ހަބަރު

ފްލެޓަށް ފައިސާ ދެއްކިތާ ހަތް އަހަރު: އަދިވެސް ހުސްއަތާ!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގުޅިފަޅުން ފްލެޓް ގަތް ފަރާތްތަކަށް ހުޅުމާލެއިން ފްލެޓް ދިނުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވައި، ލިޔުން ހަވާލުކޮށްފައިވީ ނަމަވެސް އަދިވެސް ފްލެޓުތައް ލިބުން ލަސްވާތީ އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ގުޅިފަޅަކީ 2010 ވަނަ އަހަރު އިންޑިއާގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޑީޕީ) ކުންފުންޏާއި ހަވާލުކޮށްގެން ހިއްކާ، މީހުން ދިރުއުޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުން ނިންމެވި ރަށެކެވެ.

އެ ފަޅުގެ ބައެއް ހިއްކުމަށް ފަހު އޭރު ފްލެޓުތައް ދޭން ނިންމުމާ ގުޅިގެން 158 މީހަކު ފްލެޓުތަކަށް ފައިސާ ދައްކާ ނިންމާފަައި ވެއެވެ. ނަމަވެސް އެ ތަނަކީ މީހުން ދިރިއުޅެން އެންމެ ރައްކާތެރި ތަނެއް ނޫން ކަމަށް ނިންމާ ރައީސް ޔާމީންގެ ސަރުކާރުން ވަނީ ގުޅިފަޅުން ފްލެޓު ލިބުނު ފަރާތްތަކަށް ހުޅުމާލެއިން ފްލެޓު ދޭން ނިންމާ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޮޑު ހަފްލާއެއް ބާއްވާ ލިޔުން ހަވާލު ކޮށްފަ އެވެ. ނަމަވެސް ފްލެޓަށް ފައިސާ ދެއްކިތާ ހަތް އަހަރުވީ އިރު ވެސް އޭގެ ތެރެއިން ގިނަ މީހުނަށް ފްލެޓެއް ނުލިބެ އެވެ.

އެ މައްސަލާގައި ކަަންބޮޑުވުން ފާޅުކޮށް ގުޅިފަޅު ފްލެޓަށް ފައިސާ ދެއްކި މީހަކު "އަވަސް" އާ ވާހަކަދައްކަމުން ބުނީ ސަރުކާރުން ފްލެޓު ދޭނެ ކަމަށް ކަށަވަރުކޮށްދީ ލިޔުމެއް ހަވާލު ކުރުމުން އުންމީދު ކުރެވުނީ އެންމެ އަވަހަށް ދޫކުރާ ފްލެޓުތަކުން ޖާގަ ލިބޭނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ފްލެޓު ދޭނެ ކަމަށް ލިޔުން ދިން ފަރާތްތަކަށް އަޅާ ނުލާ ލިޔުމެއް ނެތް ބަޔަކަށް ފްލެޓުތައް ދީފައިވާ ކަމަށާއި އަނެއްކާ ވެސް ދެން ފްލެޓެއް ލިބޭނެ ދުވަހެއް ނޭނގި އިންތިޒާރުގައި ތިބެން ޖެހިފައިވާ ކަމަށެވެ.

އޭނަ ބުނި ގޮތުގައި ސަރުކާރުން ދޫކުރި ފްލެޓުތަކުން ވެސް ގުޅިފަޅުން ފްލެޓު ގަތް އެއްވެސް މީހަކަށް ފްލެޓު ނުދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ވާހަކަ ދެއްކެވުމުން ގުޅިފަޅު ފްލެޓަށް ފައިސާ ދެއްކި 18 މީހަކަށް ފްލެޓު ދީފައިވާ ކަމަށެވެ. -- މި ކަމާ ގުޅިގެން އަސްމާގެ ބަހެއް ނުލިބުނެވެ.

"އެ 18 މީހުންނަށް ވެސް ފްލެޓު ދޭން ޖެހޭ، އެ މީހުންނަށް ލިބުމުން ވެސް ރަނގަޅު، ނަމަވެސް ދެން ތިބި އެންމެން ވެސް ފައިސާ ދައްކައިގެން ތިބޭތާ މިހާރު މިވަނީ ހަތް އަހަރު، ފްލެޓު ދޭނެ ކަމުގެ ލިޔުން ދިންތާ ވެސް އެހާ ދުވަސް ވެއްޖެ، އެންމެންގެ ވެސް ދިރިއުޅުމުގެ ހާލަތު ވަރަށް ދަށް، އެންމެން ވެސް މި ތިބެނީ ކުއްޔަށް، ދަތި ހާލުގަ އުޅެމުން އުމުރު ދުވަހު އެއްކުރި ފައިސާ އެހުރީ ގުޅިފަޅު ފްލެޓުތަކަށް ދައްކާފައި ހަލާސްކޮށްފައި، އެހެން ނޫން ނަމަ އެ ފައިސާއިން ވިޔަފާރިއެއްކޮށްގެން ވެސް ކޮންމެވެސް ފައިދާއެއް ނެރެވުނީސް، އޭގެ ބަދަލުގައި މިހާރުވީ ގޮތުން އެ މީހުންގެ އަތުގައި ނެތް ފައިސާއެއް، މިތިބެނީ ފްލެޓުގެ އިންތިޒާރުގައި، ލިބޭނެ ދުވަހެއް ނޭނެގެ،" އޭނާ ބުންޏެވެ.

ހައުސިން މިނިސްޓްރީން އެންމެ ފަހުން ދާއިމީ ލިސްޓު އިއުލާން ކުރި އިރު ގުޅިފަޅުން ފްލެޓު ގަތް 18 މީހުން ހޮވާފައި ވަނީ ކޮން ތަރުތީބަކުން ކަން ނުވަަތަ ކޮން އުސޫލަކުން ކަން ސާފު ނުވާތީ ވެސް އެ ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރި އެވެ. ފްލެޓަށް ފައިސާ ދިން ފަރާތްތަކުން ހަދާފައިވާ ވައިބާ ގްރޫޕުގައި ވެސް އެ މައްސަލަ ވަނީ ވަރަށް ހޫނުވެފަ އެވެ.

ނަން ހާމަ ނުކުރަން ޝަރުތުކޮށް އަވަސްއާ ވާހަކަދެއްކި މީހާ ބުނީ ފްލެޓް ކަންތަކުގައި އެ މީހުންގެ ތެރެއިން އެކުލަވައިލި 18 މީހުންގެ ކޮމިޓީން 15 ފަރާތަކަށް ފްލެޓް ލިބިފައިވާ ކަމަށާއި އެ ކޮމެޓީގެ ގާތްގަނޑަކަށް ހުރިހާ މެންބަރުންނަށް ފްލެޓް ދިނީ އެ ފަރާތްތަކުގެ އަނގަ ބަންދުކޮށް ކުރަން ކަމަށް އޭނާ ތުހުމަތު ކުރާ އެވެ.

"އުސޫލެއްގެ މަތިންދޭނަމަ ހައުސިން މިނިސްޓްރީން ޖެހޭ ލިސްޓެއް ހަދާފައި ނެރެން، ނަމަވެސް ލިސްޓް އާންމު ނުކޮށް އެ 18 މީހުންނަށް ވަކި ވަކިން ގުޅާފަ ފްލެޓް ލިބުނު ކަމުގެ ސިޓީ ބަލާ ދާން ބުނި، ހަތަރު މީހަކު ބުނި ފްލެޓް ލިބުނު ކަމަށް، ސިޓީ ބަލާދާން ވެސް ގުޅި، ފްލެޓް ލިބިފަ އެބަހުރި އިވެލުއޭޓް ކުރަން ނާންނަ ގޭގެ މީހުންނަށް ވެސް، އެމީހުންނަށް ފްލެޓް ލިބިފައިވަނީ ކޮން އުސޫލެއްގެ ދަށުންކަން މިފަހަރު ފްލެޓް ނުލިބޭ ފަރާތްތަކަށް އެނގެން ޖެހޭ،" އޭނާ ބުންޏެވެ. "އަޅުގަނޑުމެންނަށް ފްލެޓް ދިނުމުގައި އެއްވެސް އުސޫލެއް ނެއް، މިފަހަރު ފްލެޓް ލިބުނު މީހުންނަށް އެ ފްލެޓް ލިބުނީ ކިހިނެއް ކަމެއް ނޭނގެ، އަޅުގަނޑު މެންނަށް މިހާރު ނުލިބި ފަހުން ލިބެންވީ ކީއްވެ ކަމެއް ނުއެއް އިނގޭ، ޕޮއިންޓް ދީގެން އެކަން ކުރި ނަމަވެސް އެކަން ހާމަ ކުރަން އެބަ ޖެހޭ، އަޅުގަނޑަކަށް ނޭނގެ އަޅުގަނޑަށް ލިބުނީ ކިހާ ޕޮއިންޓެއް ކަމެއް، އެއީ މައްސަލައަކީ،"

މި މައްސަލާގައި ބަހެއް ހޯދުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއަށް ގުޅުމުން އެ މަނިކުފާނުވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އަދި ފޮނުވި މެސެޖުތަކަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.

ގުޅިފަޅުން ފްލެޓްގަތް ފަރާތްތަކުން، ޖީޑީޕީއަށް 37 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. ޖީޑީޕީ އިން އެ ފައިސާ ފްލެޓް ގަތް ބައެއް ފަރާތްތަކަށް އަނބުރާ ދީފައެއް ނުވެ އެވެ. ގުޅިފަޅުން 184 ފްލެޓް ގަންނަން 158 މީހަކު ފައިސާ ދެއްކި އެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ ދެ ފްލެޓަށް ވާވަރަށް ވެސް ފައިސާ ދައްކާފަ އެވެ.