެ.