ކުޅިވަރު

މާޅޮސް އަތްދަށުވެ ގްރީންއަށް އުނދަގޫ ފެށުމެއް

Oct 16, 2017

އއ. މާޅޮސް ޓީމު އަތުން 2-1 ގެ ނަތީޖާ އަކުން ބަލިވެ، ގްރީން ސްޓްރީޓުން އުނދަގޫ ފެށުމަކުން، ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ބުރު ފަށައިފި އެވެ.

މާޅޮސްގެ މޮޅާ އެކު، މިއީ ލީގްގައި އެ ޓީމުން ހޯދި ފުރަތަމަ މޮޅެވެ. ފުރަތަމަ ބުރުގައި، އެ ޓީމުން ވަނީ ދެ މެޗު އެއްވަރު ކޮށް ދެ ޕޮއިންޓް ހޯދާފަ އެވެ. އެ ޓީމުން ދެ ޕޮއިންޓް ހޯދީ، ދ. ކުޑަހުވަދޫ އާއި ށ. މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ކޮށްގެން ނެވެ. އެ ދެ މެޗުވެސް އެ ޓީމު ކާމިޔާބު ކުރީ 2-2 ން ނެވެ.

ގްރީންގެ މެޗުގައި، ފުރަތަމަ ލީޑް ނެގީވެސް، މާޅޮސް އިން ނެވެ. މެޗުގެ 12 ވަނަ މިނެޓްގައި، ގްރީންގެ ޑިފެންސަށް ހެދުނު މިސްޓޭކެއްގައި، އެންހަލް ކަރެސްކޯސާ މުނޯޒް ވަނީ މާޅޮސް އަށް ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ގްރީންގެ ހާފުގެ މެދެއްހާ ހިސާބުން މާޅޮސްގެ އަލީ ވަސީމް، މަތިން މުނޯޒް އަށް ދިން ބޯޅަ ދިފާއު ކުރަން ގްރީންގެ ޑިފެންޑަރު ޝާފިއު އަހްމަދު (ޝާފީ) މަސައްކަތް ކުރި ނަމަވެސް، ޝާފީ ބޯޅައަށް ޗާޖް ކުރުމުގެ ކުރިން، ވައިގެ ތެރޭގައި އޮއްވައި މުނޯޒް ވަނީ ގްރީންގެ ކީޕަރު ޖޫން ކޮޗީ ބޯމަތިން އޮއްސާލައި ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

ލަނޑުގެ ކުރިން ވެސް، މުނޯޒް އަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިފަ އެވެ. މި ދިޔަ ސީޒަންގައި ކުލަބު ވެލެންސިއާ އަށް ކުޅުނު މުނޯޒް ވަނީ މާޅޮހުން އުފެއްދި ހަމަލާތަކުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ގްރީންގެ ފަހަތަށް މާޅޮހުން ބާރު ބޮޑު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔަކީވެސް މުނޯޒް އެވެ.

މެޗުގެ 20 ވަނަ މިނެޓްގައި، ގްރީންއިން ނަތީޖާ ހަމަހަމަ ކުރީ، މުހައްމަދު ނަޒާމް އެވެ. މާޅޮސްގެ ޕެނަލްޓީ އޭރިއާ ބޭރުން، ގްރީން އަށް ލިބުނު ހިލޭ ޖެހުން ސޯބްލް އިލިއާ ފޮނުވާލުމުން، މާލޮސްގެ ކީޕަރު އިބްރާހިމް ޒަމީރު ކޯނަރަކަށް ބޭރުވާ ގޮތަށް ބޯޅަ ޕަންޗު ކޮށްލުމަށްފަހު ދުރަށް ފޮނުވާލި އެވެ. ނަމަވެސް އެ ބޯޅަ ބޭރުވުމުގެ ކުރިން ގްރީންގެ ކުޅުންތެރިން ވަނީ، ލައިން މަތިން ދިފާއު ކޮށް، އަރިމަތީގައި ހުރި މުހްތާރު ނަސީރު (ޓޫކިލޯ) އަށް ދީފަ އެވެ. އޭނާ، ގޯލް ކުރިމައްޗަށް ހުރަސް ކުރި ބޯޅަ ނަޒާމް ފައިން ކޮށްލުމަށްފަހު ގޯލް ތެރެއަށް ފޮނުވާލީ ގޯލް ލައިން ކައިރީގައި ހުރެފަ އެވެ.

ގްރީންގެ ގޯލަށް ފަހު، މާޅޮސްއިން ވަނީ މެޗުގެ 25 ވަނަ މިނެޓްގައި ގޯލް ޖެހުމަށް ފުރުސަތެއް ތަނަވަސް ކޮށްފަ އެވެ. އޭރިއާ ބޭރުން މުނޯޒް އާއި ވަސީމްގެ ކޮމްބިނޭޝަން ބޭނުންކޮށްގެން، މުނޯޒް، ވަސީމް އަށް ބޯޅަ ދިނީ ގްރީންގެ ޑިފެންޑަރުގެ ތެރެއިން ނެވެ. ތިރި ތިރިން ވަސީމް ފޮނުވާލި ބޯޅަ ޑައިވް ކޮށް ގްރީންގެ ކީޕަރު ކޮޗީ ވަނީ ސޭވް ކޮށްފަ އެވެ.

އޭގެ ފަހުން މެޗުގެ 28 ވަނަ މިނެޓްގައި، އިލިއާ ވަނީ، ގްރީންގެ ކެޕްޓަން ފަރުހާދު އިސްމާއީލް (ފަރޭ) އަށް ބޯޅަ ނަގައިދީފަ އެވެ. ނަމަވެސް އޭރިއާ ތެރެއިން ފަރޭ ފޮނުވަލި ބޯޅަ، މާލޮސްގެ ކީޕަރު ޒަމީރު ދިފާއު ކުރީ އެވެ.

މެޗުގެ 38 ވަނަ މިނެޓްގައި، ޓޫކިލޯއަށް އިލިއާ ވަނީ ބޯޅައެއް ތަނަވަސް ކޮށްދީފަ އެވެ. ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުރެފައި، ޓޫކިލޯ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ޓޫކިލޯ ވެސް ވަނީ ފަރޭ އަށް ރަނުގެ ފުރުސަތެއް ތަނަވަސް ކޮށްފަ އެވެ. ގޯލް އަރިމަތިން ޓޫކިލޯ ހުރަސް ކުރި ބޯޅަ ޖަހަން ފަރޭއަށް ފުރުސަތު ލިބުނު ނަމަވެސް އެ ބޯޅަ އޭނާގެ ކޮންޓްރޯލްގެ ދަށަށް ނުގެނެވުމުން ބޯޅަ އޭނާގެ ފައިގައި ޖެހިފައި ދީފައި ބޭރަށެވެ.

މާޅޮސް މެޗުން މޮޅުވި ލަނޑު ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ، މުނޯޒް އެވެ. އެ ޕެނަލްޓީ އަކީ އޭނާ އަށް ގްރީންގެ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ކޮވަލްޗުކް ޕެޓްރޯ، ފައުލް ކުރުމުން ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީގައި ގްރީންގެ ކީޕަރު ކޯޗީ ޑައިވް ކުރީ ހުޅަނގު ފަރާތަށް ވާ ގޮތަށްވެ. މުނޯޒް ޕެނަލްޓީ ފޮނުވާލީ ގޯލްގެ އިރުމަތީ ފަރާތު ކަނަށެވެ.

މެޗު މާޅޮސް ލީޑްގައި އޮތުމުން، އެ ޓީމުގެ ކުޅުންތެރިން ވަނީ ލަސް ކުރުމުގެ އުކުޅު ބޭނުން ކޮށްފަ އެވެ. އެގޮތުން ކައިރިކައިރީގައި އެ ޓީމުގެ ކުޅުންތެރިންނަށް ދަނޑު މަތީގައި ފަރުވާ ދޭޏް އެހީ ތެރިން އަރަން ޖެހިފައި ވެއެވެ.